Roadha Mihaaru
ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކެޕްޓަނަކަށް އަޒުނީން

ވޯލްޑް ޗެމްޕިއަންޝިޕްގައި ގައުމީ ބޮޑީ ބިލްޑިން ޓީމުގެ ކެޕްޓަނަކަށް އަޒުނީން

23 އޮކްޓޯބަރ 2022

ތައިލެންޑްގައި ބާއްވާ ވޯލްޑް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު ކެޕްޓަނަކަށް، އަޒުނީން ރަޝާދު ހަމަޖައްސައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ތައިލެންޑްގައި ބާއްވާ ވޯލްޑް ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމު ކެޕްޓަނަކަށް، އަޒުނީން ރަޝާދު ހަމަޖައްސައިފި އެވެ.

ޖުލައި މަހު ރާއްޖޭގައި ބޭއްވި އޭޝިއަަން ޗެމްޕިއަންޝިޕްގައި އެތުލެޓީކް ފިޒީކް ކެޓަގަރީން ރާއްޖެ އަށް ރަން މެޑަލް ހޯދައި ދިން އަޒްނީން ކެޕްޓަނަކަށް ނެގީ ޓީމުގެ އެހެން މެންބަރުންގެ ވޯޓާ އެކު އެވެ.

އޭޝިއާ ބައްރުގެ މުބާރާތެއްގައި އަމިއްލަ ފަސްގަނޑުގައި ވާދަކޮށް ރާއްޖެ އަށް ރަން މެޑައްޔެއް ހޯދައިދިން ފުރަތަމަ އެތުލީޓްގެ ޝަރަފް އޭޝިއަން ޗެމްޕިއަންޝިޕްގައި ހޯދި އަޒުނީން ބުނީ، އޭނާ އަށް އިތުބާރުކޮށް ކޯޗު އަބްދުލް ހަސީބް އޭނާގެ ނަން ނޮމިނޭޓް ކުރުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.

"އަދި ޓީމުގެ އެހެން މެންބަރުން ވެސް އަޅުގަނޑަށް ވޯޓް ދިނީތީ ޝުކުރު އާދަކުރަން،" ގއ. ވިލިގިއްޔަށް އުފަން އަޒުނީން ބުންޏެވެ.

އޭނާ ބުނީ ޓީމުގެ ޓްރޭނިންތައް ހިތްހަމަޖެހޭ ފެންވަރެއްގައި ކުރިއަށް ދާ ކަމަށެވެ.

"ކޯޗު [ހަސީބް] ވެސް އެބަ ބުނޭ ހުރިހާ ކުދިންގެ ޓްރޭނިންތައް ވެސް ރަނގަޅޭ. އަނެއްކާ ވެސް ރަނގަޅު ކާމިޔާބެއް ރާއްޖެ އަށް ހޯދައި ދެވޭނެ ކަމުގެ އުންމީދު އެބައޮތް،" އެތުލެޓީކް ފިޒީކް ސްޕޯޓްސް 157 ސެންޓި މީޓަރުން އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ލޯ މެޑަލް ހޯދި އަޒުނީން ބުންޏެވެ.

ކޯޗު ހަސީބް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރަން މެޑައްޔެއް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ދިވެހި ކޯޗިން ޓީމާއި އޮފިޝަލުންނާއެކު އަޒުނީން އުފާފާޅު ކުރަނީ: އޭނާ އަކީ އަމިއްލަ ގައުމުގައި ބޭއްވި އޭޝިއާ ލެވަލް މުބާރާތެއްގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިވެހި ކޯޗިން ޓީމާއި އޮފިޝަލުންނާއެކު އަޒުނީން އުފާފާޅު ކުރަނީ: އޭނާ އަކީ އަމިއްލަ ގައުމުގައި ބޭއްވި އޭޝިއާ ލެވަލް މުބާރާތެއްގައި ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓް --- ފޮޓޯ: ނިޝާން އަލީ | މިހާރު

ހަސީބުގެ ކޯޗުކަމުގެ ދަށުން ރާއްޖެއިން ވަނީ އެންމެ ފަހުގެ ވޯލްޑް ޗެމްޕިއަންޝިޕްގައި ދެ ރިހި މެޑަލް ހޯދައިފަ އެވެ. އުޒްބެކިސްތާންގެ ވެރިރަށް ޓަޝްކަންޓްގައި ބޭއްވި މުބާރާތުގައި ރާއްޖެ އަށް ރިހި މެޑަލް ހޯދައި ދިނީ ބޮޑީ ބިލްޑިން 65 ކިލޯގެ ކެޓެގެރީން މުހައްމަދު ރަޝީދު (ރަޗޭ) އާއި 55 ކިލޯގެ ކެޓެގެރީން މުހައްމަދު މޫސާ (މޯޑް) އެވެ.

ޑިސެމްބަރު މަހު ތައިލެންޑްގެ ޕުކެޓްގައި ބާއްވާ، ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ހަތް އެތުލީޓުން ވާދަކުރާނެ އެވެ. އޭގެ ތެރޭގައި އޭޝިއާގެ މުބާރާތުން ރަން މެޑަލް ހޯދި އެތުލީޓުގެ ތެރޭގައި އަޒުނީންގެ އިތުރުން މޯޑް އާއި ހުސައިން ހިމްޔާން ހިމެނެ އެވެ.

ކ. މާފުށީގައި ބޭއްވި މުބާރާތުގެ ފިރިހެން އިވެންޓްތަކުގައި މޯޑް ވަނީ ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދި، މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކޮށްފަ އެވެ. އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

އެތުލެޓިކް ފިޒީކް 160 ސީއެމް ކެޓަގަރީން ރިހި މެޑަލް ހޯދި ފަތުހުﷲ މުހައްމަދު އާއި އޯވާ 180 ސީއެމް ކެޓަގަރީން ބްރޯންޒް މެޑަލް ހޯދި މުހައްމަދު އިމްރާހް ވެސް ވަނީ ގައުމީ ޓީމުގައި ހިމަނައިފަ އެވެ. އަދި އޭޝިއާގެ މުބާރާތުން މެޑައްޔަކާ ވަރަށް ކައިރިއަށް ދިޔަ، ރާއްޖޭގެ ޗެމްޕިއަން ނުވަތަ މިސްޓަ މޯލްޑިވްސް މުހައްމަދު ޔާމީން ވެސް ގައުމީ ސްކޮޑްގައި ވަނީ ހިމަނައިފަ އެވެ. ދެން ހިމެނެނީ އޭޝިއާގެ މުބާރަތަށް ނެގި 20 އެތުލީޓުންގެ ތެރެއިން ޓީމު އޭ ގައި ހިމެނުނު އަބްދުﷲ އަހުސަނެވެ. އެތުލެޓީކް ފިޒީކް 160 ސީއެމް ކެޓަގަރީން ބްރޯން މެޑަލް ހޯދި މުހައްމަދު ޒިދާން ޓީމުގައި ނެތެވެ.

ވޯލްޑް ޗެމްޕިއަންޝިޕަށް ނެގި ގައުމީ ސްކޮޑް:

އަޒްނީން ރަޝާދު

މުހައްމަދު މޫސާ

ހުސައިން ހިމްޔާން

މުހައްމަދު ޔާމީން

ފަތުހުﷲ މުހައްމަދު

މުހައްމަދު އިމްރާހް

އަބްދުﷲ އަހުސަން