Roadha Mihaaru
ދީބާޖާގެ މައްސަލަ: ދައުލަތުން އުޅެނީ ކަންކަން ފޮރުވަން

ދީބާޖާ މައްސަލަ: "ބަދަލު ދިނީ އޮޑިޓްތަކަށް ބިނާކޮށް، ދައުލަތުން އުޅެނީ އޮޅުވާލަން"

29 ސެޕްޓެމްބަރ 2021

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ހުކުމްކުރީ އޮޑިޓްތަކަށް ބިނާކޮށް ކަމަށާއި އެ މައްސަލައިގައި ދައުލަތުން އުޅެނީ ކަންކަން ފޮރުވަން ކަމަށް އެ ކުންފުނިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ހުކުމްކުރީ އޮޑިޓްތަކަށް ބިނާކޮށް ކަމަށާއި އެ މައްސަލައިގައި ދައުލަތުން އުޅެނީ ކަންކަން ފޮރުވަން ކަމަށް އެ ކުންފުނިން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ގައި ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކުރި ހުކުމް 2018 ގައި ހައި ކޯޓުން ބާތިލްކުރި އެވެ. އެކަމަކު ހައި ކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން މުރާޖައާ ކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މި އަހަރު ނިންމީ ހައި ކޯޓުން އޭރު މައްސަލަ ބަލައިގަތީ ރަނގަޅަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ކުރިން މައްސަލަ ބެލިއިރު، ދީބާޖާ އަށް ދޭންޖެހޭ ބަދަލާ މެދު ގޮތެއް ނިންމާފައި ނުވާތީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދީބާޖާ އަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ދީބާޖާ އިން އަލުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

އެހެންވެ، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދީބާޖާގެ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ، އެއްބަސްވުން ބާތިލް ކުރުމުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ކަނޑައެޅީ ބޭރުގެ އޮޑިޓް ފާމްތަކުން ތައްޔާރުކުރި ރިޕޯޓްތަކަކަށް ބިިނާކޮށް 2060 ވަނަ އަހަރާ ހަމައަށް ހިސާބު ހެދުމަށް ފަހު ކަމަށެވެ. އަދި އެކަން އެއްބަސްވުމުގެ ބައިތަކުން ވެސް އެނގޭ ކަމަށާއި އެކަމަކު އެއްބަސްވުމާ ގުޅުން ހުރި އެފަދަ ހިސާބުތައް ދައުލަތުން ކޯޓަށް ހުށަނާޅައި، ފޮރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓަށް މައްސަލަ މުރާޖައާ ކުރަން ހުށަހެޅިއިރު ވެސް ދައުލަތުން އޮންނަނީ މި ހިސާބުތައް ވަންހަނާ ކުރައްވާފައި. ދައުލަތުން މި މައްސަލާގައި ހެޔޮ ނިޔަތުގައި ޝަރީއަތުގެ މަރުހަލާތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަކީ ދީބާޖާގެ ފަރާތުން ހިތާމަ ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ފެރީގެ ޚިދުމަތަށް ގިނަ މަސައްކަތްތަކެއް ކުރި

ހަލީމް ވިދާޅުވިގޮތުގައި، ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ދަތުރުފަތުރުގެ ޚިދުމަތް މެދުކެނޑިގެން ކަމަށް ދައުލަތުން ފާހަގަ ކޮށްފައެއް ނުވެ އެވެ. އެއްބަސްވުމުގައި ބުނާ މުއްދަތުގައި ވަގުތީ ގޮތުން ފެރީގެ ޚިދުމަތް ދޭން ފެށި ކަމަށާއި ދާއިމީ ފެރީގެ ޚިދުމަތް ދޭން ޖެހެނީ އެއްބަސްވުމުގައި ސޮއި ކުރާތާ ފަސް އަހަރުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ފެރީތަކެއް ބަނުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް ހަލީމް ވިދާޅުވި އެވެ.

"އަށް ފެރީގެ ބަނުމަށްޓަކައި ވަނީ ހަވާލު ކޮށްފައި. އެ މަސައްކަތް ރ. ފައިނުގައި ހިނގަމުންދޭ. އަދި ވީއޭއެމްކޯ މެދުވެރިކޮށް އެ އުޅަނދު ފަހަރަށް ބޭނުންވާ 14 ނޯޓިކަލް މޭލު ބާރު މިނުގައި ދުވާ އަށް އިންޖީނެއް ރާއްޖެ އެތެރެ ކުރެވިފައި ހުރީ،" ހަލީމް ވިދާޅުވި އެވެ.

ޚިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގައި

ހަލީމް ވިދާޅުވީ ވަގުތީ ގޮތުން ފެރީގެ ޚިދުމަތް މެދުކެނޑުމުން އެ ޚިދުމަތް ދޭން ފަށާނެ ދުވަސްތައް ދީބާޖާ އިން ސަރުކާރަށް އެންގި ކަމަށާއި 47 ރަށަށް އެ ކުންފުނިން ފެރީގެ ޚިދުމަތް ދިންއިރު، ޚިދުމަތް މެދުކެނޑުނީ އެންމެ ރަށެއްގެ ފެރީގެ ޚިދުމަތް ކަމަށެވެ. އަދި އެ ކަންކަން ރަނގަޅު ކުރަން ދައުލަތުން ފުރުސަތު ދީ، ކުއްލި ގޮތަކަށް އެއްބަސްވުން ބާތިލް ކުރީ އެކަން ސަބަބެއްގެ ގޮތުގައި ދެއްކުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ދައުލަތުން އިސްލާހު ކުރަން އެންގުމަށް ފަހު އަދި އެއްބަސްވުމާ އެކު ކުރިއަށް ދިއުމުގެ ލުއި ދިނުމަށް ފަހު، އެކަށީގެންވާ މުއްދަތެއް ދިނުމަކާ ނުލައި އޭގެ އަނެއް ދުވަހު ކޮންޓްރެކްޓް ބާތިލްކުރި ކުރުން ގާނޫނާ ޚިލާފު،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދީބާޖާއާ ސަރުކާރުން ހަވާލުކުރަން ޖެހޭ 26 ބިމެއް ހަވާލު ނުކުރާ ކަމަށާއި ބިން ހަވާލުކުރި ކަމަށް ބުނެ ސަރުކާރުން ދިނީ ބިމުގެ ރަޖިސްޓަރީގެ ފޮޓޯ ކޮޕީއެއް ކަމަށެވެ. އެކަމަކު ރާއްޖޭގެ ގާނޫނު އޮންނަ ގޮތުން ބިމެއް ހަވާލު ކުރެވޭނީ އެ ފަރާތެއްގެ ނަމުގައި ރަޖިސްޓަރީއެއް ހެދުމުން ނުވަތަ އެކަމަށް ވަކި އެއްބަސްވުމެއް އޮވެގެން ކަމަށާއި ދައުލަތުން އެގޮތަށް އަމަލު ނުކުރާ ކަމަށް ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ހައި ކޯޓުން މައްސަލަ ބަލައިގަތް ސަބަބެއް އެ ކޯޓުން ބުނެދީފައެއް ނުވެ އެވެ. ސުޕްރީމް ކޯޓުން ފަހުން މައްސަލަ ނިންމިއިރު ވެސް އެކަން ފާހަގަ ކޮށްފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. އަދި މައްސަލަ އިސްތިއުނާފު ނުކުރެވުނީ މައްސަލަ ރިޕޯޓް ނުލިބުމުގެ ސަބަބުން ކަމަށް ދައުލަތުން ހައި ކޯޓުގައި ބުންޏަސް، އެއީ މަގްބޫލު އުޒުރެއް ނޫން ކަމަށާއި އެހެންވެ، ހައި ކޯޓުން މައްސަލަ ބަލައިގަތީ ގާނޫނާ ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ނުލިބުމަކީ އިސްތިއުނާފު ކުރުން ލަސްކުރުމަށް މަގުބޫލު އުޒުރެއް ކަމަށް ބަލަން ފަށައިފި ނަމަ، ރިޕޯޓް ހޯދަން މަސައްކަތް ނުކޮށް އަދި އަދުލު އިންސާފުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އިސްތިއުނާފުގެ މުއްދަތު ހަމަވުމަށް ފަހު، މައްސަލަ ބަލައިގަތުމުގެ ބާރަކީ އެއްވެސް ހިފެހެއްޓުމެއް ނެތި ހައި ކޯޓަށް އޮންނަ ބާރެއް ނޫންކަން ކޯޓުތަކާބެހޭ ގާނޫނުން އެނގޭ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލައިގެ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުލަތުން ޖަވާބުދާރީވުމެވެ.

މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަލީ ރަޝީދެވެ.

ދީބާޖާ އަށް ބަދަލު ދޭން ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ހުކުމް ކުރުމުން އޭރު އެ ކުންފުންޏާ އެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ސަރުކާރުން އެއްބަސްވި އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.