Roadha Mihaaru
ޔޫކްރޭނުން އީރާނާ ގުޅުން ކަނޑާލައިފި

ޔޫކްރޭނުން އީރާނާ ގުޅުން ކަނޑާލައިފި

19 އޮކްޓޯބަރ 2022

އީރާނާ އެކުގައި ގާއިމުކޮށްފައި އޮތް ޑިޕްލޮމެޓިކް ގުޅުން ޔޫކްރޭނުން އިއްޔެ ކަނޑާލައި، އެކަން ރަސްމީކޮށް އެ ގައުމުން އިއުލާންކޮށްފި އެވެ.

އީރާނާ އެކުގައި ގާއިމުކޮށްފައި އޮތް ޑިޕްލޮމެޓިކް ގުޅުން ޔޫކްރޭނުން އިއްޔެ ކަނޑާލައި، އެކަން ރަސްމީކޮށް އެ ގައުމުން އިއުލާންކޮށްފި އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި އީރާނާ އެކުގައި އޮތް ގުޅުން ކަނޑައިލަން ޖެހުނީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި ޔޫކްރޭންގެ އަމާޒުތަކަށް ހަމަލާ ދިނުމަށް، އީރާނުން ޑްރޯން މަތިންދާބޯޓު ފޯރުކޮށްދީފައިވާތީ އެވެ. ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުގެ ބޮޑެތި ސަހަރުތަކަށް ރަޝިޔާ ސިފައިން މިހާރު ދެމުން އަންނަ ހަމަލާތަކުގައި ގިނައިން ބޭނުންކުރަނީ، އީރާނުގައި އުފައްދާފައި ހުރި "ޝާހިދު 136" މަރުކާގެ ކަމިކާޒޭ ޑްރޯން އެވެ.

މިދިޔަ ދެ ހަފުތާގައި ޔޫކްރޭންގެ ބޮޑެތި ސަހަރުތަކުގެ އިންފްރާސްޓްރަކްޗާތަކަށް ރަޝިޔާ އިން ދިން ހަމަލާތަކުގައި މުޅިންހެން ބޭނުންކުރީ ޝާހިދު 136ގެ ޑްރޯން އެވެ. އެ ހަމަލާތަކުގައި ޔޫކްރޭންގެ ވަރަށް ގިނަ އިންޖީނުގެތަކާއި ސަރުކާރުގެ ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އާންމުންގެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ޔޫކްރޭނުން ބުނެ އެވެ.

"އީރާންގެ އެ އަމަލަކީ ވަރަށް ފިނޑި އަދި މަކަރުވެރި އަމަލެއް. އެހެން ވިޔަސް އަހަރެމެން އެމީހުންނަށް ގޯނާއެއް ނުކުރާނަން. އީރާނުން އެ ހުރިހާ ކަމެއް އެކުރީ، މި ހަނގުރާމަ އަށް ތާއީދު ނުކުރާނެ ކަމަށާއި، ހަނގުރާމައިގެ އެއްވެސް ބައިވެރިއަކަށް ހަތިޔާރު ފޯރުކޮށްނުދޭނެ ކަމަށް އީރާނުން ބުނެފައި ވަނިކޮށް،" ޔޫކްރޭންގެ ޚާރިޖީ ވަޒީރު ޑިމިޓްރީ ކުލޭބާ ވިދާޅުވި އެވެ.

ހުޅަނގުގެ ޖާސޫސީ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ބުނާ ގޮތުގައި އީރާނުން ރަޝިޔާ އަށް ހަތިޔާރު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ގާއިމުކުރީ، އީރާންގެ އިންގިލާބީ ލަޝްކަރުގެ އިސް އޮފިސަރުންތަކެއް މި މަހުގެ ކުރީކޮޅު ރަޝިޔާއަށް ކުރި ޒިޔާރަތެއްގަ އެވެ. މި މަހުގެ 6 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ޝާހިދު 136 މަރުކާގެ ޑްރޯންގެ އިތުރުން، ބިމުން ބިމަށް ހަމަލާ ދިނުމަށް އީރާނުގައި އުފައްދާފައިވާ ފާތިހް މަރުކާގެ މިސައިލާއި ޒުލްފިގާރު މަރުކާގެ މިސައިލް ވެސް ރަޝިޔާ އަށް ފޯރުކޮށްދޭނެ އެވެ.

ރަޝިޔާ އިން މިހާރު ބޭނުންކުރަމުން އަންނަ އީރާންގެ ޑްރޯންތަކާ ދެކޮޅަށް ބޭނުންކުރުމަށް، ވައިގެ ދިފާއީ ނިޒާމުތައް ޔޫކްރޭނަށް ފޯރުކޮށްދިނުމަށް ނޭޓޯ އިން އިއްޔެ ވަނީ ވައުދުވެފަ އެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ހެންސް ސްޓޯލެންބާގް އިއްޔެ ވިދާޅުވީ ޑްރޯންތަކާ ދެކޮޅަށް ހަމަލާ ދިނުމަށް ބޭނުންކުރެވޭނެ ވައިގެ ދިފާއީ ނިޒާމުތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރޭނަށް ފޮނުވާނެ ކަމަށެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވި ގޮތުގައި މިދިޔަ ދެ ހަފުތާގެ ތެރޭގައި ރަޝިޔާ އިން ދިން ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ކަރަންޓު ވިއުގައިގެ ތިން ބައިކުޅަ އެއް ބައި ވަނީ ހަލާކުވެފަ އެވެ. ވަރަށް ގިނަ އިންޖީނުގެތައް ހަލާކުވުމުގެ ސަބަބުން، ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފަ އެވެ.

"ކަމިކާޒޭ" އަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ދުޝްމަނުންގެ އަމާޒުތަކަށް ހަމަލާ ދިނުމުގައި ޖަޕާނުން ބޭނުންކުރި ވައިގެ ސިފައިންގެ ލަޝްކަރަކަށް ދީފައިވާ ނަމެކެވެ. އެ ލަޝްކަރުގެ ދައުރަކީ، ހަތިޔާރު ބަރުކޮށްފައި ހުންނަ މަތިންދާބޯޓުގައި ގޮސް، ދުޝްމަނުންގެ އަމާޒުތަކަށް ބޯޓާއެކު ޖެހިގަނެ ޖާނުން ފިދާވުމެވެ.

އީރާނުގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކަކީ ވެސް އޭގައި ގިނަ އަދަދެއްގެ ގޮވާތަކެތި ހަރުކޮށް، ދުއްވާފައި ގޮސް ދުޝްމަނުންގެ އަމާޒަށް ޖެހިގަތުމާއެކު ގޮވާ ގޮތަށް، ޕައިލެޓަކާ ނުލައި ދުއްވުމަށް ތައްޔާރުކޮށްފައިވާ ކުދި މަތިންދާބޯޓުތަކެކެވެ.