Roadha Mihaaru
ތަރައްގީގައި ސިޔާސީ ފިކުރެއް ނެތް މަންޒަރެއް

ތަރައްގީގައި ސިޔާސީ ފިކުރެއް ނެތް މަންޒަރެއް

04 އޮކްޓޯބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހއ. އުތީމުގެ މެހުމާންދާރީ ކުލަ ގަދަ އެވެ. އެ މަނިކުފާނު ވަޑައިގަތުމުން އެއްބައިވަންތަކަމާ އެކު އިހުތިރާމް އަދާކުރި އެވެ. ސިޔާސީ ވާދަވެރިކަން ބޮޑު މި ރަށުގައި މި ނޫން މަންޒަރެއް ވެސް އެ ދަތުރުފުޅާ ދިމާކޮށް ދެއްކުނީހެވެ. ބާރު އޮތީ، އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ކައުންސިލްގަ އެވެ. އިންތިހާބުގައި ފަސް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީން ވެސް ޖާގަ ދިނީ އެ ޕާޓީއަށެވެ.

ފަޒީނާ އަހުމަދު ހއ. އުތީމުން ފަޒީނާ އަހުމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހއ. އުތީމުގެ މެހުމާންދާރީ ކުލަ ގަދަ އެވެ. އެ މަނިކުފާނު ވަޑައިގަތުމުން އެއްބައިވަންތަކަމާ އެކު އިހުތިރާމް އަދާކުރި އެވެ. ސިޔާސީ ވާދަވެރިކަން ބޮޑު މި ރަށުގައި މި ނޫން މަންޒަރެއް ވެސް އެ ދަތުރުފުޅާ ދިމާކޮށް ދެއްކުނީހެވެ. ބާރު އޮތީ، އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ކައުންސިލްގަ އެވެ. އިންތިހާބުގައި ފަސް ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީން ވެސް ޖާގަ ދިނީ އެ ޕާޓީއަށެވެ.

އެކަމަކު، ރައީސަށް މި ރަށުން ހޫނު މަރުހަބާއެއް ކިޔަން ނުކުތް ސަފުގެ ކުރީގައި ތިއްބެވީ ޕީޕީއެމްގެ ކައުންސިލަރުންނެވެ. އެއީ، ރައްޔިތުން އެދޭ ގޮތެވެ. ތަރައްގީގެ މަޝްރޫއުތަކުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުމެވެ.

"ރައްޔިތުން އަޅުގަނޑުމެން ހޮވީ އެ ވައުދުގެ މަތީގައި. ފިކުރު ތަފާތަސް ރައްޔިތުންގެ ކުރިއެރުމާއި ރަށުގެ ތަރައްގީއަށް ހުރަސްއެޅޭނެ ކަމެއް ނުކުރާނެ، މި ރަށް އެއްބައިވަންތަކުރާ ގައުމީ މަސްލަހަތާ ވެސް ދުރަކަށް ނުދާނެ،" ކައުންސިލްގެ ރައީސް އަބްދުالله ރަޝީދު ވިދާޅުވި އެވެ.

އުތީމުގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ: މި ރަށުގެ އާ އިންޖީނުގެ އިން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ވެފައިވާތީ ސަރުކާރަށް ޝުކުރު އަދާކުރެއްވި. -- ފޮޓޯ | ރައީސް އޮފީސް

އުތީމުގެ އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ: މި ރަށުގެ އާ އިންޖީނުގެ އިން ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ވެފައިވާތީ ސަރުކާރަށް ޝުކުރު އަދާކުރެއްވި. -- ފޮޓޯ | ރައީސް އޮފީސް

ފިކުރު ތަފާތަސް ރައްޔިތުންގެ ކުރިއެރުމާއި ރަށުގެ ތަރައްގީއަށް ހުރަސްއެޅޭނެ ކަމެއް ނުކުރާނެ، މި ރަށް އެއްބައިވަންތަކުރާ ގައުމީ މަސްލަހަތާ ވެސް ދުރަކަށް ނުދާނެ. -- ކައުންސިލްގެ ރައީސް

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އަސާސްތަކާއި ސިޔާސަތުތައް ގަބޫލުކޮށްގެން ތިއްބެވިޔަސް ސަރުކާރުގެ ވަފުދަށް މެހުމާންދާރީ އަދާކުރީ، ޒަމާނުއްސުރެން އުތީމުގައި ގަބޫލުކުރާ އެއްބައިވަންތަ ރޫހުގަ އެވެ.

