Roadha Mihaaru
ދިވެހިންގެ އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާނަށް

ދިވެހިންގެ އުފެއްދުންތައް ފުރަތަމަ ފަހަރަށް ޖަޕާނު މާކެޓަށް ނެރެފި

25 ޑިސެމްބަރ 2022

ދިވެހިންގެ އުފެއްދުން ފުރަތަމަ ފަހަރަށް ޖަޕާނު މާކެޓަށް އިއްޔެ ތައާރަފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދިވެހިންގެ އުފެއްދުން ފުރަތަމަ ފަހަރަށް ޖަޕާނު މާކެޓަށް އިއްޔެ ތައާރަފުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ "އޯތެންޓިކް މޯލްޑިވްސް" ގެ ދަށުން ވިއްކާ ދިވެހިންގެ އުފެއްދުންތައް ތައާރަފުކުރީ، ޖަޕާން އެކްސްޓާނަލް ޓްރޭޑް ކޯޕަރޭޝަން (ޖެޓްރޯ)އާ ގުޅިގެން ކަމަށެވެ.

އެ ކޯޕަރޭޝަންގެ "ވަން ވިލެޖު ވަން ޕްރޮޑަކްޓު"ގައި ރާއްޖޭގެ އުފެއްދުންތައް ދައްކާލަން ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަފީރު ހަސަން ސޯބިރާއި ޑެޕިއުޓީ އެމްބެސެޑަރު މުހައްމަދު އަމީތު އަދި އެ ޖަމާއަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

"ވަން ވިލެޖު ވަން ޕްރޮޑަކްޓް" އަކީ އެހެން ގައުމުތަކުގެ ވިޔަފާރި އުފެއްދުންތައް ޖަޕާނުގެ މާކެޓުތަކަށް ތައާރަފުކުރަން ގެންދާ ހަރަކާތެކެވެ.

އެ ޕްރޮގްރާމްގެ ދަށުން އެެ ގައުމުގެ އެއާޕޯޓުތަކުގެ އައުޓްލެޓުތަކާއި ޕްރޮގްރާމުގައި ބައިވެރިވާ ގައުމުތަކުގެ އުފެއްދުންތައް ޑިސްޕްލޭކޮށް އަދި ޒިޔާރަތްކުރާ މީހުންނަށް ގަނެވޭނެ މަގު ފަހިކޮށްދެ އެވެ.

ދިވެހިންގެ އުފެއްދުންތައް ޖަޕާނުގެ ނަރީޓާ އެއާޕޯޓާއި ކަންސައި އެއާޕޯޓުން މިހާރު ލިބެން ހުންނާނެ ބިޒްނަސް ކޯޕަރޭޝަނުން ބުންޏެވެ. އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ޖެޓްރޯއިން އިންތިޒާމުކޮށްގެން ބާއްވާ ސޭލްސް އިވެންޓުތަކުގައި ވެސް އޯތެންޓިކް މޯލްޑިވްސް ބްރޭންޑުގެ ދަށުން ވިއްކާ ދިވެހިންގެ އުފެއްދުންތައް ޑިސްޕްލޭކޮށް ލިބެން ހުންނާނެ ކަމަށް ބުނެ އެވެ.

ކުރިއަށް އޮތް ތަނުގައި އެ ޕްރޮގްރާމްގެ ދަށުން ލިބެން ހުންނަ ތަކެތި އިތުރުކުރަން ވަނީ ނިންމައިފަ އެވެ.