Roadha Mihaaru
ނަގައިދިނީ ސަރުކާރަށް ތަސައްވުރުކުރެވޭ ބަދަލެއް: ދީބާޖާ

ދީބާޖާއަށް ނަގައިދިނީ ސަރުކާރަށް ތަސައްވުރު ކުރެވިފައި އޮންނާނެ އަދަދެއް: ދީބާޖާ

20 މެއި 2019

ދީބާޖާ އިންވެސްޓްމަންޓްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ޖެހިފައިވާ އަދަދަކީ ގާނޫނާ ޚިލާފަށް އެ އެއްބަސްވުން ބާތިލް ކުރިއިރު ވެސް ދައުލަތަށް ކުރިން ތަސައްވުރު ކުރެވިފައި އޮންނާނެ ބަދަލެއް ކަމަށް ދީބާޖާ އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓްއާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދޭން ޖެހިފައިވާ އަދަދަކީ ގާނޫނާ ޚިލާފަށް އެ އެއްބަސްވުން ބާތިލް ކުރިއިރު ވެސް ދައުލަތަށް ކުރިން ތަސައްވުރު ކުރެވިފައި އޮންނާނެ ބަދަލެއް ކަމަށް ދީބާޖާ އިން މިއަދު ބުނެފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ބާތިލްކުރީ ގޯސްކޮށް ކަމަށް ވިޔަސް، އެކަމަކު ދީބާޖާއަށް ކޯޓުން ނަގައިދިނީ ތަސައްވުރު ކުރެވޭ މިންވަރު ބަދަލެއް ނޫން ކަމަށް ވިދާޅުވެ، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިއަދު މީޑިއާގައި ވަނީ ވާހަކަ ދައްކަވައިފަ އެވެ.

އެކަމާ ގުޅިގެން ދީބާޖާ އިން ނެރުނު ބަޔާނުގައި ބުނީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ކުރިން ދައުލަތުން ވަކާލާތު ކުރަމުން އައިސްފައި އޮތަސް، އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ރިފްއަތު މީޑިއާގައި މިހާރު އެއްބަސްވެ ވަޑައިގެންފައިވާތީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެ ކުންފުންޏަށް ދައުލަތުން ބަދަލު ދޭންޖެހޭނެ ކަމާ މެދު މިހާރު ޝައްކެއް ނެތް ކަމަށެވެ. އަދި އެ އެއްބަސްވުން ބާތިލް ކުރުމާ އެކު، އޭރު ދީބާޖާ އަށް ސަބްސިޑީގެ ގޮތުގައި ދީފައި އޮތް ރ. ކުޑަކުރަތުގެ އެއްބަސްވުން ވެސް ސަރުކާރުން ބާތިލްކުރި ކަމަށާއި އެ ރަށް ކުއްޔަށް ދީގެން އެ ކުންފުންޏަށް ލިބެން އޮތް 70 މިލިއަން ޑޮލަރު (އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ) އެކަމުގެ ސަބަބުން ގެއްލިގެންދާނެ ސަރުކާރަށް ތަސައްވުރު ކުރެވިފައި އޮންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

"މި ގެއްލުން (70.5 މިލިއަން އެމެރިކާ ޑޮލަރު) އެކަނި ވަޒަންކުރި ކަމުގައި ވިޔަސް، ދީބާޖާއަށް ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދިން 348 މިލިއަން ރުފިޔާއަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ހ. ގެ ދަށުން ތަސައްވުރު ކުރެވިފައިވާ އަދަދަށް ވުރެ ކުޑަ އަދަދެކެވެ." އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައިވާ ގޮތުން ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ވެސް އެއްބަސްވުމުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމެއް ނެތި އެވެ. އެއްބަސްވުން ބާތިލްކުރާ ނަމަ މަދުވެގެން ފަސް ދުވަހުގެ ނޯޓިހެއް ދީބާޖާއަށް ދޭން އެއްބަސްވުން ލާޒިމް ކޮށްފައި އޮތަސް، ސަރުކާރުން އެގޮތަށް ނޯޓިސް ދީފައިނުވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން އެކަން ކޮށްފައިވަނީ ވެސް ކަނޑައެޅިގެން ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ 47 ބިމުގެ ތެރެއިން 17 ބިމެއް ހަވާލުކުރި ކަމަށް ސަރުކާރުން ބުންޏަސް، އެއިން އެއްވެސް ބިމެއް އެ ކުންފުންޏާ ހަވާލު ކޮށްފައި ނެތްކަން ވަނީ ފާހަގަކޮށްފަ އެވެ. ބަޔާނުގައިވާ ގޮތުން، އޭގެ ބަދަލުގައި ސަރުކާރުން އޭރު ދިނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ނަމުގައި އޮތް 17 ބިމެއްގެ ރަޖިސްޓްރީ ކަމަށާއި އެކަމަކު އެކަން ކުރީ ބިމާބެހޭ ގާނޫނުގައި ބުނާ ފަދައިން އެއްބަސްވުމެއް ހެދުމެއް ނެތި އެވެ.

