21 ސެޕްޓެމްބަރ 2022
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، މި ހަފުތާގެ ތެރޭގައި ނެގުމަށް ރަޝިޔާ އިން ނިންމައިފި އެވެ.
ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ހިފާފައިވާ ޔޫކްރޭންގެ ބިންތައް ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް، މި ހަފުތާގެ ތެރޭގައި ނެގުމަށް ރަޝިޔާ އިން ނިންމައިފި އެވެ.
އެފަދަ ވޯޓެއް ނެގުމަށް ވިސްނަމުންދާ ކަން ރަޝިޔާ އިން މީގެ ކުރިން ވެސް އޮތީ ބުނެފަ އެވެ. ނަމަވެސް މިވަގުތަށް އެކަން މަޑުޖައްސައިލުމަށް ފަހު، މި ހަފުތާގެ ތެރޭގައި އެކަން ކުރުމަށް ރަޝިޔާ އިން ކުއްލި ގޮތަކަށް ނިންމީ ކީއްވެގެން ކަމެއް ރަޝިޔާ ސަރުކާރުން ނުބުނެ އެވެ.
މިހާރު ހަމަޖެހިފައިވާ ގޮތުން، ރަޝިޔާއާ ބައިވެރިވެ ރަޝިޔާގެ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައެޅުމާ މެދު އާންމުން ދެކޭ ގޮތެއް ބެލުމަށް ވޯޓުލުން އޮންނާނީ، ޔޫކްރޭންގެ ދެކުނުގައި އޮންނަ ދެ ސަރަހައްދެއް ކަމަށްވާ ޒަޕަރޯޖިޔާ އާއި ޚެރްސޯންގަ އެވެ. އޭގެ އިތުރުން އިރުމަތީ ދެ ސަރަހައްދެއް ކަމަށްވާ ލުހާންސްކް އާއި ޑޮނެޓްސްގައި ވެސް ފެންނަ ނުފެންނަ ވޯޓުލުން އޮންނާނެ އެވެ.
މީގެ ތެރެއިން ލުހާންސްކް އާއި ޑޮނެޓްސްއަކީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް 24 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވަނިކޮށް، ޔޫކްރޭނުން ވަކިވެ މިނިވަންކަން އިއުލާންކޮށްފައިވާ ދެ ޖުމްހޫރިއްޔާ ހިމެނޭ ދެ ސަރަހައްދެވެ. އެ ދެ ޖުމްހޫރިއްޔާ އިން މިނިވަންކަން އިއުލާންކުރީ ވެސް، އެ ދެ ޖުމްހޫރިއްޔާގެ ވެރިން، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކުގައި ބޭއްވި ބައްދަލުކުރެއްވުމަކަށް ފަހުގަ އެވެ.
ރަޝިޔާއާ ގުޅައިލުމުގެ ވޯޓު ނަގަން ނިންމާފައިވާ ހަތަރު ސަރަހައްދަކީ، މުޅި ޔޫކްރޭންގެ ބިމުގެ ގާތްގަނޑަކަށް 15 ޕަސެންޓެވެ. ނުވަތަ ވިލާތުގެ ގައުމުތަކުގެ ތެރެއިން ހަންގެރީގެ މުޅި ބިމާ އެއްވަރުގެ ސަރަހައްދެކެވެ.
މިހާތަނަށް ހަމަޖެހިފައިވާ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުން ފެށޭނީ މިއަންނަ ހުކުރު ދުވަހު އެވެ. އެ ސަރަހައްދުތަކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ހުކުރު ދުވަހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް، ޚިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ދާނެ އެވެ.
ޔޫކްރޭންގެ ބިންތައް ރަޝިޔާއާ ގުޅައިލުމުގެ ވޯޓެއް ނެގުމަށް ރަޝިޔާ އިން ނިންމުމާ ގުޅިގެން، ހުޅަނގުގެ ގައުމުތަކުން މިހާރު އަންނަނީ އެކަން ކުށްވެރިކޮށް ރަޝިޔާއާ ދެކޮޅަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ.
