Roadha Mihaaru
ފުލުގައި އޮތް ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެއްޖެ

ފުލުގައި އޮތް ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެއްޖެ

22 އޮކްޓޯބަރ 2022

ނޮޓިންހަމްޝަޔާ (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނޮޓިންހަމްޝަޔާ (އޮކްޓޫބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮތް ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި 1-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މި ސީޒަންގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު 55 ވަނަ މިނިޓުގައި ޖަހައިދިނީ، މި ސީޒަންގައި އެޓީމަށް ގެނައި ނައިޖީރިއާގެ ފޯވާޑް ޓައިވޯ އޮވޮނިޔީ އެވެ. އޭނާ ގޯލު ޖެހީ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

އޮވޮނިޔީ އަކީ ލިވަޕޫލަށް ވާދަވެރި އެއްވެސް މެޗެއް ނުކުޅެ 2021 ވަނަ އަހަރު އެޓީމު ދޫކޮށްލި ކުޅުންތެރިއެކެވެ. މިދިޔަ އަހަރު ލިވަޕޫލް ދޫކޮށްލުމުގެ ކުރިން އޭނާ ވަނީ ނެދަލެންޑްސް އާއި ބެލްޖިއަމް އަދި ޖަރުމަނުގައި ލޯނު އުސޫލުން ކުޅެފަ އެވެ. ފޮރެސްޓުން އޭނާ ގެނައީ ޖަރުމަންގެ ޔޫނިއަން ބާލިން އިންނެވެ.

ލިވަޕޫލަށް ގޯލު ޖަހަން ފުރަތަމަ ހާފުގައި ލިބުނު އެންމެ ހުސް ފުރުސަތުގައި ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލިބުނު ފުރުސަތުގައި ބޭނުމެއް ނުކުރެވުނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލަށް އެއްވަރު ކޮށްދޭން ވެން ޑައިކް ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު ޑީން ހެންޑަސަން އެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ، މެޗުން މޮޅުވާ ވަރަށް ގޯލު ޖަހަން ފުރުސަތު ލިބުނު ނަމަވެސް މޮޅު ނުވެވުނީ ނިންމާ ނުލެވިގެން ކަމަށެވެ. އަދި އޭގައި ޒިންމާ ނަގަން ޖެހޭނީ ހަމަ ލިވަޕޫލުން ކަމަށް ވެސް ކްލޮޕް ބުންޏެވެ.

"ލިބޭ ފުރުސަތުތަކުގައި ނިންމާ ނުލެވުމުން އޭގައި ކުށްވެރި ކުރާނީ ވަކި ކާކު؟ އޭގެ ބައިވަރު ބަޔަކު ނޫޅޭ، އެއީ ހަމައެކަނި އަހަރެމެން. މިއީ އަހަރެމެންނަށް ލިބުނު ބޮޑު ގެއްލުމެއް. އެއީ އަހަރެމެން ކޮންމެހެން ވެސް ބޭނުންވީ ތިން ޕޮއިންޓް،" ކްލޮޕް ބުންޏެވެ.

"މި ނަތީޖާ އަހަރެންނަކަށް ނުވިސްނުނު. ނަތީޖާ ނުކުމެފައި ވަނީ ހައެއް ނުވަތަ ހަތް ހާލަތެއްގެ ތެރެއިން، އެއީ އެމީހުން ބޭނުން ހިފި ސެޓް ޕީސް ތަކާއި، އަހަރެމެން އޭގެ ބޭނުން ނުހިފި ސެޓްޕީސްތަކުން. މިއީ އުނދަގޫ މެޗެއް."

ފޮރެސްޓުން 23 އަހަރު ފަހުން ޕްރިމިއާ ލީގާ ކުރިމަތި ލީއިރު، ސީޒަންގެ ފެށުން އެޓީމަށް މާ ކާމިޔާބެއް ނޫނެވެ. ގިނަ ޓްރާންސްފާތަކަކާ އެކު ވެސް މިރޭގެ ކުރިން އެޓީމު މޮޅު ވެފައި ވަނީ އެންމެ މެޗަކުންނެވެ. މިއާ އެކު ވެސް ފޮރެސްޓުން ވަނީ އެޓީމުގެ ކޯޗު ސްޓީވް ކޫޕާ އަށް އިތުބާރު ކޮށް، 2025 ވަނަ އަހަރާ ހަމައަށް އޭނާ ކުލަބުގައި ބަހައްޓަން އެއްބަސްވުން އާ ކޮށްފަ އެވެ.

