Roadha Mihaaru
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ދީބާޖާއަށް ބަދަލު ނުދޭން ހުކުމްކުރި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

15 ޖޫން 2021

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭންނުޖެހޭ ކަމަށް ހައި ކޯޓުން ކުރި ހުކުމުގެ މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭންނުޖެހޭ ކަމަށް ހައި ކޯޓުން ކުރި ހުކުމުގެ މައްސަލައިގެ އިސްތިއުނާފް ބަލައިގަތުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2010 ވަނަ އަހަރު އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2016 ގައި ކުރި ހުކުމް ހައި ކޯޓުން އޮތީ 2018 ގައި ބާތިލްކޮށްފަ އެވެ. ހައި ކޯޓަށް މައްސަލަ ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށްވާތީ ސުޕްރީމް ކޯޓުން 2019 ވަނަ އަހަރު ހައި ކޯޓުގެ ހުކުމް ބާތިލްކުރި އެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން މިދިޔަ އޭޕްރީލް މަހު އެ ކޯޓުން ވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ބާތިލްކޮށްފަ އެވެ. އަދި ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ސުޕްރީމް ކޯޓަށް ދީބާޖާއިން އަލުން ހުށަހަޅައިފި ނަމަ، އެ މައްސަލަ ބެލޭނެ ކަމަށް އެ ހުކުމުގައި ކަނޑައެޅި އެވެ.

އެ ހުކުމާ އެއްގޮތަށް ދީބާޖާ އިން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން މިދިޔަ މަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ. އެ ނިންމުން ދީބާޖާ އިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިގަތުމަށް އިއްޔެ ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވަކީިލުން ކަށަވަރުކޮށްދިނެވެ.

ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމަށްފަހު ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާ އަށް ދަށްކުރަން ދީބާޖާ އާއި ސަރުކާރުން އެއްބަސްވި އެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށް، އެ މައްސަލަ ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.