15 ސެޕްޓެމްބަރ 2022
އެދި އެދި ތިބި، ނެތް އެއްޗެއް އަލަށް ލިބުމުން، އެކަމުން އަލާކެނޑެން ވަގުތު ނަގާނެ ކަމަށާއި ނޫސްވެރިކަމުގެ މިއަދުގެ ހަގީގަތަކީ "ހަނދި ހަސަނަށް، މޫދު ހިތަކަށް ލިބުނު ދުވަހު ވެސް ވީގޮތް" ކަމަށް ވިދާޅުވެ، ރައީސްގެ ނުސީދާ ހިތްހަމަނުޖެހުންތަކެއް ރޭ ފާޅުކުރައްވައިފި އެވެ.
އެދި އެދި ތިބި، ނެތް އެއްޗެއް އަލަށް ލިބުމުން، އެކަމުން އަލާކެނޑެން ވަގުތު ނަގާނެ ކަމަށާއި ނޫސްވެރިކަމުގެ މިއަދުގެ ހަގީގަތަކީ "ހަނދި ހަސަނަށް، މޫދު ހިތަކަށް ލިބުނު ދުވަހު ވެސް ވީގޮތް" ކަމަށް ވިދާޅުވެ، ރައީސްގެ ނުސީދާ ހިތްހަމަނުޖެހުންތަކެއް ރޭ ފާޅުކުރައްވައިފި އެވެ.
"[އެކަން އެގޮތަށް] ކޮންމެ ކަމެއްގައި ވެސް ވާނެ،" ބްރޯޑްކާސްޓިން އެވޯޑްސް ދިނުމުގެ ފުރަތަމަ ހަފުލާ ޝަރަފުވެރިކޮށްދެއްވަމުން، ރައީސް ރޭ ހުޅުމާލޭގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ޑިމޮކްރަސީއާ އެކު އައި ނޫސްވެރިކަމުގެ މިނިވަން ކަމާ އެކު ދެ ކަމެއް ފާހަގަކުރެއްވި އެވެ. އެއް ކަމަކީ، އާންމުން އެ ބަލައިގަތް ގޮތެވެ. އަނެއް ކަމަކީ، ނޫސްވެރިން އެ ބަލައިގަތް ގޮތެވެ.
"ކޮންމެ ގައުމެއް ނަމަވެސް، އަލަށް ގެނެވޭ އާ ނިޒާމަށް ހޭނުމުގައި، ހުރިހާ އެންމެންނަށް އޮންނަ އާކަން، ނޫސްވެރިންނަށް ވެސް އޮންނާނެ. ސިޔާސީ ޕާޓީތަކާއި، ސަރުކާރު އުފެދުމާއި ނިމުމާ، މިނިވަން މުއައްސަސާތަކުން ވެސް އެކަން ފާހަގަވާނެ،" ރައީސް ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މި ވަގުތުގެ މަންޒަރު އެންމެ އެއްގޮތް ވާނީ، ރޯލު އަވަސްވެފައިވާ، 1940ގެ ކަޅާއި ހުދުގެ ވީޑިއޯ ފިލްމަކާ. ދެހާސް އަށެއްގެ ފަހުން، ނޫސްވެރިކަމުގެ މިނިވަންކަން ލިބުމަށް ފަހު، ކުރިމަތިވި ކަންތައްތަކުން އެކަނި ވެސް، މި މަންޒަރު ފެނޭ. ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީ.ވީ. ޗެނަލްގެ ޢިމާރާތް، އަންދާ އަޅިއަށް ހަދާލި. އެތައް ނޫސްވެރިންނަކަށް، ނުރައްކާތެރި ހާލަތްތަކާ ކުރިމަތިވި. ސިޔާސީ މީހުން ނޫސްވެރިންނަށް، އަދި ނޫސްވެރިން ސިޔާސީ މީހުންނަށް، ބަދަލުވާ އަވަސް މަންޒަރު ފެނޭ."
ރައީސް ވިދާޅުވީ ބަސް ބުނުމުގެ ހައްގަކީ އިންސާނީ ހައްގުތަކުގެ މުހިންމު ތަނބެއް ކަމަށެވެ. އެކަމަކު ރައީސް އުފެއްދެވި ސުވާލަކީ ބަސް ބުނުމުގެ މިނިވަންކަން އޮންނަން ޖެހޭ އިރު، އޭގައި މިންގަނޑެއް އޮންނަން ޖެހޭތޯ އެވެ.
