Roadha Mihaaru
ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވަނީ

ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި

28 އޮކްޓޯބަރ 2023

ވޯލްޑް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން، ދުނިޔޭގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ނިންމައިފި އެވެ.

ވޯލްޑް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް އަންނަ އަހަރު ރާއްޖޭގައި ބާއްވަން، ދުނިޔޭގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަނުން ނިންމައިފި އެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ވަނީ އަންނަ މަހު ވެރިކަމާ ހަވާލުވާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރައްވައި، ރާއްޖޭގައި ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ބާއްވަން ފުރުސަތު ލިބިފައިވާކަމަށް ވިދާޅުވެފަ އެވެ.

"(އިންތިހާބީ) ރައީސް ވިދާޅުވި ކުރިއަށް ގެންދަވާށޭ ސަރުކާރުގެ އެއްބާރުލުން ދެއްވާނެ ކަމަށް،" އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ ނައިބު ރައީސްކަން ވެސް ކުރައްވާ އިބްރާހިމް ހަމީދު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒް (ކ) އާ، ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ބައްދަލު ކުރައްވަނީ

އިންތިހާބީ ރައީސް މުއިއްޒް (ކ) އާ، ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް އިބްރާހިމް ހަމީދު ބައްދަލު ކުރައްވަނީ

ވޯލްޑް ބޮޑީބިލްޑިން ފެޑެރޭޝަންގެ ރައީސް ދާތުކް ޕޯލް ޗުއާ ވަނީ ރާއްޖޭގައި ވޯލްޑް ޗެމްޕިއަންޝިޕް ބާއްވަން ހަމަޖެހުމުން ރާއްޖެ އަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބީ ރައީސް މުއިއްޒުގެ ފަރާތްޕުޅުން 15 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގެ ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ހުއްދަ ދެއްވާފައިވާކަމުގެ ޚަބަރު ލިބިވަޑައިގަތުމުން ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގައި 2022 ގައި ބޭއްވި އޭޝިއާގެ ބޮޑީބިލްޑިން ޗެމްޕިއަންޝިޕަށް ވެސް ވަޑައިގެންނެވި ޕޯލް ޗުއާ، އޭރު ވިދާޅުވީ ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ވެސް ރާއްޖެ އަށް ދެވޭތޯ އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް އަންނަ މަހު 6-12 އަށް ދެކުނު ކޮރެއާގައި އޮންނާނެ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވާދަކުރާނެ އެވެ.

މިދިޔަ އަހަރު ބޭއްވި 13 ވަނަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ރަން މެޑަލް ހޯދައިފަ އެވެ. އޭނާ އަކީ ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.