Roadha Mihaaru
އުފަލުގެ ކަރުނައާއެކު ޝިއުރާއަށް ވާހަކަ ވެސް ނުދެއްކުނު

އުފާވެރިކަމުގެ ކަރުނައާއެކު ޝިއުރާ އަށް ވާހަކަ ވެސް ނުދެއްކުނު

26 ސެޕްޓެމްބަރ 2022

ސާބާ ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތުގައި ރޭ ދިވެހި ކުޅުންތެރިންނަށް ލިބުނީ އާދަޔާ ހިލާފު އުފަލެކެވެ. މެޗުގެ ފަހު ކުއާޓާގެ ވަރަށް ފަހު ވަގުތަކާ ޖެހެން ދެން ވެސް ނޭޕާލުން ލީޑްގައި އޮއްވައި ރާއްޖެއިން މެޗު އަނބުރާލީ އެންމެ ފަހު ދެތިން މިނެޓްތެރޭގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސާބާ ޗެމްޕިއަންޝިޕްގެ އަންހެން މުބާރާތުގައި ރޭ ދިވެހި ކުޅުންތެރިންނަށް ލިބުނީ އާދަޔާ ހިލާފު އުފަލެކެވެ. މެޗުގެ ފަހު ކުއާޓާގެ ވަރަށް ފަހު ވަގުތަކާ ޖެހެން ދެން ވެސް ނޭޕާލުން ލީޑްގައި އޮއްވައި ރާއްޖެއިން މެޗު އަނބުރާލީ އެންމެ ފަހު ދެތިން މިނެޓްތެރޭގަ އެވެ.

ފާތިމަތު ރިޝްމާ ފަހު ވަގުތު ލީޑްކޮށް ރާއްޖެއިން 51-47 އިން މެޗު ކާމިޔާބުކޮށް ރާއްޖޭގެ އަންހެން ބާސްކެޓްބޯޅައިގައި ފުރަތަމަ ފަހަރަށް ނޭޕާލް ބަލި ކުރީ އެވެ. ދިވެހި ޓީމު އެންމެ ފަހު ވަގުތު ތަފާތު ހިތްވަރެއް ނެރުނެވެ. މެޗުގެ ބޮޑު ބައެއްގައި ރާއްޖޭގެ އެޓޭކުތަކުގައި މުހިންމު ދައުރެއް އަދާކުރި، އާމިނަތު ޝިއުރާ އަބްދުލް ބާރީގެ ކަކުލަށް އަނިޔާވެގެން އޭނާ އަށް މެޗާ ވަކިވާން ޖެހުނެވެ. ޓީމުގެ ސީނިއާ އެއް ކުޅުންތެރިޔާ ނެތި ބާކީ ބައި ދިވެހި ޓީމަށް ފުރިހަމަ ކުރަން ޖެހުމުން ކުޅުންތެރިންނަށް ކުރީ ޖަޒުބާތީ އަސަރެކެވެ.

މެޗަށް ފަހު މީޑީއާ އާ ވާހަކަ ދައްކަމުން ޝިއުރާގެ މޫނު މަތިން ވެސް އެ އިހުސާސްތައް ފެނުނެވެ. އުފަލުން ރޮވިފައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަށް ވާހަކަ ވެސް ނުދެއްކުނެވެ. އޭނާ ބުނީ ބާސްކެޓްގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިންނަކީ ކަށިން ހިތްވަރު ނެރޭނެ ކުޅުންތެރިންތަކެއް ކަމަށެވެ.

