Roadha Mihaaru
ދީބާޖާ އެއްބަސްވުން ބާތިލްކުރުން ގޯސް، ބަދަލު ހައްގު

ދީބާޖާ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް، ބަދަލު ލިބެންޖެހޭނެ: ސުޕްރީމް ކޯޓް

09 އޮކްޓޯބަރ 2022

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އެހެންވެ، އެ ކުންފުންޏަށް ބަދަލު ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އެހެންވެ، އެ ކުންފުންޏަށް ބަދަލު ލިބެންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2011 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދޭން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމީ ޝަރުއީ އެކި މަރުހަލާތަކުގައި ހިނގާތާ ހަ އަހަރު ފަހުންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ހުކުމްކުރީ ދީބާޖާގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގޯސްކޮށް ކަމަށެވެ. އެހެންވެ، ދީބާޖާއަށް ލިބެންޖެހޭ ބަދަލުގެ މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓުން އެންގި އެވެ.

ބޮޑު ސަރަހައްދެއްގައި ފެރީގެ ޚިދުމަތެއް މެދުނުކެނޑޭ

މިގޮތަށް ހުކުމްކުރީ އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވި ބެންޗުގެ ރިޔާސަތުގެ ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުންނެވެ.

ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ނޯޓިސް ދިނުމަކާ ނުލައި، ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ބޮޑު ސަރަހައްދަކަށް ފެރީގެ ޚިދުމަތް ނުލިބޭތީ ކަމަށް ބުނެ ކަމަށް ވިޔަސް، ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަށް ބަލާއިރު ބޮޑު ސަރަހައްދެއްގައި ހިދުމަތް ލިބެމުން ދިޔަކަން އެނގޭ ކަމަށެވެ.

ފަނޑިޔާރު އަލީ ވިދާޅުވީ ފެރީގެ ހިދުމަތުގެ ފެންވަރުގެ ދަށް ކަމަށް ސަރުކާރުން ސިޓީ ފޮނުވާފައި ވިޔަސް، ހިދުމަތުގެ ފެންވަރު ދަށްވުމަކީ އެއްބަސްވުން އޮތްގޮތުން ނޯޓިސް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އޭޖީ ރިފްއަތު --- ފޮޓޯ/މަޖިލިސް

އޭޖީ ރިފްއަތު --- ފޮޓޯ/މަޖިލިސް

އެހެން ނަމަވެސް ދީބާޖާއަށް ބަދަލު ދޭން ސިވިލް ކޯޓުން ހުކުމްކުރީ ގޯސްކޮށް ކަމަށް އޭނާގެ ރައުޔުގައިވެ އެވެ. އަދި އަދި މިހާލަތުގައި ދީބާޖާއަށް ލިބޭނީ އެއްބަސްވުމާ ޚިލާފްވުމުގެ ސަބަބުން ލިބެންޖެހޭ ސީދާ ބަދަލު އެކަނި ކަމަށް ފަނޑިޔާރު އަލީ ވިދާޅުވި އެވެ.

އެއްބަސްވުމާ އެއްގޮތަށް ބާތިލްކުރިނަމަ، ރައުޔު ތަފާތުވީސް

ފަނޑިޔާރު ޑރ. މުހައްމަދު ވިދާޅުވީ ސަރުކާރުން ފޮނުވާފައި ސިޓީތަކަށް ބަލާއިރު، ފެރީގެ ހިދުމަތް މެދުކެނޑިފައި އޮތީ ބ. ފުޅަދޫ އާއި ފެހެންދޫގައި އެކަނި ކަމަށެވެ. އެއީ ނޯޓިހެއް ދިނުމެއް ނެތި އެއްބަސްވުން ބާތިލް ކުރެވޭނެ ހާލަތެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި ފެރީގެ ހިދުމަތާ މެދު ޝަކުވާތައް ހުއްޓަސް، އެކަންކަން ހައްލު ކުރެވޭނެ ގޮތްތައް އެއްބަސްވުމުގައި ހުއްޓެވެ. އަދި އެގޮތުގެ މަތިން ސަރުކާރުން އަމަލުކުރި ނަމަ، ރައުޔު ތަފާތުވީސް ކަމަށް ފަނޑިޔާރު ޑރ. މުހައްމަދު ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ އާއި ފަނޑިޔާރު ޑރ. މުހައްމަދު ރައުޔަކީ ދީބާޖާއަށް ލިބެންޖެހޭ ބަދަލާ މެދު އަލުން ގޮތެއް ކަނޑައަޅަން ސިވިލް ކޯޓަށް ފޮނުވަންޖެހޭ ކަމަށެވެ.

ތަފާތުވި ރައުޔު: އެއްބަސްވުން ބާތިލްކުރުމުގައި ގޯހެއް ނެތް

ރައުޔު ތަފާތުވި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔަކީ ހައިކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ ސިޓީތަކަށް ބަލާއިރު ފެންނަން އޮތީ ފެރީގެ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ނުލިބޭތީ ސަރުކާރުން އަންގާފައިވާ އެންގުންތައް ކަމަށެވެ. އަދި އެއް ހަފުތާ ތެރޭގައި ހިދުމަތް ނުފަށައިފިނަމަ، އެއްބަސްވުން ބާތިލް ކުރެވޭނެ ފަދަ އިބާރާތަކުން ސަރުކާރުން ސިޓީ ފޮނުވާފައިވާއިރު، އެ މުއްދަތުގައި އެކަންކަން ރަނގަޅު ކުރިކަން އެނގޭނެ ހެއްކެއް ނެތް ކަމަށެވެ.

ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ފަނޑިޔާރު މަހާޒް ވިދާޅުވީ އެއްބަސްވުމާ ޚިލާފްވިކަން ސާބިތުނުވާތީ ބަދަލު ނަގައިދެވެން ނެތް ކަމަށް ހައިކޯޓުން ނިންމި ނިންމުން ގޯސްވި ސަބަބެއް ދީބާޖާއަށް ނުދެއްކޭ ކަމަށެވެ.

އެއްބަސްވުމުގެ ދަށުން ދޭންޖެހޭ 46 ބިމެއް ސަރުކާރުން ނުދޭ ކަމަށް ދީބާޖާއިން ބުނެ އެވެ. ބައެއް ބިންތައް ދިން ކަމަށް ސަރުކާރުން ބުނާއިރު، ދީބާޖާއިން ބުނާގޮތުން ވަކި އެއްބަސްވުމެއްގެ ދަށުން އެ ބިންތައް ހަވާލެއް ނުކުރެ އެވެ.

މި ނުކުތާގައި ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ ބައެއް ބިންތަކުގެ ރަޖިސްޓްރީ ހަވާލު ކޮށްފައިވާ ކަމަށާއި އަދި ދެން ހުރި ބިންތައް ނުދެވި ހުރީ ދެ ފަރާތުގެ ދެމެދުގައި އޮތް ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ކަމަށްވާތީ ބިންތައް ސަރުކާރުން ހަވާލު ނުކުރީ ކަމަށް ބެލެވެން ނެތް ކަމަަށެވެ. އަދި ބިން ދޭންޖެހޭ މުއްދަތެއް އެއްބަސްވުމުގައި ނެތްކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

އެކަމަކު ފަނޑިޔާރު ޑރ. މުހައްމަދު ވިދާޅުވީ ސަރުކާރުން ހަވާލުކުރި ބިންތައް ހަވާލުކުރީ ސިޓީއަކުން ކަމަށް ވާއިރު، އެއީ ބިންތައް ހަވާލުކުރީ ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށެވެ. އެކަމަކު ބިންތައް ނުދިނުމަކީ ހިދުމަތް ނުދީ ތިބެވޭނެ ސަބަބެއް ނޫން ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

އިސްތިއުނާފް މުއްދަތު ހަމަވި ފަހުން ހައިކޯޓަށް މައްސަލަ ބަލައިގެންފައިވާތީ ދީބާޖާއިން މިފަހަރު ވެސް ސުޕްރީމް ކޯޓުގައި އެކަން ފާހަގަކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ މިއަދި ހުކުމުގައިވަނީ އެ ނުކުތާއާ މެދު އެ ކޯޓުގެ ކުރީގެ މައްސަލާގައި ގޮތް ނިންމާފައިވާތީ އަލުން އެއާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ.

ދީބާޖާ މައްސަލާގެ އުސްއަލިތައް

● ދީބާޖާއަށް 348 މިލިއަންގެ ބަދަލެއް ދޭން ސިވިލް ކޯޓުން 2016 ގައި ހުކުމްކުރި.

● ސިވިލް ކޯޓުގެ ހުކުމް 2018 ގައި ހައި ކޯޓުން ބާތިލްކުރި.

● ހައި ކޯޓުގެ ހުކުމް 2019 ގައި ސުޕްރީމް ކޯޓުން ބާތިލްކުރި.

● ސުޕްރީމް ކޯޓުގެ ނިންމުން 2021 ގައި ރިވިއުކޮށް، ކުރީގެ ނިންމުން ބާތިލްކުރި.

● ދީބާޖާއިން 2021 ގައި އަލުން ސުޕްރީމް ކޯޓަށް ހުށަހެޅި.

މިއީ ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ބެލި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މައްސަލަ ބެލީ ދީބާޖާއާ ދެކޮޅަށް ހައިކޯޓުން ހުކުމް ކުރުމުން 2019 ވަނަ އަހަރެވެ. އޭރު ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުން އެ މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން މިދިޔަ އަހަރު އެ ކޯޓުން ނިންމީ އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލް ކުރުމަށެވެ. އަދި ހައި ކޯޓުގެ ނިންމުން އެގޮތުގައި ދެމިއެބައޮތް ކަމަށާއި އެ ނިންމުން އިސްތިއުނާފް ކުރަން ދީބާޖާއަށް އަލުން ސުޕްރީމް ކޯޓަށް ދެވިދާނެ ކަމަށް ކަނޑައެޅި އެވެ.

ދީބާޖާއާ އެކު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، 174 މިލިއަން ރުފިޔާގެ ބަދަލެއް ދޭން 2019 ވަނަ އަހަރު ސަރުކާރުން އެއްބަސްވި އެވެ. އެކަމަކު ފަހުން ނިންމީ ސުޕްރީމް ކޯޓަށް ދިއުމަށެވެ.