Roadha Mihaaru
ރަން މެޑައްޔަށް އަމާޒުކޮށް ބޮޑީބިލްޑިން ޓީމު މާފުއްޓަށް

ރަން މެޑައްޔަށް އަމާޒުކޮށް، ދިވެހި ބޮޑީ ބިލްޑިން ޓީމު މާފުއްޓަށް

16 ޖުލައި 2022

ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދުމުގެ އަމާޒުގައި ދިވެހި ގައުމީ ބޮޑީބިލްޑިން ޓީމު މާފުއްޓަށް މިއަދު އަތުވެއްޖެ އެވެ.

ހުސެއިން ހަބީބް ކ. މާފުށިން ހުސެއިން ހަބީބް

ރާއްޖޭގައި ބާއްވާ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދުމުގެ އަމާޒުގައި ދިވެހި ގައުމީ ބޮޑީބިލްޑިން ޓީމު މާފުއްޓަށް މިއަދު އަތުވެއްޖެ އެވެ.

މުބާރާތުގެ ފިރިހެން ކެޓަގަރީގެ އިވެންޓްތައް ކުރިއަށް ގެންދާނީ މާފުށީގަ އެވެ. ބޮޑީ ބިލްޑިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުއްޓަށް މިއަދު ހަވީރު ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ވެސް ދިވެހި ބޮޑީ ބިލްޑިން ޓީމު ބަނދަރު މައްޗަށް ދިޔަ އެވެ،

ރާއްޖެ އިން ވަނީ 2017 ގައި ވެސް އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ އެކި އިވެންޓްތަކުގައި ދިވެހި 20 އެތުލީޓަކު ވާދަކުރާނެ އެވެ. ދިވެހި ޓީމު ވަނީ ދެ ޕޫލަކަށް ބަހައިލައިފަ އެވެ. ކޮންމެ ޕޫލެއްގައި 10 އެތުލީޓުންނެވެ. ދިވެހި ގައުމީ ޓީމުގެ ކޯޗު މެލޭޝިއާގެ ވޮން ހޮން، ކުރިން "މިހާރު" އަށް ބުނެފައި ވަނީ، އޭޝިއާގެ އެންމެ ބޮޑު މުބާރާތުން ރަން މެޑަލް ހޯދޭނެ ފެންވަރުގެ އެތުލީޓުން ދިވެހި ޓީމުގައި އެބަތިބި ކަމަށެވެ.

"އަހަރެން ރާއްޖެ އައިސް މި އެތުލީޓުން ފެނުނު ފުރަތަމަ ދުވަހު ވެސް އަހަރެންނަށް އުންމީދު ކުރެވުނު ރަން މެޑަލަށް. ސަބަބަކީ މި އެތުލީޓުންގެ ކޮންޑިޝަން ވަރަށް ރަނގަޅު،" މިސްޓަ އޭޝިއޭ ޓައިޓަލް 1999 ގައި ހޯދި ވޮން ބުންޏެވެ.

ދިވެހި ޓީމުގެ ބައެއް އެތުލީޓުން މިއަދު މާފުއްޓަށް އައިސް ބަނދަރު ސަރަހައްދުގައި: މުބާރާތުގައި ރާއްޖޭގެ އަމާޒކީ 10 މެޑަލް ހޯދުން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ޓީމުގެ ބައެއް އެތުލީޓުން މިއަދު މާފުއްޓަށް އައިސް ބަނދަރު ސަރަހައްދުގައި: މުބާރާތުގައި ރާއްޖޭގެ އަމާޒކީ 10 މެޑަލް ހޯދުން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހިއުމަން ނިއުޓްރިޝަންގެ ދާއިރާ އިން މާސްޓާސް ޑިގްރީ ވެސް ހާސިލު ކޮށްފައިވާ ތަޖުރިބާކާރު ކޯޗު ބުނީ މުބާރާތަށް ތައްޔާރުވުމުގެ މަރުހަލާގައި ކޮންޑިޝަން ދަށްކޮށް ތިބި އެތުލީޓުން ރަނގަޅު ފެންވަރަކަށް އަނބުރާ ގެންދިއުމަށް ވެސް މަސައްކަތްތަކެއް ކުރި ކަމަށެވެ. އެ އެތުލީޓުންގެ ފެންވަރާ މެދު ވެސް އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

"ޗެމްޕިއަންޝިޕެއްގައި ބައިވެރިވާ ހުރިހާ އެތުލީޓުންނަށް ރަން މެޑަލް ނުލިބިދާނެ. އެއީ އެއް ވެސް ޓީމެއްގައި ވާނެ ކަމެއް ނޫން. ބައެއް އެތުލީޓުން ހޯދާނެ ރަން މެޑަލް. އެކަމަކު ރިހި އަދި ލޯ މެޑައްޔަކީ ވެސް ކާމިޔާބު. އެކަން ވެސް ހާސިލު ކުރެވޭނީ ވަރަށް ބުރަ މަސައްކަތުން،" ވޮން ބުންޏެވެ.

މި ފަހަރުގެ މުބާރާތުގައި ރާއްޖޭގެ އަމާޒަކީ 10 މެޑަލް ހޯދުމެވެ. މުބާރާތް ރަސްމީކޮށް މިރޭ އިފުތިތާހްކޮށް ދެއްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އިވެންޓްތައް ފެށުމަށް ހަމެޖެހިފައި ވަނީ މާދަމާ ހަވީރު 3:30 ގަ އެވެ. ރާއްޖޭގެ އެތުލީޓުން ވާދަކުރާ އިވެންޓްތައް ވެސް މާދަމާ އޮންނާނެ އެވެ.