Roadha Mihaaru
އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް

އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް

26 ސެޕްޓެމްބަރ 2022

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ނޭޕާލް އަތުން ރާއްޖެ މޮޅުވި މެޗަކީ އިންޑިވިޖުއަލް ޕާފޯމަންސަށް ބަލާއިރު އާމިނަތު އިސްރާއު އަބްދުޝުކޫރު އެއް މެޗެއްގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި މެޗެވެ. ނޭޕާލުން ލީޑުގައި އޮއްވައި މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް އަނބުރާލަ ދިނުމުގައި އިސްރާއުގެ ދައުރު ބޮޑެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދެކުނު އޭޝިއާގެ ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ނޭޕާލް އަތުން ރާއްޖެ މޮޅުވި މެޗަކީ އިންޑިވިޖުއަލް ޕާފޯމަންސަށް ބަލާއިރު އާމިނަތު އިސްރާއު އަބްދުޝުކޫރު އެއް މެޗެއްގައި އެންމެ ތަފާތު މޮޅު ކުޅުމެއް ދެއްކި މެޗެވެ. ނޭޕާލުން ލީޑުގައި އޮއްވައި މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް އަނބުރާލަ ދިނުމުގައި އިސްރާއުގެ ދައުރު ބޮޑެވެ.

އޭނާގެ ފަރާތުން ފެނުނު މި ތަފާތުގެ ފަހަތުގައި އޮތީ ހިތްވަރާއެކު ގެނައި ބަދަލުތަކެވެ.

މެޗަށް ފަހު މީޑީއާ އާ ވާހަކަ ދައްކަމުން އިސްރާއު ބުނީ، ނޭޕާލް ބަލި ކުރުމަކީ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ވެސް ކުޅުންތެރިން ކުރި އުއްމީދެއް ކަމަށެވެ.

"މިއީ މުޅި ޓީމަށް އާދަޔާ ހިލާފް މޮޅެއް. އެހެންވެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް އެހާ އިމޯޝަން ފެނުނީ،" ރާއްޖޭގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ އަބްދުﷲ އަމްޒަރު މުހައްމަދުގެ އަންހެނުން ބުންޏެވެ.

އަމްޒަރު ބުނީ އިސްރާއު ކެރިއާއިން އޭނާ އަށް ވެސް ބޮޑު ހިތްވަރެއް ލިބޭ ކަމަށެވެ.

އަމްޒަރު ބުނި ގޮތުގައި އިސްރާއުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުނީ އޭނާ އަމިއްލަ އަށް ގެނައި ބަދަލތަކުންނެވެ.

ފުރަތަމަ ކުއާޓާގައި މިޑް ކޯޓް ލައިން ކައިރީގައި ހުރެ އިސްރާއު ވަނީ ދުރުން ބޯޅައެއް އެއްލައި އެއްފަހަރުން ތިން ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެ އާއެކު ރާއްޖެ އަށް ލިބުނު ލީޑުގައި ހިންދެމިލާނެ ފުރުސަތު ދިވެހި ޓީމަށް ލިބުނެވެ

ދެން އޮތީ އިސްރާއުގެ ލީޑާޝިޕެވެ. ފަހު ކުއާޓާގައި އާމިނަތު ޝިއުރާ އަބްދުލް ބާރީ އަށް އަނިޔާ ވެގެން އޭނާ މެޗާ ވަކިވާން ޖެހުނު ވަގުތު ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމުގައި އޭނާ އިސް ނެގި އެވެ. އެ ހިތްވަރުން ނަތީޖާ ވެސް ފެނުނެވެ. އެހެން ކުޅުންތެރިން ވަރުބަލިވީ ވަގުތު ޓީމުގެ ޕާފޯމަންސް ދެމެހެއްޓީ ޒުވާން ކުޅުންތެރިންނެވެ. މުޅި ޓީމު ދެއްކި ހިތްވަރުން ކުޅުންތެރިން ވަރުބަލިވެފައި ވަނިކޮށް ދިވެހި ޓީމުގެ ފްރީ ތުރޯތައް ފޮނުވާލަން ފަހުން އިސްރާއު އަށް ފުރުސަތު ދިނީ އޭނާ އާ މެދު އެހެން ކުޅުންތެރިންނަށް ވެސް އޮތް އިތުބާރުގެ ބޮޑު ކަމުންނެވެ.

