Roadha Mihaaru
އެސްއެމްއީ ހަބަށް އެދި ހުށަހަޅާ މުއްދަތު އިތުރުކޮށްފި

އެސްއެމްއީ ހަބަށް ކުރިމަތިލުމުގެ ސުންގަޑި އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފި

19 އޮކްޓޯބަރ 2022

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރު ހުޅުވަން ނިންމާފައިވާ "އެސްއެމްއީ ހަބް" ގައި، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރު ހުޅުވަން ނިންމާފައިވާ "އެސްއެމްއީ ހަބް" ގައި، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ހަފުތާގެ އަންގާރަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ.

ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ އެ މުއްދަތު އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް އަންނަ ހަފުތާގެ އަންގާރަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް މިހާރު މުއްދަތު އިތުރު ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ވެ އެވެ.

ޗާންދަނީ މަގުގައި ހުންނަ އެސްޓީއޯ އެލައިޑް އިމާރާތުގައި ހަދާ އެ ހަބުގެ ބޭނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަ ކުރިއެރުވުމެވެ. އެކި ދާއިރާތަކުގެ ވިޔަފާރިތަކަށް މާކެޓުން ފުރުސަތު ހޯދައިދިނުމާއި އެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަކީ ވެސް މަގުސަދެއް ކަމަށް ބީސީސީން ބުންޏެވެ.

އެ ތަނުގެ ފުރަތަމަ ބުރި ހާއްސަ ކުރަނީ ކާބޯތަކެއްޗަށް ކަމަށް ވާއިރު 16 ކިއޮސްއެއް އެ ބުރީގައި ހުންނާނެ އެވެ. އެކި ސައިޒުތަކަށް ހުންނަ ކިއޮސްކުތަކުގެ އެހެނިހެން ހަރަދުތަކާއެކު ކުއްޔަކީ މަހަކު 8،900ރ.- 12،400ރ. އާ ދެމެދެވެ.

ކިއޮސްކްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން، ފޯމު ފުރުމަށް ފަހު ބީސީސީގެ މެއިލް މެދުވެރިކޮށް ނުވަތަ އެ ކޯޕަރޭޝަންގެ އޮފީހަށް ހުށަހެޅޭނެ އެވެ.

"އެސްއެމްއީ ހަބް" ގައި ކާބޯތަކެތީގެ ވިޔަފާރިތަކުގެ އިތުރުން ކުރެހުމާއި އަތްތެރި މަސައްކަތާއި ފެޝަން އެންޑް އެކްސެސަރީސް އާއި ގަހުގެ ވިޔަފާރި އާއި ލިޔުންތެރިންގެ ފޮތްތަކާއި ލިޔުންތަކާއި ދިވެހި ބޭސްވެރިކަމުގެ އުފެއްދުންތަކާއި ޕާފޯމިން އާޓްސް އަދި މޭކަޕް ފަދަ ވިޔަފާރިތަކަށް ވެސް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.