Roadha Mihaaru

ކައުންސިލުން ސިޓީ ޕާކު އަލުން ތަރައްގީކުރަނީ

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ސިޓީ ޕާކުގައި އާ ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި، އެ ތަނުގެ ކުރެހުންތައް ދައްކާލައިފި އެވެ.

ކައުންސިލުން ސިޓީ ޕާކު އަލުން ތަރައްގީކުރަނީ
އާސިމާ ނިޒާރު
އާސިމާ ނިޒާރު

14 އޮކްޓޯބަރ 2022

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ސިޓީ ޕާކުގައި އާ ޕާކެއް ހަދަން މާލެ ސިޓީ ކައުންސިލުން ނިންމައި، އެ ތަނުގެ ކުރެހުންތައް ދައްކާލައިފި އެވެ.

އެ ކައުންސިލްގެ ވެބްސައިޓުގައި ރޭ ބުނީ ގަލޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީކުރާ ޕާކުގައި ކުޑަކުދިން ކުޅޭ "ޕްލޭ އޭރިއާ" އަކާއި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ އުނދޯއްޔެއް ހަދާނެ ކަމަށެވެ.

ޕާކްގައި ހިމެނޭނެ ތަންތަން

- ކުޑަކުދިން ކުޅެން ދޫކޮށްލުމަށް ފަހު ބެލެނިވެރިން އަރާމުކޮށްލަން ކުޑަކުދިން ކުޅޭ ސަރަހައްދުގައި އިށީންނާނެ ޖާގަ

- ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް"

- އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ކަސްރަތު ކުރުމަށް ހިނގާ ޓްރެކެއް

- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއް

- ފާހަނާ ބްލޮކް (އަންހެން ފިރިހެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ)

ކައުންސިލްގެ ވެބްސައިޓުގައި ބުނީ އެ ޕާކުގެ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ހަދާނެ ކަމަށެވެ. އެ ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލް ގައި 102 ސައިކަލް ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ކަނޑައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

މަގުގެ ޓްރެފިކާއި ޕާކާ ދެމެދު ބަފައެއް ލުމަށް ޕޭވްމަންޓްގައި ހަނި ޕްލާންޓާ ފޮށިތަކެއް ބަހައްޓަން ވަނީ ނިންމައިފަ އެވެ. އެ ޕްލާންޓާ ފޮށިތަކުން ޕާކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސް ތަކެއް ޑިޒައިން ކޮށްފައިވެ އެވެ. ކައުންސިލުން ބުނީ ޕްލާންޓާ ފޮށިތަކުގެ ސައިޒް ވީހާވެސް ހަނި ކޮށް، ޕޭވްމަންޓް ގައި ޕްރޭމް އަދި ފުރޮޅީގޮނޑި ދުއްވާ ޖާގަ ދީފައިވާނެ ކަމަށެވެ.

ޕާކާ ސަލާހުއްދީން މިސްކިތާ ދެމެދުގައިވާ ހަނި ގޯޅީގައި ހިނގާ ނޭދެވޭ އަމަލުތައް މަދުކުރަން އެ ސަރަހައްދު އަލިކުރަން ކައުންސިލުން ވަނީ ޕާކްގެ ފާރުގައި "އެމްބެޑެޑް ލައިޓް" ހަރުކުރަން ނިންމައިފަ އެވެ. އޭރުން، ޕާކްގެ އެތެރޭގައި ދިއްލާ ލައިޓްތަކާއެކު އެ ސަރަހައްދަށް އެކަށީގެންވާ އަލިކަން ލިބޭނެކަން ފާހަގަކުރި އެވެ.

ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމިއިރު، ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް" ގެ ނަމުގައި ދިއްލޭ ގޮތަށް މީހުންނަށް ހުޅުވާލި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.

އެ ޕާކަށް މިހާރު ވެސް މީހުން ވަދެ އެވެ. އެކަމަކު، އެ ތަން ހުރީ މާލޭގެ އެހެން ޕާކްތަކާ ހިލާފަށް މީހުންނަށް ފަސޭހައިން އިށީނދެވޭ ގޮތަކަށް ނޫނެވެ.