Roadha Mihaaru

ސިޓީ ޕާކް ހަދަން ބަޖެޓެއް ނެތް، ވިސްނުމަކީ އަމިއްލަ ހަރަދުގައި އެކަން ކުރާނެ ބަޔަކު ހޯދުން: މުއިއްޒު

ސިޓީ ޕާކް ތަރައްގީކުރަން ބަޖެޓް ނެތުމުން މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕާކް ހަދަން ބަޖެޓް ނެތުމުން އެކަމަށް ބަޔަކު ހޯދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

26 އޮކްޓޯބަރ 2022

ސިޓީ ޕާކް ތަރައްގީކުރަން ބަޖެޓް ނެތުމުން މާލޭ ސިޓީ ކައުންސިލްގެ ވިސްނުމަކީ އަމިއްލަ ހަރަދުގައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުން ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، އެ ޕާކު ހަދަން ބޭނުންވާ ފަންޑު ހޯދުމަށް އާންމުންނަށް ހުޅުވާލުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"އެ ފަރާތަކަށް އިންސެންޓިވް އަކަށް ވާނީ މިތަނުގައިވާ ކޮމާޝަލް ސްޕޭސް. މިތަނާ ގުޅޭ ކަހަލަ ކޮންމެވެސް ބޭނުމެއް މިތަނަށް ކޮމްޕްލިމެންޓްކުރާ ކޮންމެވެސް ބޭނުމެއް ހިފޭ ކަހަލަ ކޮމާޝަލް މަސައްކަތެއް ކުރާ ފަރާތަކަށް އެތަން ލިބޭ ގޮތަށް. އަދި އޭގެން އާމްދަނީއެއް ކައުންސިލަށް ވެސް އަދި ޖުމްލަކޮށް ރައްޔިތުންނަށް ލިބޭ ކަހަލަ ކޮންސެޕްޓެއްގައި ތަން ހަދައިދޭނެ ފަރާތެއް ހޯދީމައޭ، މިކަން ކުރެވޭނީ،" މުއިއްޒު ވިދާޅުވި އެވެ.

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި މާލޭ ސިޓީ ކައުންސިލުގެ މެމްބަރުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަށެއްކަ މިލިއަން ރުފިޔާ އަކީ މި ކަހަލަ ކަމަކަށް ބޮޑު އެއްޗެއް ނޫން. އެހެން ނަމަވެސް ކައުންސިލްގެ އާމްދަނީގައި މިކަން މިހާރު ކުރަންވެއްޖެއްޔާ ދަތިތަކެއް ދިމާވެދާނެ."

ރޭގެ ޖަލްސާގައި އެ ޕާކު ތަރައްގީގުކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ގޮތުގެ ތަފްސީލާއި ޑިޒައިންގެ ތްރީޑީ މަންޒަރުތައް ވެސް ދައްކާލި އެވެ.

މުއިއްޒު ވިދާޅުވީ އެ ޕާކުގެ މަސައްކަތް ކުރާނީ މިހާރު އެތަނުގައި ހުރި ބޮޑު އެއްވެސް ގަހެއް ނުނަގާ ކަމަށެވެ. އަދި އެ ޕާކު ހަދާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުންނަށް ވެސް ފަސޭހައިން އެކްސެސްވެވޭ ތަނެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި އާންމުންގެ މީހަކު ހިޔާލު ހުށަހަޅަނީ -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑުމެން ބޭނުންވަނީ ސޮއިސިޓީގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވެސް ބޭނުންހިފޭ ޕާކަކަށް މިތަން އިރާދަކުރެއްވިޔާ ވެގެން ދިއުން. ނަމޫނާ ޕާކަކަށް ގަލޮޅު ރައްޔިތުން ޔަގީނުން ވެސް ފަހުރުވެރިވާ، މާލެ ސިޓީ ހުރިހާ ރައްޔިތުން ވެސް ޕާކަކަށް އަންނަ ހިތްވާނެ، ހިތްގައިމު ޕާކަކަށް މި ޕާކު ހެދުން،" އޭނާ ވިދާޅުވި އެވެ.