"އެހެންކަމުން މިފަދަ އެއްބަސްވުމެއް ނެތި ބިންތަކުގެ ރަޖިސްޓްރީ ހަވާލުކުރީ ކަމުގައި ނުބެލެވޭނެ އެވެ." އެ ބަޔާނުގައިވެ އެވެ.

ދީބާޖާގެ ބަޔާނުގައިވާ ގޮތުން އެ މައްސަލަ 2014 ވަނަ އަހަރު ދަށު ކޯޓުން ދީބާޖާ އެއްކޮށް ނިންމުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން އޭރުގެ ސަރުކާރުގައި ދީބާޖާ އިން ވާނީ އެދިފަ އެވެ. އެކަމަކު ތަކުރާރުކޮށް އެކަމަށް އެދި ސިޓީ ފޮނުވުމުން ވެސް އޭރު އެއްވެސް އިދާރާއަކުން ޖަވާބު ދީފައިނުވާ ކަމަށް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުގައި އެ މައްސަލަ ހިނގަމުން ދަނިކޮށް މިހާރުގެ ބަންޑާރަ ނައިބު ރިފްއަތު ފޮނުއްވައިގެން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ އިސް ބޭފުޅަކު ދީބާޖާގެ އިސްވެރިއަކާ ބައްދަލުކުރި ކަމަށާއި އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ވިދާޅުވި ކަމަށް ދީބާޖާގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން ބޭނުންވާ ވިދާޅުވެ، ރިފްއަތު ސުޕްރީމް ކޯޓަށް ސިޓީ ފޮނުއްވިޔަސް، އެއީ އިޖްރާއާތުތަކާ ޚިލާފަށް ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.

"ޝަރީއަތުގެ ފަރާތުން މި ސިޓީ ހަވާލު ކުރުމާ ހަމައަށް. ކުރިއާލާ މި ސިޓީގެ ޚަބަރު ދީބާޖާއަށް ވެފައެއް ނުވެ އެވެ." އެ ބަޔާނުގައިވެ އެވެ.

ދީބާޖާގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލާގައި ވަކާލާތު ކުރުމަށް އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް އެޓާނީސް އެންޑް ކޮންސަލްޓަންޓްއާ ހަވާލުކޮށް، ދީބާޖާއަށް ލިބޭ ބަދަލުގެ 50 ޕަސެންޓް ކަމަށްވާ 174 މިލިއަން ރުފިޔާ އެ ފާމަށް ދޭންޖެހޭ ގޮތަށް ހެދި އެއްބަސްވުމާ ގުޅޭގޮތުން އެ ބަޔާނުގައިވަނީ އެ ފާމާ އެ މަސައްކަތް ހަވާލުކުރީ ގިނަ ފާމްތަކާ މަޝްވަރާ ކުރުމަށް ފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅީ އެ ފާމުން ކަމަށްވާތީ ކަމަށެވެ. އެހެން ފާމްތަކުން "ސަކްސަސް ފީ" ގެ ގޮތުގައި ބޮޑު ޕަސެންޓަކާއި އެޑްވާންސަށް ވެސް ބޮޑު އަދަދެއް ހޯދަން ހުށަހެޅި ކަމަށް ބުނެފައިވެ އެވެ.

"ދީބާޖާގެ ފަރާތުން އަބަދުވެސް އިސްކަން ދެނީ އެއްބަސްވުން ކުއްލިއަކަށް ބާތިލް ކުރުމުގެ ސަބަބުން ދީބާޖާގެ ފަރާތުން އެހެން ފަރާތްތަކަށް އަދާކުރަންޖެހޭ ދަރަނިތައް ދައްކައި، ޚަލާސް ކުރެވޭނެ ގޮތެއްގެ މައްޗަށެވެ." އެ ކުންފުނިން ބުންޏެވެ.

އެ ބަޔާނުގައިވާ ގޮތުން ދީބާޖާގެ މައްސަލަ ނިންމުމުގައި ކޮރަޕްޝަން ކަންތައްތަކެއް ހިމެނޭ ކަމަށް ބުނެ ބަންޑާރަ ނައިބު ވާހަކަ ދެއްކެވި ކަމަށާއި އެކަމަކު އެއީ އެއްވެސް ހަގީގަތެއް އޮތް ކަމެއް ނޫނެވެ. އަދި އެ ކުންފުންޏަކީ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާ ކުންފުންޏެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ބާރު ކަން ފާހަގަކޮށް، އެ ބަޔާނުގައި ބަންޑާރަ ނައިބާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ދީބާޖާއިން ގޮވާލާފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާވުމަށެވެ.

ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.