Roadha Mihaaru
ބައްޔެއް ކަމަށް ގަބޫލުކުރުމުގެ ނަތީޖާ ރަނގަޅު

ނަފުސާނީ ބަލީގެ ދުވަސް: ބައްޔެއް ކަމަށް ގަބޫލުކުރުމުގެ ނަތީޖާ ފެންނަނީ ރަނގަޅަށް

10 އޮކްޓޯބަރ 2022

ނަފުސާނީގޮތުން މީހާ ހަފުސްވެ، ދިރިއުޅުން މަތިން ފޫހިވެ، އަމިއްލަ އަށް މަރުވަނީ އެވެ. ފަރުވާ ލިބޭނެ ގޮތެއް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނެތެވެ. ލިބިފައި ހުރި ޒަހަމެއް މީހަކަށް ފެންނަން ނެތަސް އެ ހަށިގަނޑުގައި އަޅާ ވޭނަށް ކެތެއް ނުކުރެވެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނަފުސާނީގޮތުން މީހާ ހަފުސްވެ، ދިރިއުޅުން މަތިން ފޫހިވެ، އަމިއްލަ އަށް މަރުވަނީ އެވެ. ފަރުވާ ލިބޭނެ ގޮތެއް، އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ނެތެވެ. ލިބިފައި ހުރި ޒަހަމެއް މީހަކަށް ފެންނަން ނެތަސް އެ ހަށިގަނޑުގައި އަޅާ ވޭނަށް ކެތެއް ނުކުރެވެ އެވެ.

އެ ހާލަތުގައި އޮތް އިރު ވެސް ނަފުސާނީ މައްސަލަތަކަކީ ބައްޔެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ. މިހާތަނަށް އައި ސަރުކާރުތަކުގެ ވިސްނުން ވެސް އޮތީ ހަމަ އެހެންނެވެ. އޭގެ ނަތީޖާއަކީ، ފަރުވާ ހޯދުމަށް އެތައް ތަކުލީފެއް އުފުލަން ޖެހުމެވެ.

ބައިނަލްއަގުވާމީ ނަފުސާނީ ދުޅަހެޔޮ ކަމުގެ ދުވަސް މިއަދު ފާހަގަކުރާއިރު ކަންބޮޑުވާ އެތައް ކަމެކެވެ. އެކަމަކު، އުފާކުރަންޖެހޭ ކަމަކީ މި ހާލަތު ބަދަލުކުރަން ސަރުކާރުން މިހާރު އަތުކުރި އޮޅާލާފައިވާ ކަމެވެ.

ނަފުސާނީ މައްސަލައަކީ ބައްޔެއް ކަން ދެނެގަނެ، އެ ބައްޔަށް ފަރުވާ ދޭ ފުރަތަމަ މަރުކަޒު މާޗު، 2019 ގައި އައިޖީއެމްއެޗްގައި ހުޅުވި އެވެ. އެއީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މައްސަލައިގެ ސީރިއަސްކަން އެންމެ ބޮޑަށް އެނގެނީ އެ ސެންޓަރުން އެކަނި ވެސް މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 55،608 ކޮންސަލްޓޭޝަން ހަދާފައިވުމުންނެވެ.

މެންޓަލް ހެލްތު ސެންޓަރުން ފަރުވާ ހޯދި މީހުންގެ އަދަދު:

2019: 7،246

2020: 17،708

2021: 16،936

2022 (މިދިޔަ މަހުގެ ނިޔަލަށް): 13،718

އެޑްމިޓު ކޮށްގެން ފަރުވާ ދިން މީހުންގެ އަދަދު

2020 (އޮކްޓޯބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް): 49

2021: 232

2022 (ޖެނުއަރީން ފެށިގެން އޮކްޓޯބަރުގެ ނިޔަލަށް): 125

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މެންޓަލް ހެލްތު ސެންޓަރު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މެންޓަލް ހެލްތު ސެންޓަރު ހުޅުއްވައި ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ސަރުކާރުން ވެރިކަމާ ހަވާލުވުމުގެ ކުރިން ނަފުސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ވަރަށް އިސްކަންދީފައެއް ނުވެ އެވެ.