"ކަމަކާ ގުޅިގެން ތިމާއަށް ފެންނަ ގޮތާއި، ދެކޭގޮތް ހާމަކުރުމަކީ، އޮންނަންޖެހޭނެ މިނިވަން ކަމެއް. އެހެނަސް، ފާޅުކުރެވޭ ހިޔާލު ވާން ވާނީ، އަނެކާއަށް އިހުތިރާމް ކުރެވޭ ހިޔާލަކަށް. އެކެއްގެ މިނިވަންކަން ފެށޭ ހިސާބަކީ، އަނެކާގެ މިނިވަންކަން ނިމޭ ހިސާބަށް ވެގެންނުވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އެއްޗެއް ބުނުމުގެ ކުރިން ނުވަތަ ހިޔާލެއް ފާޅު ކުރުމުގެ ކުރިން އެކަމަކުން ނުކުންނާނެ ނަތީޖާ އަކަށް ބަލާލުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ ސަބަބަކީ، ފަހަރެއްގައި ވެސް ގޯސް ކަމަކަށް ވެގެން ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ބުނެވޭ ބަހެއްގެ ސަބަބުން، ނުވަތަ ލިޔެވޭ ލިޔުމެއްގެ ސަބަބުން، ނުކުންނަ ނަތީޖާއަކީ، ރަނގަޅު ނުވަތަ ގޯސް ނަތީޖާއެއްތޯ ބަލައިލުމަކީ، ޒިންމާދާރު ނޫސްވެރިން ކުރަންޖެހޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"ތިމާގެ ބާރުހުރި އަތް، ހޫރާލުމުގެ ޙައްޤު ނިމެނީ، ކައިރީގައި ހުންނަ މީހާގެ ކަންކަށްޓަށް ލިބޭ އަނިޔާއިން ކަމަށްވާނަމަ، އެ މިނިވަންކަން އެ ބޭނުންކުރެވެނީ، ރަނގަޅަކަށް ނޫން. ކޮންމެ ކަމަކަށް ޤާނޫނެއް ބޭނުމެއްނުވޭ. މިއީ ނޫސްވެރިކަމުގެ އެތިކްސް."
ބައެއް މިސާލުތައް ނަންގަވައި، ރައީސް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަތިވާ ދުވަހަކީ ނޫސްވެރިންނަށް އުފާވެރި ދުވަހަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އަދި ގައުމަކަށް ދިމާވި ހިތާމަވެރި ހާލަތެއް ތިމަންނާގެ ގައުމަށް ދިމާ ނުވެގެން ލޮލުފިޔަ ނުޖެހިފައި ތިބެގެން ވެސް ނުވާނެ ކަމަށެވެ.
ރޭގެ ހަފުލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
"ސަރުކާރާ ހިޔާލު ތަފާތުވެވިދާނެ. އަޅުގަނޑާ ނުރުހި، އިދިކޮޅު ވެސް ވެވިދާނެ. އެހެން ނަމަވެސް، އެއްވެސް މީހަކަށް ގައުމަކާ ދެކޮޅެއް ނުވެވޭނެ. ނެތް ކަމެއް އޮތް ކަމަކަށް އަދި އޮތް ކަމެއް ނެތް ކަމަކަށް ހަދައިގެން ވެސް ނުވާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މީޑިއާގައި މާލީ ދަތިކަން ހުރިކަން އެމަނިކުފާނު ވެސް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އޭގެ މާނައަކީ ޗެނަލްތައް ހިންގާ ނިޔަތާ އެއްވަރަށް ކޮންޓެންޓްގެ ކަޅުކަން ބޮޑުވުން ނޫން ކަމަށެވެ.
"ޗެނަލް ހިންގާ ނިޔަތާ އެއްވަރަށް، ކޮންޓެންޓްގެ ކަޅުކަން ބޮޑުވުމުން، އެ މަންޒަރާއި އަޑު އާއިލީ ސިޓިންރޫމްތަކަކަށް ނުފެތޭ. އެއްވެސް ހާލެއްގައި ފިޔަވަޅު އަޅާ ތަހުގީގު ކުރަންޖެހޭ ކަމަކަށް ނުދަންނަވަން. ބޭނުންވާ ތަމްރީނާއި، އެހެނިހެން ފުރުސަތުގެ ޒަރީއާއިން ވެސް، އިސްލާހު ވާން ޖެހޭ ކަމެއް، އިސްލާހު ކުރެވެންޖެހޭ. ވަކިބަޔަކަށްޓަކައެއް ނޫން. މި ގައުމަށްޓަކައި،" ރައީސް ވިދާޅުވި އެވެ.
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
ބްރޯޑްކާސްޓަރުންނާއެކު މައްސަލަތަައް ހައްލުުކުރާނަން: މަރީ
ނޫސްވެރިކަމަށް ހުރަހެއް ނާޅާނަން: ސަރުކާރު
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރުގެ ހިމާޔަތުގައި ނޫސްވެރިންގެ ޕެޓިޝަން ރައީސަށް
ހެއްކާބެހޭ ބިލް ތަސްދީގު ނުކުރަން އެމްއެމްސީން އެދެފި
ނޫސްވެރިކަމަށް މިނިވަންކަން ލިބުމުން އުފާކުރަން: ރައީސް
ނުރަނގަޅު އެތައް ކަމެއް ނޫސްވެރިން ހާމަކޮށްފި: ރައީސް
ކޮވިޑުގެ ރާއްޖޭގެ މަންޒަރު ކިޔައިދޭން އެބަޖެހޭ: ރައީސް