އެ ޕާކަށް ކިޔާނެ ނަމެއް ވެސް ނިންމާނީ ގަލޮޅުގެ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުރިން ބުނި ގޮތުގައި، ގަލޮޅުގެ ރައްޔިތުންގެ އެދުމުގެ މަތިން ތަރައްގީކުރާ އެ ޕާކުގައި ކުޑަކުދިން ކުޅޭ ތަނަކާއި އެންމެ ތުއްތު ކުދިންނަށް ހާއްސަ ބައެއްގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން، ފުރޮޅުލީ ގޮނޑިއާ އެކު އެރޭނެ އުނދޯއްޔެއް ހަދާނެ އެވެ.

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި ބައިވެރި ބައެއް މީހުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރަނގަޅަށް ބޭނުން ނުކުރެވި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް އެ ޕާކުގައި ބޭއްވި ޖަލްސާގައި ބައިވެރި ބައެއް މީހުން -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޕާކްގައި ހިމެނޭނެ ތަންތަން

- ކުޑަކުދިން ކުޅެން ދޫކޮށްލުމަށް ފަހު ބެލެނިވެރިން އަރާމުކޮށްލަން އިށީންނާނެ ޖާގަ

- ހާއްސަ ތީމަކަށް ހަދާ "ފްލާވާ ސީޓް" އަދި "ލީފް ސީޓް"

- އާންމުން ކަސްރަތު ކުރުމަށް އައުޓްޑޯ ޖިމެއް އަދި ހިނގާ ޓްރެކެއް

- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އައުޓްޑޯ ޖިމެއް

- ފާހަނާ ބްލޮކް (އަންހެން ފިރިހެން އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ)

ކައުންސިލުން ބުނީ އެ ޕާކުގެ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓެއް ވެސް ހަދާނެ ކަމަށެވެ. އެ ސްޕޯޓްސް އޭރިއާގެ ގްރައުންޑް ލެވެލްގައި 102 ސައިކަލް ޕާކުކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއި އަދި އެ ޒޯނާ އިންވެގެން ކޮމާޝަލް ޖާގައިގެ ގޮތުގައި ދެ ސްލޮޓް ވެސް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

މަގުގެ ޓްރެފިކާއި ޕާކާ ދެމެދު ހުރަހެއް ބެހެއްޓުމުގެ ގޮތުން ޕޭވްމަންޓްގައި ހަނި ޕްލާންޓާ ފޮށިތަކެއް ބަހައްޓަން ނިންމާފައިވެ އެވެ. އެ ޕްލާންޓާ ފޮށިތަކުން ޕާކް ތެރެއަށް ވެޔޮއަރާ ގޮތަށް ޓްރެލިސްތަކެއް ޑިޒައިން ކުރާނެ އެވެ. ކައުންސިލުން ބުނީ ޕްލާންޓާ ފޮށިތަކުގެ ސައިޒް ވީހާ ވެސް ހަނިކޮށް، ޕޭވްމަންޓްގައި ޕްރޭމް އަދި ފުރޮޅުލީގޮނޑި ދުއްވާ ޖާގަ ދީފައި ވާނެ ކަމަށެވެ.

ސިޓީ ޕާކު ތަރައްގީކުރަން ކައުންސިލުން ނިންމިއިރު، ކުރީގެ ސަރުކާރުތަކުން ވެސް އެ ޕާކުގައި އެކި މަސައްކަތްތައް ކުރި އެވެ. ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން "ލެޑް ޕާކް"ގެ ނަމުގައި ދިއްލޭ ގޮތަށް މީހުންނަށް ހުޅުވާލި އެވެ. އެކަމަކު، އެތަން ވެސް ރަނގަޅަށް ނުބެލެހެއްޓި، އެ ތަކެތި ހަލާކުވެގެން ދިޔައީ އެވެ.