ލިވަޕޫލް އަތުން ހޯދި މޮޅަކީ ފޮރެސްޓުން ލީގުގައި މި ސީޒަނުގައި ހޯދި ދެވަނަ މޮޅެވެ. މިއާ އެކު ފޮރެސްޓް ވަނީ ނުވަ ޕޮއިންޓް ހޯދައިގެން ތާވަލްގެ 19 ވަނައަށް ޖެހިލައިފަ އެވެ. އަދި އަށް ޕޮއިންޓު ހޯދާފައިވާ ލެސްޓާ ސިޓީ ވަނީ އެންމެ ފުލަށް ވެއްޓިފަ އެވެ.

ލިވަޕޫލް އޮތީ ކުޅުނު 11 މެޗުން ލިބުނު 16 ޕޮއިންޓާ އެކު ހަތްވަނައިގަ އެވެ. ލިވަޕޫލް ވަނީ މިހާތަނަށް ލީގުގައި ތިން މެޗުން ބަލި ވެފަ އެވެ. އަދި ހަތަރު މެޗުން މޮޅުވެފައި ވާއިރު މި ހަތަރު މެޗަކީ ވެސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުތަކެވެ.

ހާލަންޑް، ސިޓީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ހާލަންޑް، ސިޓީގެ ދެވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް އަތުން މި ސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވި މެންޗެސްޓާ ސިޓީ ވަނީ އަމިއްލަ ދަނޑުގައި މިރޭ 3-1 އިން ބްރައިޓަން ބަލިކޮށް، އެއްވަނައިގައި އޮތް އާސެނަލް އާ ޕޮއިންޓެަކާ ގާތަށް ޖެހިލައިފަ އެވެ.

ސިޓީ އަށް 11 މެޗުން 27 ޕޮއިންޓް ލިބިފައި ވާއިރު، އާސެނަލް އެއްވަނައިގައި އޮތީ 10 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީ އަތުން ޕޮއިންޓެއް ނުލިބުމުން ބްރައިޓަން އޮތީ 11 މެޗުން ހޯދި 15 ޕޮއިންޓާ އެކު، ޓޭބަލްގެ އަށްވަނައިގަ އެވެ.

ސިޓީ އިން ފުރަތަމަ ހާފު ނިންމާލީ އާލިން ހާލަންޑް ގެ ލަނޑުތަކުން ދެ ގޯލުގެ ލީޑެއްގަ އެވެ. ފުރަތަމަ ލަނޑު 22 ވަނަ މިނިޓުގައި ޖެހި އިރު، ދެވަނަ ލަނޑު 43 ވަނަ މިނިޓުގައި ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ލީގުގައި ކުޅުނު 11 މެޗުން ހާލަންޑް ކާމިޔާބުކުރި 17 ވަނަ ލަނޑެވެ.

ދެވަނަ ހާފުގައި 53 ވަނަ މިނިޓުގައި ލިއަންޑްރޯ ޓްރޮސާޑް ބްރައިޓަން އަށް ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްދީފައި ވަނިކޮށް، ސިޓީގެ ތިންވަނަ ލަނޑު، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ކާމިޔާބު ކޮށްދިނީ ކެވިން ޑިބްރޭނާ އެވެ.

ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވި އެވަޓަން ވަނީ މިރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 3-0 އިން މޮޅު ވެފަ އެވެ.

ފުރަތަމަ ހާފުގައި އެވަޓަން އަށް ލީޑު ނަގައިދިނީ ފޯވާޑް ޑޮމިނީކް ކެލްވާޓް ލެވީން އެވެ. އަދި ދެވަނަ ހާފުގައި އެޓީމުގެ ލަނޑުތައް ޖަހައިދިނީ އެންތަނީ ގޯޑޮން އާއި ޑްވައިޓް މެކްނީލް އެވެ.

މި މޮޅާ އެކު އެވަޓަން ވަނީ، ޕެލަސް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން، އެޓީމާ އެއްވަރަށް 13 ޕޮއިންޓް ހަމަކޮށް، ތާވަލްގެ 11 ވަނައަށް ޖެހިލައިފަ އެވެ.