Roadha Mihaaru
ހައްޖު ކިއޫގައިޖެހެން 235 މިލިއަން ރުފިޔާ ދައްކައިފި

ހައްޖު ކިއޫގައި ތިބި 3،750 މީހުން 235 މިލިއަން ރުފިޔާ ދައްކައިފި

24 އޮކްޓޯބަރ 2022

ސަރުކާރުން ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން މިދިޔަ މަހުގެ ނިޔަލަށް 3،750 މީހަކު ކިއޫގައި އެބަތިބި ކަމަށާއި އެ މުއްދަތަށް އެ މީހުން ދެއްކި ފައިސާގެ އަދަދު 235 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

ސަރުކާރުން ހައްޖާއި އުމްރާ އަށް މީހުން ގެންދިއުމަށް އުފައްދާފައިވާ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދާން މިދިޔަ މަހުގެ ނިޔަލަށް 3،750 މީހަކު ކިއޫގައި އެބަތިބި ކަމަށާއި އެ މުއްދަތަށް އެ މީހުން ދެއްކި ފައިސާގެ އަދަދު 235 މިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގައިވާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 އާ ހަމަޔަށް ހައްޖު ކިއޫގައި 3،750 މީހަކު ތިބި އިރު އެ މީހުން ދައްކާފައިވާ ފައިސާގެ އަދަދަކީ 235,796,346.01ރ. އެވެ.

ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނުން މިހާރު ހައްޖު ދަތުރަކަށް މީހަކަށް ނަގަނީ 69,965ރ. އެވެ. ހައްޖަށް ދާން ކިއުގައި ޖެހޭނީ ހައްޖަށް ދާން ނަގާ ޖުމްލަ ފީގެ މަދުވެގެން 75 ޕަސެންޓް ދެއްކުމުންނެވެ. އެހެންވެ މިހާރު 52،500ރ. ދެއްކުމުން ކިއޫގައި ޖެހޭނެ އެވެ. މާނައަކީ ކިއުގައި ތިބި އެންމެންނަކީ ފައިސާ އެއްކޮށް ދައްކާފައިވާ މީހުންނަށް ނުވުމެވެ.

ހައްޖަށް ދާން އެދި ހުށަހެޅި މީހުން ދެއްކި ފައިސާގެ ތެރެއިން ހައްޖު ކޯޕަރޭޝަންގައި މިހާރު ހުރީ ކިހާ ފައިސާއެއްތޯ އޮޅުންފިލުވަން އެދުމުން އެ ކޯޕަރޭޝަނުން ބުނީ އެއީ ވިޔަފާރީގެ ސިއްރު މައުލޫމާތު ކަމަށާއި އެހެންވެ މައުލޫމާތު ހޯދައި ލިބިގަތުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ނުދޭން ނިންމީ ކަމަށެވެ. މީގެ އިތުރުން ހައްޖަށް ގެންދިއުމަށް އެވްރެޖްކޮށް މީހަކަށް ހިނގާ ހަރަދަކީ ވެސް ވިޔަފާރީގެ ސިއްރެއްގެ ގޮތުގައި ބަލައި، އެ މައުލޫމާތު ވެސް ހާމައެއް ނުކުރި އެވެ.

ނަމަވެސް ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައި އެންމެ ފަހުން ޝާއިއުކޮށްފައިވާ އަހަރީ ރިޕޯޓް ކަމަށްވާ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ ރިޕޯޓްގައިވާ ގޮތުން ޑިސެމްބަރު 31، 2020 ގެ ނިޔަލަށް ބޭންކްގައި ހުރި ފައިސާގެ ތެރެއިން، "ކަސްޓަމަރުންގެ އެޑްވާންސް" ފައިސާގެ އަދަދަކީ 151،350،543ރ. އެވެ. މި މުއްދަތުގައި ކުންފުންޏަށް ވެފައިވަނީ 1.6 މިލިއަން ރުފިޔާގެ ގެއްލުމެވެ. އަދި 2019 ވަނަ އަހަރު 12.2 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.

ހައްޖު ކޯޕަރޭޝަނަށް ގެއްލުން ވިޔަސް މީހުން ހައްޖަށް ގެންދާ އަމިއްލަ ކުންފުނިތަކުން މިކަން ކުރަނީ ފައިދާގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހެދި ހައްޖުގެ އަޅުކަމަށް ވެސް ހުރަސްއެޅުނެވެ. ސައޫދީން ވަނީ ގައުމުތަކަށް ދޭ ހައްޖު ކޯޓާ މަދުކޮށްފަ އެވެ. މީގެ ކުރިން ހާހުން ކޯޓާ ދިން ނަމަވެސް މިފަހަރު ވެސް ރާއްޖެއަށް ލިބުނީ އެންމެ 453 ޖާގަ އެވެ. ކޯޓާގެ ދަތިކަމާ ހެދި ހައްޖު ކިއޫ ވަނީ ދިގުވެފަ އެވެ. ކުރީގެ އުސޫލާ އެއްގޮތަށް ފުރުސަތު ލިބޭ ނަމަ ތިން އަހަރުގެ ތެރޭގައި ކިއު ހުސްކޮށްލެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ކުރިން ބުނެފައިވެ އެވެ.