Roadha Mihaaru
ބޮޑީބިލްޑިން ކޯޗަކަށް ހަސީބު، ޓާގެޓް ރަން މެޑެއްޔަށް

ބޮޑީބިލްޑިން ޓީމުގެ ކޯޗަކަށް ހަސީބު، ޓާގެޓް ރަން މެޑެއްޔަށް

27 ސެޕްޓެމްބަރ 2022

ޑިސެމްބަރު މަހު ބާއްވާ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމުގެ ހެޑް ކޯޗަކަށް އަނެއްކާ ވެސް އަބްދުލްހަސީބު ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޑިސެމްބަރު މަހު ބާއްވާ ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަ ކުރާ ރާއްޖޭގެ ބޮޑީ ބިލްޑިން ޓީމުގެ ހެޑް ކޯޗަކަށް އަނެއްކާ ވެސް އަބްދުލްހަސީބު ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރު އުޒްބެކިސްތާންގައި ބާއްވި ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ކޯޗަކަށް ހުރީ ހަސީބެވެ. އެކަމަކު ޖުލައި މަހު ރާއްޖޭގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕްގައި ހެޑް ކޯޗަކަށް ހަމަޖެއްސީ، ކުރިން މިސްޓަ އޭޝިއާގެ މަގާމު ހޯދި ހޮން ވޮން އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަން (ބީބީއޭއެމް) ގެ އޮފިޝަލަކު ބުނީ ވޯލްޑް ޗެމްޕިއަންޝިޕަށް ބޭރުގެ ކޯޗަކު ނުގެންނަން ނިންމާފައިވާ ކަމަށެވެ.

"ވޯލްޑް ޗެމްޕިއަންޝިޕްގައި ޓީމުގެ ކޯޗަކީ ހަސީބު،" ބީބީއޭއެމްގެ އޮފިޝަލް ބުންޏެވެ.

ހަސީބުގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ވަނީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ދެ ރިހި މެޑަލް އަދި ދެ ލޯ މެޑަލް ހޯދައިފަ އެވެ. އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި ބޭއްވި މުބާރާތުގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައި ދިނީ ބޮޑީ ބިލްޑިން 65 ކިލޯގެ ކެޓެގެރީން މުހައްމަދު ރަޝީދު (ރަޗޭ) އާއި 55 ކިލޯގެ ކެޓެގެރީން މުހައްމަދު މޫސާ (މޯޑް) އެވެ.

އެތުލެޓީކް ފިޒީކް ސްޕޯޓްސް 157 ސެންޓިމީޓަރުން އަޒުނީން ރަޝާދު ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

"ކުރީގެ މުބާރާތުގައި [އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި އަޅުގަނޑުމެންގެ އެތުލީޓުން މިއޮތީ ދެ ސިލްވާ ހޯދާފައި. މިފަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ ރަން މެޑަލް ހޯދުން،" ޑިސެމްބަރު މަހު ތައިލެންޑްގައި ބާއްވާ މުބާރާތައް ޓީމު ތައްޔާރު ކުރަމުން އަންނަ ހަސީބް ބުންޏެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ ތާރީހުގައި ރާއްޖެއިން މިހާތަނަށް ފަސް މެޑަލް ހޯދި އެވެ. އޭގެ ތެރެއިން ހަތަރު މެޑަލް ހޯދީ ހަސީބު ކޯޗަކަށް ހުރެގެންނެވެ.

އޭޝިއަން ޗެމްޕިއަންޝިޕްގައި އަޒުނީން ރަން މެޑަލް ހޯދުމުން ދިވެހި ކޯޗިން ޓީމުން އޭނާ އާއެކު އުފާފާލު ކުރަނީ: ވޯލްޑް ޗެމްޕިއަންޝިޕްގައި ހެޑް ކޮޗުކަން ކުރާނީ ހަސީބު (ވ) --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭޝިއަން ޗެމްޕިއަންޝިޕްގައި އަޒުނީން ރަން މެޑަލް ހޯދުމުން ދިވެހި ކޯޗިން ޓީމުން އޭނާ އާއެކު އުފާފާލު ކުރަނީ: ވޯލްޑް ޗެމްޕިއަންޝިޕްގައި ހެޑް ކޮޗުކަން ކުރާނީ ހަސީބު (ވ) --- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިހާރު ޓްރޭނިންގައި އެއް މަސް މި ހޭދަވީ. މި އެތުލީޓުންގެ ޕްރޮގްރެސް އާ މެދު ހިތްހަމަ ޖެހޭ. މުބާރާތާ ދެމެދު އަދި ދެ މަސް އެބައޮތް. އެ މުއްދަތުގައި ހަދާ ޓްރޭނިން ތަކާއެކު އަނެއްކާވެސް ރަނގަޅު ހިސާބަކަށް ދެވޭނެ،" ކުރީގެ ބޮޑީ ބިލްޑަރު ބުންޏެވެ.

ޑިސެމްބަރު 6-12 އަށް ތައިލެންޑްގައި ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަތް އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި މޯޑް އާއި އަޒުނީން ހުސައިން ހިމްޔާން ހިމެނެ އެވެ.

ކ. މާފުށީގައި ބޭއްވި މުބާރާތުގެ ފިރިހެން އިވެންޓްތަކުގައި މޯޑް ވަނީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި، މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ. އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދު އާއި އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް ވެސް ވަނީ ގައުމީ ޓީމުގައި ހިމަނައިފަ އެވެ. އަދި އޭޝިއާގެ މުބާރާތުން މެޑައްޔަކާ ވަރަށް ކައިރިއަށް ދިޔަ، ރާއްޖޭގެ ޗެމްޕިއަން ނުވަތަ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން ވެސް ގައުމީ ސްކޮޑްގައި ވަނީ ހިމަނައިފަ އެވެ. ދެން ހިމެނެނީ އޭޝިއާގެ މުބާރަތަށް ނެގި 20 އެތުލީޓުންގެ ތެރެއިން ޓީމު އޭ ގައި ހިމެނުނު އަބްދުﷲ އަހުސަނެވެ. އެތުލެޓީކް ފިޒީކް 160 ސީއެމް ކެޓަގަރީން ބްރޯން މެޑަލް ހޯދި މުހައްމަދު ޒިދާން ޓީމުގައި ނެތެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ސްކޮޑް:

އަޒްނީން ރަޝާދު

މުހައްމަދު މޫސާ

ހުސައިން ހިމްޔާން

މުހައްމަދު ޔާމީން

ފަތުހުﷲ މުހައްމަދު

މުހައްމަދު އިމްރާހް

އަބްދުﷲ އަހުސަން