އެހެންވެ، އެކަން ބަދަލުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ގައުމީ ސިޔާސަތުގެ ތެރޭގައި ނަފުސާނީ ބަލިތަކަށް ފަރުވާ ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަފުސާނީ އެކި އަސަރުތައް ކޮށްފައިވާ މީހުންނަށް އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމައުގެ އެންމެންގެ އަޅާލުމާއި އެހީތެރިކަން ލިބިގެން. ނަފުސާނީ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމައުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މިހާރުގެ ހާލަތަކީ ކޮބާ؟

ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ވަކި ސެންޓަރެއް ހުޅުވި ނަމަވެސް ގިނަ ބައެއްގެ އެންމެ ބޮޑު ޝަކުވާއަކީ ފަރުވާ ހޯދުމަށް އެތައް މަހެއް ނުވަތަ އަހަރެއް މަޑުކުރަން ޖެހުމެވެ. އެ ލިސްޓު 2،000 އަށް ވުރެ މަތީގައި ނޫޅޭ އިރެއް ނެތެވެ.

ނަމަވެސް މެންޓަލް ހެލްތު ސެންޓަރުގައި ހިދުމަތް ދޭ ސައިކޭޓްރިސްޓުންގެ އަދަދު މިދިޔަ ޖުލައި މަހު 4 އިން 8 އަށް އިތުރުކޮށް، އެ ކިއު ވަނީ ވަރަށް ދަށްކޮށްފަ އެވެ.

ވެއިޓްލިސްޓުގައި ތިބި މީހުންގެ އަދަދު އެންމެ މަތިން ރިކޯޑު ކޮށްފައިވަނީ މިދިޔަ މާޗު މަހާއި އޭޕްރީލް މަހު އެވެ. އޭރު ވެއިޓްލިސްޓުގައި 3،500 މީހުން ތިއްބަސް މިދިޔަ މަސް ނިމުނުއިރު އެ އަދަދު ވަނީ 510 އަށް ދަށްކޮށްފަ އެވެ.

މިއީ، ހެޔޮ ބަދަލެއް ކަން ސަރުކާރެއް ފާހަގަކުރެ އެވެ.

އާއްމު އެހެން ބަލިތަކަށް ކްލިނިކްތަކުން ފަރުވާ ލިބުނަސް ނަފުސާނީ މައްސަލަތަކަށް އަމިއްލަ ކްލިނިކްތަކުން އާސަންދައިގެ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރު އެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ދެ ސައިކޭޓްރިސްޓުންނާއި ދެ ކްލިނިކަލް ސައިކޮލޮޖިސްޓާއި ކައުންސެލަރަކާއެކު ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެއް މިއަދު ހުޅުވާނެ އެވެ.

މީހަކު މަގު ހުރަސް ކުރާއިރު، ސިނަމާލެ ބްރިޖުން ފައިބައިގެން އަންނަ ސައިކަލުތަކެއް.---ފައިލް ފޮޓޯ: މިހާރު

މީހަކު މަގު ހުރަސް ކުރާއިރު، ސިނަމާލެ ބްރިޖުން ފައިބައިގެން އަންނަ ސައިކަލުތަކެއް.---ފައިލް ފޮޓޯ: މިހާރު

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ފަސް އަތޮޅަކުން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވެ އެވެ.

އެއާއެކު، "ސެންޓްރަލް އެންޑް ރީޖަނަލް މެންޓަލް ހެލްތު ޑިވެލޮޕްމަންޓް ޕްލޭން"ގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުން ފުޅާކޮށް، އެ ތަންތަނުގައި ރީޖަނަލް މެންޓަލް ހެލްތު ސެންޓަރުތައް ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އޭގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ތެރެއިން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސާނެ އެވެ.

ދިވެހިންގެ ތެރޭގައި ނަފުސާނީ މައްސަލަތައް އިންތިހާ އަށް ބޮޑުވެފައިވާކަން ސަރުކާރުން ގަބޫލުކޮށް، އެ ކަމަށް އަވަސް ފިޔަވަޅުތައް އެޅުމުގެ ނަތީޖާ ފެންނަނީ ރަނގަޅަށެވެ. އެ ބައްޔަށް ފަރުވާދ ދީ، އެޑްރެސް ކުރާނެ ބަޔަކު ނެތުމުގެ ހުސްކަން މިހާތަނަށް ފެނުނަސް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް މިހާރު އެބައޮތެވެ. ދެން އޮތީ ފަރުވާ ދޭނެ މީހުންނާއި ވަސީލަތްތައް ގާއިމު ކުރުމާއެކު، ނަފުސާނީ މައްސަލަތަކުން ދުރުވާނެ ގޮތްތައް ލިމިޓް ކުރުމެވެ.