Roadha Mihaaru
ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް

ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް ހުޅުވައިފި

28 ސެޕްޓެމްބަރ 2022

ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ވިލާ ކޮލެޖުގައި ޗައިނާ ބަސް ދަސްކޮށްދޭ ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު، ވާންގް ލިޖިން އާއި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފެވެ.

ވިލާ ކޮލެޖްގެ "ޗައިނީސް ލެންގުއެޖް ސެންޓަރު (ސީއެލްސީ)" ހިންގާނީ ޗައިނާގެ ޗަންގްއާން ޔުނިވާސިޓީ އާއި ހޫނަން މާސް މީޑިއާ ވޮކޭޝަނަލް އެންޑް ޓެކްނިކަލް ކޮލެޖާ ގުޅިގެންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ބައިވެރިވެވަޑައިގަންނަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ސެންޓަރުގައި ހަތަރު ތަމްރީނެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ޗައިނާ އިން ރާއްޖެ އަންނަ ޓޫރިސްޓުންނާ ފަސޭހައިން ވާހަކަ ދައްކަން ދަސްކޮށްދޭ "ޓުއަރިޒަމް ޗައިނީސް" ކޯހާއި ވިޔަފާރީގެ މުއާމަލާތްތަކުގައި ޗައިނާގެ ބަސް ބޭނުންކުރަން ދަސްކޮށްދިނުމަށް ދެ ލެވެލަކަށް ބަހާލައިގެން ހިންގާ "ބިޒްނަސް ޗައިނީސް" ކޯސް ހިމެނެ އެވެ.

އާންމު ދިރިއުޅުމުގައި މީހުން ވާހަކަ ދައްކައި އުޅޭ މޫސުމާ ގުޅޭ ވާހަކަތަކާއި ކައިބޮއި އުޅޭ ތަކެއްޗާއި ވިޔަފާރި ކުރުން ފަދަ ކަންކަމުގައި ޗައިނާގެ ބަސް ބޭނުން ކުރަން ދަސްކޮށްދޭ "އީޒީ އެޕްރޯޗް ޓު ޗައިނީސް" އަދި ގްރޭޑް އެކަކުން ހަތަކާ ދެމެދުގެ އުމުރުގެ ކުދިންނަށް އަމާޒު ކޮށްގެން ކިޔަވައިދޭ "އީޒީ ޗައިނީޒް" ކޯހެއް ވެސް ހަތަރު ލެވެލަކަށް ބަހާލައިގެން އެ ސެންޓަރުގައި ކުރިއަށް ދާނެ އެވެ.

ވިލާ ކޮލެޖްގައި ސީއެލްސީއެއް ހުޅުވަން ޗައިނާގެ ބައިނަލްއަގްވާމީ ތައުލީމީ ފައުންޑޭޝަނާއެކު އެއްބަސްވީ 2019 ވަނަ އަހަރެވެ. ނަމަވެސް، ކޮވިޑް-19 ގެ ދުވަސްވަރާ ގުޅިގެން ސެންޓަރު ހުޅުވުން ލަސްވީ ކަމަށް ވިލާ ކޮލެޖުން ބުނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޗައިނާ ސަފީރު ވާންގް ލީޖިން ވިދާޅުވީ، އެ ސެންޓަރުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށެވެ.

ޗައިނާގެ ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޗައިނާގެ ސަފީރު މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޗައިނާގެ ބަސް ދަސްކުރުމުން އެ ގައުމުގެ ސަގާފަތް ރަނގަޅަށް ދަސްވާނެ ކަމަށާއި އަދި ގިނަ ފުރުސަތުތަކެއް ދިވެހިންނަށް ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޗައިނާ ބަސް ރަނގަޅަށް ދަސްކުރުމުން ދިވެހި ޒުވާން ކުދިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވާނެ. ސީއެލްސީ އިން ތަމްރީނުވާ ދަރިވަރުންނަކީ ކުރިމަގުގައި ޗައިނާ އާއި ރާއްޖޭގެ ބަދަލުކުރުން ތަކުގައި ހިއްސާވާނެ ބަޔަކަށް ވާނެ ކަމަށް އުންމީދުކުރަން" ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ ބަހުން ވާހަކަ ދައްކާ މީހުން ރާއްޖޭގައި ނޫޅޭތީ އެ ގައުމުގެ މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ކަމުގެ ޝަކުވާ ޗައިނާގެ ޓޫރިސްޓް މަންދޫބުންގެ ފަރާތުން ލިބޭ ކަމަށް ފޮރިން ސެކްރެޓަރީ ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ ލަތީފް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރާއްޖޭގެ ފޮރިން ސެކްރެޓަރީ ލަތީފް މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"ސީއެލްސީ ހުޅުވުން ވެގެން ދާނީ އެފަދަ ގޮންޖެހުންތަކުން އަރައިގަތުމަށް ލިބޭ ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް އުންމީދު ކުރަން،" ލަތީފް ވިދާޅުވި އެވެ.

ކޮވިޑްގެ ކުރިން ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓޫން އަންނަ އެއް ގައުމެވެ. ކޮވިޑާ ގުޅިގެން އެ ގައުމުގެ ބޯޑަރު ބަންދުކުރުމާއެކު، ރާއްޖެ އަށް ސީދާ ދަތުރުތައް ހުއްޓާލި ނަމަވެސް، އަންނަ މަހު އަނެއްކާވެސް ދަތުރުތައް ފަށާނެ ކަމަށް ޗައިނާ ސަފީރު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ޗައިނާ ސަފީރުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާ އަށް ވިލާ ކޮލެޖުގެ ރެކްޓަ އަންވަރު ހަނދާނީ ހަދިޔާއެއް ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ޗައިނާ ސަފީރުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާ އަށް ވިލާ ކޮލެޖުގެ ރެކްޓަ އަންވަރު ހަނދާނީ ހަދިޔާއެއް ދެއްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ސީއެލްސީއާއެކު ރާއްޖޭގެ ރިސޯޓުތަކާއި ޑިއުޓީ ފްރީ އަދި އެއާޕޯޓު ފަދަ ތަންތަނުގެ މުވައްޒަފުންނަށް ޗައިނާ ބަސް ދަސްކުރުމުގެ ފުރުސަތު ލިބި، ޗައިނާގެ ޓޫރިސްޓުންނާ މުއާމަލާތުކުރަން ފަސޭހަވާނެ ކަމަށް ވިލާ ކޮލެޖުން އުންމީދުކުރެ އެވެ.

ޗައިނާ އިން އަންނަނީ އެހެން ގައުމުތަކުގައި ވެސް ސީއެލްސީތައް ހިންގަމުންނެވެ.