Roadha Mihaaru
އޭޝިއާގެ މުބާރާތުން އަޒުނީނާއި ޔާންބެ އަށް ރަން މެޑަލް

އޭޝިއާގެ މުބާރާތުން އަޒުނީން ރަން މެޑަލް ދިފާއުކޮށްފި، ވަރުގަދަ ކެޓަގަރީން ޔާންބެ އަށް ރަނެއް

06 ސެޕްޓެމްބަރ 2023

ނޭޕާލްގައި މިހާރު ކުރިއަށްދާ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒުނީން ރަޝާދާއި މުހައްމަދު ޔާމީން (ޔާންބެ) ރަން މެޑަލް ހޯދައިފި އެވެ.

ނޭޕާލްގައި މިހާރު ކުރިއަށްދާ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ އަޒުނީން ރަޝާދާއި މުހައްމަދު ޔާމީން (ޔާންބެ) ރަން މެޑަލް ހޯދައިފި އެވެ.

ސްޕޯޓްސް ފިޒީކް ކެޓަގަރީން އަޒްނީން ރަން މެޑަލް ހޯދުމާ އެކު އޭނާ ވެފައި ވަނީ އޭޝިއަން ޗެމްޕިއަންޝިޕްގައި ވިދިވިދިގެން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި އޭޝިއާގެ މުބާރާތުން ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރުން އަޒްނީން ވަނީ ރަން މެޑަލް ހޯދައފަ އެވެ.

ނޭޕާލްގައި ބާއްވާ އޭޝިއާގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންނާއެކު ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސްވެރިން --- ފޮޓޯ: ބީބީއޭއެމް

ނޭޕާލްގައި ބާއްވާ އޭޝިއާގެ މުބާރާތުގައި ވާދަކުރި ރާއްޖޭގެ އެތުލީޓުންނާއެކު ބޮޑީބިލްޑިން އެސޯސިއޭޝަންގެ އިސްވެރިން --- ފޮޓޯ: ބީބީއޭއެމް

ކ. މާފުށީގައި ބޭއްވި މުބާރާތުގައި މިދިޔަ އަހަރު ރަން މެޑަލް ހޯދާނެ ކަމަށް ބޮޑީބިލްޑިންގެ ގިނަ ތަޖުރިބާކާރުން އުންމީދު ކުރި ޔާންބެ އަށް އެ މުބާރާތުގެ ފައިނަލުން ވެސް ޖާގަ ނުލިބުނެވެ. އެ މާޔޫސްކަމުން އޭނާ އަރައިގަތީ ވަރުގަދަ ބޮޑީބިލްޑިން ކެޓަގަރީގެ 85 ކިލޯއިން މިފަހަރު ރަން މެޑަލް ހޯދުމުންނެވެ.

އެ ކެޓަގަރީން ރަން މެޑަލް ހޯދުމުން، މިސްޓަ އޭޝިއާގެ ބުރަށް އޭނާ ކޮލިފައިވި އެވެ. މިސްޓަ އޭޝިއާގެ ބުރުގައި ރާއްޖޭން އެންމެ ފުރަތަމަ ވާދަ ކުރި އެތުލީޓަކީ މިދިޔަ އަހަރު ބޮޑީބިލްޑިން 75 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި މުހައްމަދު މޫސާ (މޯޑް) އެވެ.

މިފަހަރުގެ މުބާރާތުގެ އެތުލެޓީކް ފިޒީކްގެ 167 ސެންޓިމީޓަރު ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ އަބްދުﷲ އަހުސަން ވެސް ރިހި މެޑަލް ހޯދި އެވެ. އަދި އެތުލެޓީކް ފިޒީކް 160 ސެންޓިމީޓަރުން ފަތުހުﷲ މުހައްމަދު ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.