Roadha Mihaaru
ދީބާޖާ މައްސަލަ ސުޕްރީމްކޯޓަށް ބަލައިގަތުމުގެ ހުއްދަދީފި

ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމް ރިވިއުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމަށް ރެޖިސްޓްރާ ނިންމަވައިފި

03 މާޗް 2020

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ރިވިއުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމަވައިފި އެވެ.

ކުރިއާ ހިލާފަށް، ސުޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާ މެދު މިހާރު ގޮތް ނިންމަވާނީ ރެޖިސްޓްރާ އެވެ. ކުރިން އޮންނަނީ މައްސަލަ ބަލައިގަތުމާ މެދު ފަނޑިޔާރުން ގޮތެއް ނިންމެވުމަށް ފަހު ހުއްދަ ދޭ ގޮތަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ފަނޑިޔާރުންނާ ހަމަޔަށް މައްސަލަ ދާނީ ރެޖިސްޓްރާ މައްސަލަ ބަލަގަތުމަށް ފަހުގަ އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.

އެ މައްސަލަ ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގަތުމަށް ނިންމައި، އެ މައްސަލަ ހުށަހެޅުމުގެ ހުއްދަ ސުޕްރީމް ކޯޓުން މިހާރު ދީފައިވާ ކަމަށް ކޯޓުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއުކުރަން ދައުލަތުން ހުށަހެޅިއިރު، ކުރިން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެފައިވަނީ އެ ހުކުމް ރިވިއުކުރަން ހުށަހެޅޭނެ ސަބަބެއް ނެތް ކަމަށެވެ. އެކަމަކު ފަހުން އެ މައްސަލަ ހުށަހެޅީ އެއީ އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައަކަށް ވާތީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވެ އެވެ.

ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ރިވިއުކުރަން ހުށަހެޅިއިރު، ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް ބަދަލުގެ ގޮތުގައި ދީބާޖާއަށް 174 މިލިއަން ރުފިޔާ ދޭން ވެސް ސަރުކާރުން ކުރިން ނިންމި އެވެ. އެކަމަކު އެ ފައިސާ ވެސް ދައުލަތުން ނުދައްކާތީ ދީބާޖާ އިން އޮތީ ހުކުމް ތަންފީޒު ކުރަން ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް 2018 ވަނަ އަހަރު ހައި ކޯޓުން ބާތިލްކުރި އެވެ. އެކަމަކު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ނިންމީ އިސްތިއުނާފް މުއްދަތު ހަމަވެފައި ވަނިކޮށް އެ މައްސަލަ ހައި ކޯޓުން ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އަދި ސިވިލް ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.