ޝިއުރާ އަށް އޭނާގެ ފިރި މީހާ އަސަދުﷲ މަރުހަބާ ކިޔަނީ: ރޭ ނޭޕާލްގެ މައްޗަށް ދިވެހި ޓީމުން ހޯދި މޮޅަކީ އަންހެން ބާސްކެޓްގައި އެ ގައުމުގެ މައްޗަށް ރާއްޖެއިން ހޯދި ފުރަތަމަ މޮޅު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހުރިހާ ބޭފުޅުންނަށް ވެސް ފެންނާނެ ބާސްކެޓް ނެޝަނަލް އަންހެން ޓީމުގެ ކުޅުންތެރިންނަކީ އެއް ވެސް ވަރަކަށް ގިވް އަޕް ކުރާނެ ބައެއް ނޫން. މި ޓީމުގައި ނުހުންނާނެ އެއް ވެސް ކުއްޖެއް ގިވް އަޕް ކުރާނެ. ހުރިހާ ކުދިން ވެސް ކަށިން ހިތްވަރު ނެރެގެން ކުޅުނީ، ވަރަށް ވަރަށް އުފާވޭ ހުރިހާ ކުދިން ކުޅުނީމަ. ނޭނގެ ބުނާނެ އެއްޗެއް ވެސް،" ރޮވިފައި ހުރެ ވާހަކަ ދައްކަމުން ޝިއުރާ ބުންޏެވެ.

އޭނާ އަށް ދެން އިތުރަށް ވާހަކަ އެއް ނުދެއްކުނެވެ.

އޭގެ ކުރިން އޭނާ ބުނީ ރާއްޖެ އަށް ފަހު ވަގުތު ނަތީޖާ އަނބުރާލެވުނީ، އެ ގަޑީގައި ވެސް ސަޕޯޓަރުން ދިން ހިތްވަރުގެ ސަބަބުން ކަމަށެވެ.

މެޗަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓީމުގެ ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ: ނޭޕާލްގެ މައްޗަށް ރާއްޖެ މޮޅުކޮށް ދޭން ކުޅުންތެރިން ވަނީ ތަފާތު ހިތްވަރެއް ނެރެފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އެންމެ ފަހު ވަގުތަށް ވެސް ހިތްވަރު ދަމާ ލެވުނީ ހަމަ ސަޕޯޓަރުންގެ ހިތްވަރުން،" އޭނާ ބުންޏެވެ.

ރިޝްމާ ބުނީ އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސްގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ، ހިތްދަތި ގޮތަކަށް ކަމަށެވެ. ސާބާ ޗެމްޕިއަންޝިޕްގެ އެންމެ ފަހު ރަނަރަފް ނޭޕާލުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ މައްޗަށް ކުރި ހޯދީ ނުވަ ޕޮއިންޓްގެ ލީޑަކުންނެވެ.

ފަހުވަގުތު ނޭޕަލް ބަލިކުރުމަށްފަހު ރާއްޖެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މީ އަންހެން ބާސްކެޓްގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ހޯދި ފުރަތަމަ މޮޅު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފަހުވަގުތު ނޭޕަލް ބަލިކުރުމަށްފަހު ރާއްޖެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ: މީ އަންހެން ބާސްކެޓްގައި ނޭޕާލްގެ މައްޗަށް ރާއްޖެއިން ހޯދި ފުރަތަމަ މޮޅު -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"އަޅުގަނޑުމެން 2019 ގައި ކުރި ތަޖުރިބާ އަށް ބަލާފައި އަޅުގަނޑުމެން އަޒުމު ކަނޑައެޅީ ރާއްޖޭގައި އޮންނަ މުބާރާތުން ނޭޕާލް ބަލި ކުރަން،" އާދަޔާ ހިލާފް ޖޯޝެއްގައި ހުރި ރިޝްމާ ބުންޏެވެ.

"އޭރު އަޅުގަނޑުމެން ހިތްދަތި ގޮތަކަށް ނޭޕާލް އަތުން ބަލިވީމަ. އަޅުގަނޑުމެން އަޒުމު ކަނޑައެޅީ ނޭޕާލްގެ މެޗު ކާމިޔާބު ކުރަން މި މުބާރާތް ވެސް ކާމިޔާބު ކުރަން."

ދެން ރާއްޖެ އަށް އޮންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާ އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގަ އެވެ. މިރޭ ލަންކާ އާއި ބޫޓާން ވާދަ ކުރާނެ އެވެ. އަދި މާދަމާ ރޭ ލަންކާ އާއި ނޭޕާލް ކުޅޭ މެޗު ވެސް އޮންނާނެ އެވެ. ބުދަ ދުވަހު ހަވީރު ނޭޕާލް އާ ބޫޓާން ވާދަ ކުރާ މެޗު ވެސް އޮންނާނެ އެވެ.