ޖަރުމަން ވިލާތާއި ފަރަންސޭސި ވިލާތުން ބުނި ގޮތުގައި އެފަދަ ސައްހަ ނޫން ވޯޓެއްގެ ނަތީޖާ އެ ދެގައުމުން ގަބޫލެއް ނުކުރާނެ އެވެ. ނޭޓޯ އިން ބުނީ އެފަދަ ވޯޓެއް ރޭވުމުގެ ސަބަބުން ހަނގުރާމަ އިތުރަށް ފުޅާވެ ގޯސްވުން ނޫން ކަމެއް ހާސިލު ނުވާނެ ކަމަށެވެ.
އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސުލީވާން ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި ސަރަހައްދު ފޭރިގަތުމަށް ނަގާ ވޯޓެއް އެމެރިކާ އިން ބަލައިނުގަންނާނެ ކަމަށެވެ. އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) އިން ބުނީ، ގާނޫނުތަކާ ޚިލާފަށް، އިސްތިއުމާރީ ބާރަކުން ނަގާ ވޯޓެއްގައި ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނުހުންނާނެ ކަމަށެވެ.
ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ހަތަރު ސަރަހައްދެއްގައި، މި ހަފުތާގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ގަސްދުކުރާކަން އިއުލާންކުރީ، އެ ސަރަހައްދުތަކަށް ރަޝިޔާ ސަރުކާރުން ކަނޑައަޅާފައިވާ އިސް އޮފިޝަލުންނެވެ. އެ އޮފިޝަލުންނަކީ ޔޫކްރޭންގެ ރައްޔިތުން ކަމަށް ވިޔަސް، އެމީހުން މަސައްކަތް ކުރަނީ ރަޝިޔާ ސަރުކާރުގެ އެންގުންތަކާ އެއްގޮތަށެވެ.
ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ނިންމުމާ ދެކޮޅު ހަދަމުން ދާތީ، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ އެ ގައުމުތަކަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އދ.ގެ އާންމު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޑިއޯ ލިންކް މެދުވެރިކޮށް، ރައީސް ޒެލެންސްކީ ދެއްވާ ތަގުރީރުގައި، ރަޝިޔާގެ އެ ނިންމުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނެ އެވެ.
މީގެ ކުރިން 2014 ވަނަ އަހަރު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ކުރި ހަނގުރާމައިގައި، ޔޫކްރޭންގެ ދެކުނުން ކަޅު ކަނޑުގެ ތެރޭގައި އޮންނަ ކްރީމިއާ ސަރަހައްދު ހިފައި، ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. އެ ހަނގުރާމަ އަށް ފަހު، ކްރީމިއާ ސަރަހައްދު ރަޝިޔާއާ ގުޅައިލުމާ ބެހޭ ގޮތުން، އެ ސަރަހައްދުގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގި އެވެ.
އެ ވޯޓުގެ ނަތީޖާ ދެއްކި ގޮތުން، ކްރީމިއާ ސަރަހައްދުގެ ގިނަ ބަޔަކު ބޭނުންވީ، ޔޫކްރޭނުން ވަކިވެ ރަޝިޔާގެ ވެރިކަމުގެ ދަށުގައި އެ ސަރަހައްދު އޮތުމަށެވެ. ނަމަވެސް ބައިނަލްއަގުވާމީ މުޖްތަމައުން އެ ވޯޓުގެ ނަތީޖާ ގަބޫލެއް ނުކުރެ އެވެ.
ރަޝިޔާގެ ބޮޑު ތެޔޮ ޓޭންކަރެއް ގޮއްވާލައިފި
ޔޫކްރޭންގެ ސުލްހައިގެ ޕްލޭނަށް ސައޫދީގައި މަޝްވަރާކުރަނީ
ކްރައިމިއާ އަށް ހަމަލާ ދިނުމަކީ ހަނގުރާމައަށް ވަނުން
ކްރީމިއާގައި ރަޝިޔާގެ މިސައިލްތަކެއް ގޮއްވާލައިފި
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ގޮވާން އެކްސްޕޯޓްކުރުމުގައި ރަޝިޔާ ބައިވެރިއެއްނުވާނެ
ފިނި މޫސުމުގައި ޔޫރަޕަށް ލިބޭ ގެއްލުން ބޮޑުވެދާނެ
ރަޝިޔާގެ ގޭސް ހޮޅި ގޮވައި، ކަނޑަށް ގޭސް ލީކްވެއްޖެ
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ދަތިކުރުން ހުއްޓައިލީމަ ނޫނީ ގޭހެއް ނުލިބޭނެ: ރަޝިޔާ