ރާއްޖޭ ޓީމުގެ ކުޅުންތެރިޔާ ބޯޅަ ހިފައިގެން ދާން މަސައްކަތްކުރާއިރު ނޭޕާލް ޓީމްގެ ދެ ކުޅުންތެރިން ރާއްޖެ ޓީމުގެ ކުޅުންތެރިޔާ ހުއްޓިވަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭ ޓީމުގެ ކުޅުންތެރިޔާ ބޯޅަ ހިފައިގެން ދާން މަސައްކަތްކުރާއިރު ނޭޕާލް ޓީމްގެ ދެ ކުޅުންތެރިން ރާއްޖެ ޓީމުގެ ކުޅުންތެރިޔާ ހުއްޓިވަން މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މުޅި މެޗު ފެށިގެން ނިމެންދެން އެއްވަރަށް ޕާފޯމް ކުރި. ތަފާތަކަށް ވާނެ އޭނާ އަމިއްލަ އަށް ގެނައި ބަދަލުތައް،" މި އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި އަމްޒަރު ބުންޏެވެ.

"މުބާރާތުގެ މާކުރިން ވެސް ޑައިޓް ޕްލޭން ބަދަލުކޮށް ވަރަށް ބޮޑަށް އެކަމަށް ފޯކަސް ކުރި. އެންމެ ދުވަހެއް ވެސް މެދު ކަނޑާނުލައި ފިޒިކަލީ ވެސް ވަރަށް ބޮޑަށް އޭގެ ތެރޭގައި ހޭދަ ކުރި. އަޅުގަނޑަށް ވެސް ވަރަށް ބޮޑު އިންސްޕަޔާ އަކަށްވި އީއްކޮގެ އެ ޑެޑިކޭޝަން."

އަމްޒަރު ބުނިގޮތުގައި ފިޒިކަލް ޓްރޭނިންތަކަށް ދެމީހުން ދަނީ އެއް ވަގުތެއްގަ އެވެ. އިސްރާއުގެ ޓްރޭނިންތަކުން އޭނާ އަށް ވެސް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމަށް އަމްޒަރު ބުންޏެވެ.

"ޓްރެޑް މިލްގައި ދުވެ އަޅުގަނޑު ހުއްޓާލާއިރު ވެސް އިސްރާ ކުރިއަށް ގެންދާނެ. ދުވެ ދުވެ އަނބުރައި ގަންނަން ދެން އޭނާ ހިތްވަރު ކުރާނެ،" މިދިޔަ އަހަރު ޖެނުއަރީ މަހު ކައިވެނި ކުރި އަމްޒަރު، އޭނާގެ އަންހެނުންނާ ބެހޭގޮތުން ބުންޏެވެ.

"ދުވެ ދުވެ ވަރުބަލި ވެގެން ހޮޑު ލެވެން ދެން އޭނަ ހުންނާނެ ޓްރެޑްމިލްގައި ދުވެދުވެ. އަނެއްކާ ވެސް އައިސް ދުވަން ފަށާނެ. އެއް ފަހަރެއްގައި ވިދިދިގެން ތިން ދުވަސް ދިޔަ ހޮޑު ލުމުގައި. އެވަރުން ވެސް ޓްރޭނިން ސްކިޕްކޮށް ނުލާ. އިއްކޮ އަކީ ވަރަށް ހިތްވަރުގަދަ ކުޅުންތެރިޔެއް. އޭނާގެ ހިތްވަރު ފެނުނީމަ އަޅުގަނޑަށް ވެސް ވަނީ ވަރަށް ބޮޑު އިންސްޕަޔާ އަކަށް."

ރޭގެ މެޗަށް ފަހު އަމްޒަރު އާއި އިސްރާ ސެލްފީއެއް ނަގަނީ: އަމްޒަރު ބުނީ އިސްރާގެ މަސައްކަތް ފެނުމުން އޭނާ އަށް ވެސް ބޮޑު ހިތްވަރެއް ލިބޭ ކަމަށް

ރޭގެ މެޗަށް ފަހު އަމްޒަރު އާއި އިސްރާ ސެލްފީއެއް ނަގަނީ: އަމްޒަރު ބުނީ އިސްރާގެ މަސައްކަތް ފެނުމުން އޭނާ އަށް ވެސް ބޮޑު ހިތްވަރެއް ލިބޭ ކަމަށް