ކައުންސިލުން އެ މަންޒަރު ދެއްކީ، ފިކުރު ތަފާތުވުމުގެ އަނިޔާ އާއި ސިޔާސީ ޕާޓީތަކުގެ ވާދަވެރިކަން މި ރަށުން ނެތިގެން ގޮސްފައި ވާތީ ނޫން ކަމަށް ވިދާޅުވި އެވެ. ފިކުރު ތަފާތުވުމާ ހެދި 2019 ގައި، ރައީސްގެ ޖަލްސާއެއްގައި ސަފުގެ އެންމެ ފަހަތުގައި ތިބެން ޖެހުނު ހަނދާން ވެސް ހުރި ކަމަށް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

"އެއީ، މަޖިލިސް އިންތިހާބަށް 2019 ގައި ރައީސް މި ރަށަށް ވަޑައިގަތް ދަތުރުފުޅު. އަޅުގަނޑުމެން އޭރު ތިބެން ޖެހުނީ ޖަލްސާގެ ފަހަތުގައި. އޭގެ ފަހުން އަޅުގަނޑު އެލްޖީއޭ އިން ސަސްޕެންޑް ކުރުމަކީ ވެސް ލިބުނު އަނިޔާއެއް. ފަހުން އެއްވެސް މައްސަލައެއް ނުފެނިގެން ސަސްޕެންޝަން އުވާލީ،" އޭނާ ވިދާޅުވި އެވެ.

"ދަންނަވަން ބޭނުންވާ ވާހަކައަކީ، އެއާއެކު ވެސް އަޅުގަނޑުމެންގެ ނެތޭ ބަދަލު ހިފުމުގެ ރޫހެއް. ބޭނުން ވަނީ ރަށަށް އަންނަ ކޮންމެ މީހަކަށް އިހްތިރާމާ އެކު މެހްމާންދާރީ އަދާކުރަން. ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާއަށް. މި ރަށުން އެ ނޫން މަންޒަރެއް ނުފެންނާނެ."

އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު: މި ރަށުން ފެންނާނީ ސިޔާސީ ފިކުރަށް ވުރެން ރައްޔިތުން ބޭނުންވާ ގޮތް ކުރިއަށް ނެރޭ މަންޒަރު ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ | ރައީސް އޮފީސް

އާ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު: މި ރަށުން ފެންނާނީ ސިޔާސީ ފިކުރަށް ވުރެން ރައްޔިތުން ބޭނުންވާ ގޮތް ކުރިއަށް ނެރޭ މަންޒަރު ކަމަށް ކައުންސިލުން ބުނޭ. -- ފޮޓޯ | ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުގައި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުން ބެއްލެވީ ފިކުރު އެއްފަރާތްކޮށް، ކައުންސިލާއި ރައްޔިތުންގެ ފަރާތުން ކޮށްދޭން ޖެހޭ ކަންކަމުގައި ފަސްޖެހުމެއް ނުދެއްކެވުމަށެވެ. ސަރުކާރުގެ ވަފުދަށް ފުރަގަސްދީގެން ރައްޔިތުންނަށް ކުރިއެރުމެއް ނޯންނާނެ ކަން އެއީ ސިޔާސީ ގޮތުން ފެންނާން އޮތް ހަގީގަތް ކަމަށް ވިދާޅުވި އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ ޕީޕީއެމްގެ ފިކުރުގައި ސާބިތުކަމާ އެކު ފަސް ކައުންސިލަރުން ތިއްބެވިޔަސް އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުން ހަވާލުކުރި ޒިންމާއަދާކުރެއްވުމަށެވެ. އިންތިހާބުވެވަޑައިގަތުމާ އެކު ގައުމީ ފިކުރު އިސްކުރުމަކީ އިންތިހާބުގައި ރައްޔިތުންނަށް ދޭ ކަށަވަރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ އިވެންޓެއްގައި އަޅުގަނޑުމެން ހަމަ ގައިމު ވެސް އެއްވެސް އިރެއްގައި ސިޔާސީ ފިކުރު ކުރިއަކަށް ނުނެރެން. ދައުލަތުގެ ވަޒީރަކު ވަޑައިގަތަސް ކައުންސިލަށް އެނގިގެން ވަޑައިގަންނަވާ ނަމަ އެކަން އޮންނާނީ އެހެން،" އޭނާ ވިދާޅުވި އެވެ.

މި ރަށުގައި މާ ކުރިއްސުރެން ފެށިގެން ވެސް ވަނީ ސިޔާސީ ބައިބައިވުން ނޫފެދޭނެ އިންތަކެއް ކަނޑައަޅައިފަ އެވެ. އެންމެ މުހިއްމު ކަމަކަށް ޕާޓީތަކުގެ ޖަގަހަތައް ހެދުމާއި ކެމްޕޭނުގައި ވެސް އެ އިންތަކާއި މިންތަކުގެ ތެރޭގައި ހަރަކާތްތެރިވުމެވެ. ޕާޓީއަކުން ފާރުތަކުގައި ކެމްޕޭނަށް ކުރަހާ ނަމަވެސް އެކަމެއް ނިމުމުން ފޮހެލަން ޖެހެ އެވެ. ބަނދަރު މަތީގައި ޕާޓީތަކުގެ ދިދައެއް ނުޖެހޭނެ އެވެ. ޕާޓީގެ ކުލަތައް ދެއްކޭނީ ބަނދަރުގެ ވަކި ސަރަހައްދަކުން ފެށިގެންނެވެ.

