Roadha Mihaaru
ދީބާޖާ މައްސަލަ ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަނީ

ދީބާޖާ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަނީ

14 ސެޕްޓެމްބަރ 2021

ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމުގެ މައްސަލައިގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުން އަނެއްކާވެސް ފަށަން ހަމަޖައްސައިފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2011 ވަނަ އަހަރު އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރުމުން ސިވިލް ކޯޓުން 2016 ގައި ހުކުމްކުރީ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައުލަތުން އެ ކުންފުންޏަށް ދޭންޖެހޭނެ ކަމަށެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ. ހައި ކޯޓުން މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ބުނެ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން މިދިޔަ އޭޕްރީލް މަހު އެ ކޯޓުން ވަނީ އެ ކޯޓުގެ ކުރީގެ ހުކުމް ބާތިލްކޮށްފަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން ނިންމާފައި ވަނީ ހައި ކޯޓުން އަމަލުކުރި އިޖްރާއީ ކަމަކާ ގުޅޭގޮތުން ކަމަށް ވެފައި، އެ މައްސަަލަ މައުޟޫއީ ގޮތުން ބަލާފައި ނެތުމުންނެވެ. އެހެންވެ، ކުރީގެ ނިންމުން ބާތިލް ކުރުމާ އެކު، އެ މައްސަލަ މައުޟޫއީ ގޮތުން ބެލުމަށްޓަކައި ސުޕްރީމް ކޯޓަށް އަލުން ހުށަހެޅުމުގެ ފުރުސަތު ދީބާޖާއަށް އޮންނާނެ ކަމަށް އެ ހުކުމުގައި ކަނޑައެޅި އެވެ.

އެ މައްސަލަ ދީބާޖާގެ ފަރާތުން އަލުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ޝަރީއަތް ފަށަން ހަމަޖައްސާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

މިއީ ސުޕްރީމް ކޯޓުން ދީބާޖާ ކުންފުނީގެ މައްސަލަ ބަލާ ތިން ވަނަ ފަހަރެވެ.

ދީބާޖާއަށް 348 މިލިއަން ރުފިޔާ ދައްކަން 2019 ގައި ސުޕްރީމް ކޯޓުން އެންގުމުން އެ ކުންފުންޏާ އެކު ސަރުކާރުން ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން އެއްބަސްވި އެވެ. އެކަމަކު ފަހުން ސަރުކާރުން ނިންމީ ސުޕްރީމް ކޯޓުގެ ނިންމުން ރިވިއުކުރަން ހުށަހެޅުމަށެވެ.