Roadha Mihaaru
ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި

ބޮޑު ތަފާތަކުން ބޫޓާން ބަލިކޮށް ރާއްޖެއިން އަނެއްކާ ވެސް ބްރޯންޒް މެޑަލް ހޯދައިފި

29 ސެޕްޓެމްބަރ 2022

ރާއްޖޭގައި ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި، މިރޭ ބޫޓާންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި މުބާރާތުގެ ތިންވަނަ މަގާމާ އެކު ރާއްޖެއިން އަނެއްކާ ވެސް ދެކުނު އޭޝިއާގެ ބާސްކެޓްގައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ރާއްޖޭގައި ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި، މިރޭ ބޫޓާންގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކާމިޔާބު ހޯދައި މުބާރާތުގެ ތިންވަނަ މަގާމާ އެކު ރާއްޖެއިން އަނެއްކާ ވެސް ދެކުނު އޭޝިއާގެ ބާސްކެޓްގައި ބްރޯންޒް މެޑަލް ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗު ރާއްޖެއިން ބޫޓާންގެ މައްޗަށް ކާމިޔާބު ހޯދީ 52 ޕޮއިންޓްގެ ބޮޑު ތަފާތަކުންެވެ. ރާއްޖެއިން ކުރި ހޯދީ 86-34 ންނެވެ.

މުބާރާތުގެ ބްރޯންޒް މެޑަލް އާއެކު ގައުމީ އަންހެން ސީނިއާ ޓީމުން ވަނީ ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި ތިންވަނަ ފަހަރަށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ރާއްޖެއިން ފުރަތަމަ ބްރޯންޒް މެޑަލް ހޯދީ ނޭޕާލްގައި 2016 ގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި އަހުމަދު ނަޒީފުގެ ކޯޗު ކަމުގެ ދަށުންނެވެ.

ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި މިހާރުގެ ހެޑް ކޯޗު ސުޕުން ވިމާލްގެ ކޯޗު ކަމުގެ ދަށުން ބްރޯންޒް މެޑަލް ހޯދި އެވެ. އެ މުބާރާތުގައި ރާއްޖެއިން ވަނީ ލަންކާ ވެސް ބަލި ކޮށްފަ އެވެ. ރާއްޖެ މިފަހަރުގެ މުބާރާތުން ބްރޯންޒް މެޑަލް ހޯދައިދިނުމުން، ސުޕުން ވެފައި ވަނީ ރާއްޖޭގެ ބާސްކެޓްގައި އެންމެ ކާމިޔާބު ކޯޗަށެވެ. އޭނާގެ ކޯޗު ކަމުގެ ދަށުން ރާއްޖެ އަށް ދެ މުބާރާތުން މެޑަލް ހޯދައި ދިނެވެ.

މިރޭ ބޫޓާން އާ ދެކޮޅަށް ރާއްޖެއިން ކުޅުނީ ފަސޭހަ ގޭމެކެވެ. ޓީމުގެ ވައިސް ކެޕްޓަން، ފާތިމަތު ޝިއުރާ އަބްދުލް ބާރީ ވަނީ 33 ޕޮއިންޓް ހޯދައިފަ އެވެ. މުބާރާތުގައި ވެސް ރާއްޖޭގެ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ރައިފާ މިރޭ ގެ މެޗުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ ފަހު ކުއާޓާގައި އާމިނަތު އިސްރާއު އަބްދު ޝުކޫރު އާއި ރިޝްމާގެ ކޮމްބިޏޭޝަން ކުޅުމާ އެކު ރާއްޖެ އަށް ގިނަ ޕޮއިންޓްތަކެއް އެ ދެ ކުޅުންތެރިން ހޯދައިދިނެވެ.

މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިންމައި ހާފް ޓައިމް އަށް މެދުކަނޑާލިއިރު ރާއްޖެ އަތުގައި 20 ޕޮއިންޓްގެ ލީޑެއް އޮތެވެ. ފުރަތަމަ ދެ ކުއާޓާ ތެރޭ ރާއްޖެއިން 39 ޕޮއުިންޓް ހޯދި އެވެ. ބޫޓާނަށް ހޯދުނީ 19 ޕޮއިންޓެވެ.

ރޭގައި ރާއްޖެ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލަންކާ އަށް ވަނީ، މިރޭމެޗަށް ފަހު ރަން މެޑަލް އާއި ޗެމްޕިއަން ޝީލްޑް ހަވާލުކޮށްފަ އެވެ. ލަންކާ އަދި ރަނަރަފް ނޭޕާލް އާއި ތިންވަނަ ރާއްޖެ އަށް ވެސް މެޑަލް ހަވާލު ކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މުބާރާތް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަހުލޫފް، ވިދާޅުވީ އަންނަ އަހަރު ވެސް ރާއްޖޭގައި ބާސްކެޓް އިންޓަނޭޝަނަލް މުބާރާތެއް ބާއްވާނެ ކަމަށެވެ.