ރެޑްބުލް ތްރީ އޮން ތްރީ ދުނިޔޭގެ މުބާރާތަށް ދާން ތައްޔާރު ވަމުން އަންނަ އަމްޒަރު ބުނީ އިސްރާގެ ޓްރޭނިންތައް ފެނުމުން، އޭނާ ވެސް އެ ލެވަލްގައި ޓްރޭނިން ހަދަން ހިތްވަރު ލިބޭ ކަމަށެވެ

"އިހުސާސް ކުރެވޭ އަޅުގަނޑަށް ވުރެ މާ ބުރަކޮަށް އޭނާ މަސައްކުރެޔޭ. އިއްކޮ އަކީ ވަރަށް ޑެޑިކޭޓެޑް އެތުލީޓެއް،" އަމްޒަރު ކިޔައި ދިނެވެ.

"ރޭ ގެ ވެސް ފެންނާނެ އެންމެ ފަހު ވަގުތު ވަރު ބަލި ވެގެން ވެސް އޭނަ ފަހަތަކަށް ނުޖެހުނު. އޭނާގެ ކިބައިގައި ނުހުންނާނެ ގިވް އަޕް ކުރުމުގެ ސިފައެއް. މުޅި ޓީމު ކުރިއަށް ޕުޝް ކޮށްގެން އޭނާ ލީޑް ކުރީ. އެއީ އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ސިފަ އަކީ."

އަމްޒަރު ބުނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް އިސްރާ އަށް ވެވޭނެ ކަމަށެވެ. އޭނާ ބުނީ އިސްރާ އިސްވެ ލައިފް ސްޓައިލް އަށް ގެނައި ބަދަލުތަކުން އޭގެ ފައިދާ އޭނާގެ ކުޅުމުގެ ކެރިއާ އަށް ވެސް ލިބުނު ކަމަށެވެ.

"މެރީ ކޮށްގެން މިވީ ދުވަސްތަކުގައި އިއްކޮ ލައިފް ސްޓައިލަށް ގެނައި ބަދަލުތަކަށް އަޅުގަނޑަށް ވެސް ހޭނެން ޖެހުނު. ހަގީގަތުގައި އެ ބަދަލުތަކަށް އަޅުގަނޑު ހޭނުނީމަ އަޅުގަނޑުގެ ކުޅުމުގެ ކެރިއާ އަށް ވެސް ކުރި އެރުން އައި،" މި އަހަރު ބާސްކެޓްބޯޅައިގެ ތިން މުބާރާތް، ކިންގްސް ބާސްކެޓްލް ކްލަބަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރި އަމްޒަރު ބުންޏެވެ.

އިސްރާގެ ބާސްކެޓްގެ ހުނަރުތައް ތަރައްގީ ވުމުގައި އަލީ އިޝާމް (ބަނީ) އާއި ހަސަން މުހައްމަދު ދީދީ (ހަސަން ކޯޗު) ދައުރު ބޮޑު ކަމަށް އަމްޒަރު ބުންޏެވެ.

"މާ ކުރިން ވެސް އަޅުގަނޑުމެން ދެމީހުން އެއްކޮށް ޕީޓީ [ޕާސަނަލް ޓްރޭނިން] އަށް ދާނީ އެންމެ ފުރަތަމަ ބަނީ ކޯޗު ކައިރިއަށް އޭގެފަހުން ހަސަން ކައިރި އަށް. މި ދެ ކޯޗުން ވެސް އިއްކޮގެ ޓްރޭނިން ގެންދާނީ ފިރިހެން ކުޅުންތެރިންނާ ދެކޮޅަށް. އެއީ ވެސް އޭނަގެ ކުޅުން މޮޅުވި ސަބަބެއް. އެ ކްރެޑިޓް އަޅުގަނޑު ދޭނީ ބަނީ ކޯޗު އާއި ހަސަން ކޯޗަށް،" އަމްޒު ބުންޏެވެ.

"ވަން އޮން ވަން ޓްރޭނިންތަކުގައި އޭނަ ކުޅުވާނީ އަޅުގަނޑާ ދެކޮޅަށް އޭނަ ހުންނާނެ ވަރަށް ގިނަ ފަހަރަށް އަޅުގަނޑު ވެސް ބީޓްކޮށްފަ."