Roadha Mihaaru
އެސްއެމްއީ ހަބްގެ ކާބޯތަކެތީގެ ކިއޮސްކްތަައް ކުއްޔަށް

"އެސްއެމްއީ ހަބް" ގެ ކާބޯތަކެތީގެ ކިއޮސްކްތަައް ކުއްޔަށް ދޭން ހުޅުވާލައިފި

11 އޮކްޓޯބަރ 2022

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރު ހުޅުވަން ނިންމާފައިވާ "އެސްއެމްއީ ހަބް" ގައި، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން މި އަހަރު ހުޅުވަން ނިންމާފައިވާ "އެސްއެމްއީ ހަބް" ގައި، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީސީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހު މެންދުރު 2:00 އިން ހަވީރު 5:00 އެ ތަން ބަަލައިލުމުގެ ފުރުސަތު ޝައުގުވެރިވާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ އެ ކޮމާޝަލް ހަބް ހުޅުވަން ހަމަޖެހިފައިވަނީ ޗާންދަނީމަގުގައި ހުންނަ އެސްޓީއޯ އެލައިޑް އިމާރާތުގަ އެވެ.

"އެސްއެމްއީ ހަބް" ގެ ފުރަތަމަ ފްލޯގައި ހުންނަ ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަ ކިއޮސްކްތައް--- ފޮޓޯ: ބީސީސީ

"އެސްއެމްއީ ހަބް" ގެ ފުރަތަމަ ފްލޯގައި ހުންނަ ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަ ކިއޮސްކްތައް--- ފޮޓޯ: ބީސީސީ

ބީސީސީން ބުނި ގޮތުގައި، މި ހަބް ގާއިމްކުރުމުގެ މަގުސަދަކީ އެކި ދާއިރާތަކުގެ ވިޔަފާރިތަކަށް މާކެޓުން ފުރުސަތު ހޯދައިދިނުމާއި އެ ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީވުމެވެ. އެގޮތުން، ފުރަތަމަ ފްލޯ ހާއްސަ ކޮށްފައިވަނީ ކާބޯތަކެތީގެ ވިޔަފާރިތަކަށެވެ.

ޖުމްލަ 16 ކިއޮސްކެއް ފުރަތަމަ ފްލޯގައި ހުރެ އެވެ. އޭގެތެރޭގައި ބުއިންތަކަށް ހާއްސަ ތިން ކިއޮސްކެއް ހިމެނެ އެވެ. އެކި ކިއޮސްކްތަކުގެ ސައިޒު ތަފާތެވެ. ސައިޒުތައް އުޅެނީ 37 އަކަފޫޓާއި 60 އަކަފޫޓާ ދެމެދުގަ އެވެ.

"އެސްއެމްއީ ހަބް" ގައި ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކުގެ ތަފްސީލް. ---ބީސީސީ

"އެސްއެމްއީ ހަބް" ގައި ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ކިއޮސްކްތަކުގެ ތަފްސީލް. ---ބީސީސީ

ފުރަތަމަ ފްލޯގައި ހުރި ކިއޮސްކްތަކަށް ބޭނުންވާ އެހެނިހެން ހަރަދުތަކާ އެކު ދައްކަން ޖެހޭ ކުލި އުޅެނީ 8،900ރ. އިން 12،400ރ. އާ ދޭތެރޭގަ އެވެ. އަދި ކޮންމެ ކިއޮސްކަކާ އެކު މައިކްރޯވޭވަކާއި މިނީ ފްރިޖެއް ލިބެން ހުންނާނެ ކަމަށް ބީސީސީން ބުންޏެވެ.

އެ ކިއޮސްކްތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން، ފޯމް ފުރުމަށް ފަހު ބީސީސީގެ މެއިލް މެދުވެރިކޮށް ނުވަތަ އެ ކޯޕަރޭޝަންގެ އޮފީހަށް ފޯމް ހުށަހެޅޭނެ އެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ ހަފްތާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އެވެ.

"އެސްއެމްއީ ހަބް" ގެ ފުރަތަމަ ފްލޯގައި ހުންނަ ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަ ކިއޮސްކްތައް ---ފޮޓޯ: ބީސީސީ

"އެސްއެމްއީ ހަބް" ގެ ފުރަތަމަ ފްލޯގައި ހުންނަ ކާބޯތަކެތީގެ ވިޔަފާރިތަކަށް ހާއްސަ ކިއޮސްކްތައް ---ފޮޓޯ: ބީސީސީ

"އެސްއެމްއީ ހަބް" ގައި ކާބޯތަކެތީގެ ވިޔަފާރިތަކުގެ އިތުރުން ކުރެހުމާއި އަތްތެރި މަސައްކަތާއި ފެޝަން އެންޑް އެކްސެސަރީސް، ގަހުގެ ވިޔަފާރި، ލިޔުންތެރިންގެ ފޮތްތަކާއި ލިޔުންތައް، ދިވެހި ބޭސްވެރިކަން، ޕާފޯމިން އާޓްސް އަދި މޭކަޕް ފަދަ ވިޔަފާރިތަކަށް ވެސް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އެ ހަބް ރަސްމީކޮށް ހުޅުވާނެ ވަކި ތާރިހެއް އެ ކޯޕަރޭޝަނުން އަދި ހާމައެއް ނުކުރެ އެވެ.