"މަސްލަހަތަށްޓަކައި، މިގޮތަށް އަމަލުކުރާ ގޮތަށް އޮންނަނީ،" އޭނާ ވިދާޅުވި އެވެ.

ގައުމީ އިވެންޓެއްގައި ޕީޕީއެމްގެ ކުލައިގެ ޓައީ ވެސް ނާޅުއްވަ އެވެ. އެ ކުލަ ހާއްސަކުރަނީ ޕީޕީއެމްގެ ޖަލްސާތަކަށެވެ. މިހާ ކުދިކުދި ކަންކަމަށް ވެސް މި ރަށުން ސަމާލުކަން ދެނީ، ގައުމީ ފިކުރުގެ ކުރިއަށް ޕާޓީގެ ފިކުރު ނެރެން ބޭނުން ނުވާތީ އެވެ.

ކައުންސިލަރުންގެ މި ވިސްނެވުމާއި ސަރުކާރުން މަޝްރޫއުތައް ހިންގުމުގައި ގެންގުޅޭ ވިސްނުމާ ދިމާވެ އެވެ. ވަކި ފިކުރެއް އޮވެގެން، އެއްވެސް ރަށެއްގައި ފަސް ޖެހުނު ނުވަތަ ލަސްވި ޕްރޮޖެކްޓެއް، ސަރުކާރުން ބުނާ ގޮތުގައި، ނުދެއްކޭނެ އެވެ. ރައްޔިތުންނަށް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނު ކަންކަން އުތީމުގައި ވެސް ވަނީ ލިސްޓުކޮށްފަ އެވެ. ފަހަރަކު ކަމެއް ނިންމަމުން އަންނައިރު، އެންމެ ފަހުން ރައްޔިތުންގެ ފަސޭހަކަށް ވީ އާ އިންޖީނުގެ އެވެ.

އުތީމަށް ރައީސް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އުތީމަށް ރައީސް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ސަރުކާރުތަކެއް ނިމިދިޔަ އިރު ފުރިހަމަނުވެ އޮތް އެކަން އުތީމަށް ފަހިވެ ރައްޔިތުންނަށް ލުއި ފަސޭހަކަން ލިބުމުގެ އުފާފާޅުކޮށް، ސަރުކާރަށް ޝުކުރުއަދާކުރީ އުތީމު ކައުންސިލުންނެވެ. ފެނަކައިން ބޭއްވި ރަސްމިއްޔާތުގައި، ކައުންސިލްގެ ރައީސް ވާހަކަ ދައްކަވާ ގޮތަށް ކުރިން ހަމަޖެހިފައި ނެތަސް އެ ފުރުސަތު ދިނީ ރައީސް އޮފީހުން ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިފަދަ އުނދަގޫތައް، އެއް ފިކުރުގެ ސަރުކާރެއް ނެތުމުން ކައުންސިލަރުންނަށް ދިމާވެ އެވެ. ބައެއް ފަހަރަށް އަމާޒުކުރާ ބަހުގެ ހަމަލާތަކުން ވެސް އުނދަގުވާ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ވާ ގޮތަކީ އެމްޑީޕީގެ މަޖިލިސް މެމްބަރެއް ހުންނަ ކަމަށް ވަންޏާ އެ މެމްބަރަކު ބޭނުން ނުވާ ކަމެއްގައި އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮންނަނީ. ރައީސް އުތީމަށް ވަޑައިގަތްއިރު، މެމްބަރުގެ ވެސް އެއްބާރުލުން ލިބުނު،" އޭނާ ވިދާޅުވި އެވެ.

"ރަނގަޅު ކަމެއް ކޮށްދިނީމަ އަޅުގަނޑުމެން ކައުންސިލަރުންނަކީ އެކަމެއް އޮތްގޮތަށް ބުނަން ކެރޭ ވަރުގެ މީހުން ކަން ސާބިތުވެފައި އޮންނާނީ [އިންޖީނުގެ ހުޅުވި] އެ ޖަލްސާއިން. ނުރުހޭ މީހަކު ވެސް ކަމެއް ކޮށްދީފި ނަމަ އެކަން ބަލައިގަންނާނެކަން ސާބިތުކޮށްދިނީ،" ސަރުކާރަށް ޝުކުރު އަދާކުރެއްވި ސަަބަބު ތަފްސީލްކޮށްދެއްވައި ވިދާޅުވި އެވެ.

އުތީމު ފަސްގަނޑުން ގައުމީ މި ރޫހެއް ބަދަލެއް ނުވާނެ އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި ކައުންސިލުގެ އުސޫލަކީ ރައްޔިތުންގެ ފައިދާ ކުރިއަށް ނެރުމެވެ. ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަސް ގައުމީ ފިކުރުގެ ކުރިއަށް ޕާޓީގެ ފިކުރާ އެކު މަސްލަހަތު ގެއްލޭނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން މިހާރު އޮތް ކައުންސިލުން ދެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލަށް ކޮންމެ ފިކުރެއް ހޮވުނަސް އުތީމުން ފެންނާނީ އެ ނަމޫނާ އެވެ.