Roadha Mihaaru
ދީބާޖާގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން ހުށަހަޅައިފި

ދީބާޖާގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން ހުށަހަޅައިފި

14 މެއި 2019

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ދައުލަތުން މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

އެ މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ ދީބާޖާގެ މައްސަލައިގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން އެދިފައިވަނީ ކޯޓުން އިސްނަގައިގެން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް، އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ ބައި ކުރިއަށް ގެންގޮސްފައިވާތީ ކަމަށެވެ.

ދައުލަތަށް މާލީ ބޮޑު ބުރައަކަށް ވާ އެ މައްސަލައިގެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ ބާތިލްކުރަން ހުށަހެޅިއިރު، ސިވިލް ކޯޓުގައި އިއްޔެ ވަނީ ހުކުމް ތަންފީޒު މަރުހަލާގެ ފުރަތަމަ އަޑުއެހުން ބާއްވައިފަ އެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާފައިވަނީ ސިއްރުކޮށްގެންނެވެ.

ބަޔާނުގައި ބުނީ ހުކުމް ތަަންފީޒުކުރުމުގައި ސިވިލް ކޯޓުން އަމަލުކުރަމުން އަންނަ އުސޫލުން، ފެބްރުއަރީ 15، 2015ގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ހަލާސްކުރާގޮތަށް ހުކުމްކޮށްފައިވާ މައްސަލަތަކުގައި، އެ މަހަކަށް ދައްކަންޖެހޭ ވަރު އެ މަހަކު ދައްކަމުން ނުދާކަން ނުވަތަ ފައިސާ ހަލާސްކޮށްފައިވާކަން އަރަނިވެރިޔާގެ ފަރާތުން އަންގާފައިނުވާނަމަ، އެ ހުކުމް ތަންފީޒުކުރުމަށް ކޯޓުން އިސްވެ ފަށާނީ ފައިސާ ދައްކާ ހަލާސްކުރަން ކަނޑައަޅާފައިވާ މުއްދަތަށް ފަހު ކަމަށެވެ. ނަމަވެސް ދީބާޖާ މައްސަލަ ހިންގާފައިވަނީ އެ އުސޫލާ ހިލާފަށް ކަން ފާހަގަކުރި އެވެ.

".ސިވިލް ކޯޓުގެ ނަމްބަރު.....ގަޟިއްޔާގައި ކޮށްފައިވާ ހުކުމަކީ 15 ފެބްރުއަރީ 2015ގެ ކުރިން ކޮށްފައިވާ ހުކުމެއްކަމަށްވެފައި، އުސޫލުގައިވާ ގޮތުން، އެފަދަ ހުކުމެއް ތަންފީޒުކުރުމަށް ކޯޓަށް ހުށަހަޅަންޖެހޭނީ ކަމާބެހޭ ފޯމަކުންނެވެ. އަދި އެ މައްސަލައެއް ހުކުމް ތަންފީޒު ޑިވިޝަނަށް ފޮނުވުމުގެ ކުރިން ސުލްހަވެރި ހައްލެއް ހޯދުމަށް ޑިސްޕިއުޓު ރިޒޮލިއުޝަންް ޑިވިޝަނަނަށް ފޮނުވާ ގޮތަށް ކަނޑައަޅާފައިވީނަމަ ވެސް، ބުނެވިދިޔަ ކަންކަން އެގޮތަށް ފުރިހަމަކޮށްފައެއް ނުވެ އެވެ،" ބަޔާނުގައި ބުންޏެވެ.

އޭގެ އިތުރުން ސިވިލް ކޯޓުގައި ބޭއްވި މައްސަލައިގެ އަޑުއެހުން ސިއްރުކޮށްފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތެް މެދުވެރިވެގެން ކަމަކަށް ނުފެންނަކަމަށް ބުންޏެވެ. ސިއްރު ހިފަހައްޓަންޖެހޭ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުލާނުކުރުމަކާ ނުލައި، ކޯޓުން މީޑިއާއަށް އަންގައި، އެ އަޑުއެހުމުގައި ކަން ހިނގާ ދިޔަ ގޮތުގެ މައުލޫމާތު ކޯޓުން މީޑިއާއަށް އާއްމުކުުރުމަކީ، ދައުލަތުގެ މާލީ ބޮޑު މަސްލަހަތެއް ހިމެނޭ މައްސަލައެއްގައި، ފުރިހަމަ މައުލޫމާތު އެންމެންނަށް ލިބިދިނުމަށް ހުރަސްއެޅުންކަން ވެސް ފާހަގަކުރި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2014 ގައި އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.