Roadha Mihaaru
ރާއްޖޭގެ ބާސްކެޓްގައި ބޮޑު ކާމިޔާބަކަށް ކުރެވޭ އުއްމީދު

ރާއްޖޭގެ ބާސްކެޓްބޯޅައިގައި ބޮޑު ކާމިޔާބަކަށް ކުރެވޭ އުއްމީދު

21 ސެޕްޓެމްބަރ 2022

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގައި ރާއްޖެ އަށް ވެސް އަދި ސަރަހައްދުގެ އަނެއް ފަސް ގައުމަށް ވެސް ބަލި ކުރަން އެންމެ އުނދަގޫ ޓީމަކަށް އޮތީ އިންޑިއާ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅައިގައި ރާއްޖެ އަށް ވެސް އަދި ސަރަހައްދުގެ އަނެއް ފަސް ގައުމަށް ވެސް ބަލި ކުރަން އެންމެ އުނދަގޫ ޓީމަކަށް އޮތީ އިންޑިއާ އެވެ.

ދުނިޔޭގެ ރޭންކިންގެ 58 ވަނައިގައި އޮތް އިންޑިއާގެ އަންހެން ޓީމު، މާލޭގައި އަންނަ ހަފުތާގައި ފަށާ ސާބާ ޗެމްޕިއަންޝިޕުގައި ބައިވެރިވާނެ ކަމަށް ނުބެލެވެ އެވެ. އެންމެ ފަހުން 2016 ގައި ނޭޕާލްގައި ބޭއްވި ސާބާގެ އަންހެން މުބާރާތުގައި ވެސް އިންޑިއާ ބައިވެރިއެއް ނުވެ އެވެ.

އެ މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދިން ކޯޗު އަހުމަދު ނަޒީފު ބުނި ގޮތުގައި ރާއްޖެ އަށް ވެސް ބަލި ކުރަން އެންމެ އުނދަގޫ ޓީމަކީ އިންޑިއާ އެވެ. އޭނާ ބުނީ ދެން އޮތް ފަސް ގައުމަކީ ރާއްޖެ އަށް ވާދަކޮށް ބަލިކުރެވިދާނެ ޓީމުތަކެވެ.

"އިންޑިއާ ނެތިއްޔާ އަދި ހާއްސަކޮށް އަމިއްލަ ގައުމުގައި ބާއްވާތީ ދިވެހި ބާސްކެޓްގެ ފުރަތަމަ ރަން މެޑައްޔަށް އަޅުގަނޑަށް އުއްމީދު ކުރެވޭ،" އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ތްރީ އޮން ތްރީ ޓީމުގެ ކޯޗުގެ ގޮތުގައި ވެސް ދިޔަ ނަޒީފު ބުންޏެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ގައުމީ ޓީމާ ބައްދަލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ނައިބު ރައީސް ފައިސަލް ނަސީމް ގައުމީ ޓީމާ ބައްދަލު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

"ރާއްޖޭގައި މިއޮތް ޓީމާ މި ކުޅުންތެރިންގެ ހުނަރަށް ބަލާއިރު މި ޓީމާ މެދު އުންމީދު ކުރެވޭ."

ބާސްކެޓްގެ އެހެން އޮފިޝަލަކު ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބާސްކެޓްގައި މުބާރާތްތަކެއްް ނުބޭއްވި ގިނަ ދުވަސްތަކެއް ވެގެން ދިއުމަކީ ޓީމަށް އޮތް ބޮޑު ޗެލެންޖެކެވެ. އޭނާ ބުނި ގޮތުގައި ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް ކުޅިވަރުތަކަށް ލިބުން ލަސް ވުމުން ބާސްކެޓަށް ގޮންޖެހުން އަ އެވެ.

ފެބްރުއަރީ 2021 ން ފެށިގެން މިދިޔަ އަހަރުގެ ވަރަށް ފަހަކާ ޖެހެންދެން ސޯޝަލް ސެންޓަރު ބޭނުން ކުރަމުން ދިޔައީ ކޮވިޑް-19 އިގެ "ވެކްސިން ސެންޓަރެއް" ގެ ގޮތުގަ އެވެ.

ތާޖުރިބާކާރު ބާސްކެޓްބޯޅަ ކޯޗު ހުސައިން ޒަމީލް (ޒަމްބެ) ބުނީ ރާއްޖޭގެ ސްކޮޑްގައި ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ތިބުމަކީ ވެސް ރާއްޖޭގެ ގޭމް ހަލުވި ވާނެ ސަބަބެކެވެ.

ގައުމީ ބާސްކެޓް ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ: ރައީސް އޮފީސް

ގައުމީ ބާސްކެޓް ޓީމުގެ ބައެއް ކުޅުންތެރިން --- ފޮޓޯ: ރައީސް އޮފީސް

"އެމްބީއޭ [ބާސްކެޓްބޯލް އެސޯސިއޭޝަން] އިން ވަރަށް ރަނގަޅު ކަމެއް ކޮށްފައި މިއތޮތީ ގިނަ އަދަދަކަށް ޒުވާން ކުޅުންތެރިން ހިމެނުމަކީ. އެ ކުދިންނަށް ކުޅެވޭނެ މިހާރު ޒަމާނީ ގޭމް ކުޅޭ ގޮތަށް ދުވެގެން. ޕާސް ބްރޭކް ހަދައިގެން. ދެން އެ ކުދިންނަށް ލިޑް ކޮށްދޭން މިތިބީ ރިޝްމާ އަދި ޝިއުރާ، ވަރަށް ބޮޑަށް އެކްސްޕީރިއަންސް ވެސް މި ޓީމުގެ ތެރެއަށް ގެންނާނެ،" ޒަމީލް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ އޮތް ކޯޗިން ޓީމަކީ މުބާރާތުން ފެންނާނެ އެންމެ ތަޖުރިބާ ބޮޑު ކޯޗިން ޓީމު ކަމަށެވެ. ޓީމުގެ ހެޑް ކޯޗަކީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިދިން ކޯޗު ސުޕުން ވިމާލް އެވެ. އޭނާގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރާނީ ގްރޭޝް އަފުރާހް (ގުރޭ) އެވެ.

އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ފަށާ މުބާރާތް ކުރިއަށް ދާނީ މިމަހު 30 ގެ ނިޔަލަށެވެ.