Roadha Mihaaru
އަލްކަރާޒާއި ރޫޑް ޔޫއެސް އޯޕަން ފައިނަލަށް ދަތުރުކޮށްފި

އަލްކަރާޒް އާއި ރޫޑް ޔޫއެސް އޯޕަން ފައިނަލަށް ދަތުރުކޮށްފި

10 ސެޕްޓެމްބަރ 2022

ނިއު ޔޯކް (ސެޕްޓެމްބަރު 10) - ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާޓުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ނޯވޭގެ ކެސްޕާ ރޫޑް ވާދަކުރަން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ނިއު ޔޯކް (ސެޕްޓެމްބަރު 10) - ޔޫއެސް އޯޕަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާޓުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ސްޕެއިންގެ ކާލޯސް އަލްކަރާޒް އާއި ނޯވޭގެ ކެސްޕާ ރޫޑް ވާދަކުރަން ޖެހިއްޖެ އެވެ.

ރޭންކިންގެ އެއް ވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވް އާއި، ދެ ވަނައިގައި އޮތް ސްޕެއިންގެ ރަފައެލް ނަޑާލް ވަނީ ހަތަރުވަނަ ބުރުގައި ބަލިވެގެން މުބާރާތުން ކަޓައިފަ އެވެ. ދުނިޔޭގެ ފިރިހެން ރޭންކިންގެ ތިންވަނައިގައި އޮތް އަލްކަރާޒް އާއި، ހަތް ވަނައިގައި އޮތް ރޫޑް، ފައިނަލުގެ ޖާގަ ހޯދުމާ އެކު، ދެ ކުޅުންތެރިންނަށް ވެސް ވަނީ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކޮށްގެން ރޭންކިންގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ފަހިކޮށްފަ އެވެ.

ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޫޑް، 23، ވަނީ ރަޝިއާގެ ކޭރެން ކަޗަނޯވް، 26، އާ ވާދަކޮށް، 7-6 (8-6)، 6-2، 5-7 އަދި 6-2 އިން މެޗު ކާމިޔާބު ކޮށްފަ އެވެ.

ވާދަވެރި ކުޅުމަކަށް ފަހު ފުރަތަމަ ސެޓު، ރޫޑް ކާމިޔާބުކުރީ ޓައި ބްރޭކާ ގައި 55 ޝޮޓުގެ ދިގު ރެލީއެއްގައި ކުރި ހޯދައިގެންނެވެ. ރޫޑް ދެކޭ ގޮތުގައި މެޗު ކާމިޔާބު ކުރުމުގައި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ވެސް ފުރަތަމަ ސެޓުގައި ކާމިޔާބު ހޯދުމުންނެވެ.

ރޫޑް، ރޭ ސެމީ ފައިނަލް މެޗުގައި ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

ރޫޑް، ރޭ ސެމީ ފައިނަލް މެޗުގައި ކުޅެނީ.-- ފޮޓޯ: އޭއެފްޕީ

"ރޮލަންޑް ގެރޯސް (ފްރެންޗް އޯޕަން) ފައިނަލަށް ފަހު އަހަރެން ހުރީ ވަރަށް އުފަލުން. އަހަރެންނަށް ހީކުރެވުނީ، އެއީ އަހަރެންގެ ކެރިއަރުގައި ކުޅޭނެ ހަމައެކަނި ގްރޭންޑް ސްލޭމް ފައިނަލް ކަމަށް،" އެއް އަހަރު ތެރޭ ދެވަނަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުން ޖާގަ ހޯދުމަށް ފަހު ރޫޑް ބުންޏެވެ.

"މެޗު ފެށުނު އިރު ދެމީހުން ވެސް ތިބީ ވަރަށް ހާސް ވެފައި ހެން އަހަރެންނަށް އިހުސާސް ކުރެވުނީ. އަހަރެމެން ދެމީހުންގެ ކެރިއަރުގައި ވެސް ވަރަށް މުހިއްމު ސެމީ ފައިނަލެއް މި ނިމުނީ. އަހަރެންގެ ހާސްކަން ކިރިޔާ ވެސް ފިލައި ދިޔައީ، ފުރަތަމަ ސެޓު އުނދަގުލުން ވެސް ކާމިޔާބު ކުރެވުމުން."

ރޫޑް، އޭނާގެ ދެވަނަ ގްރޭންޑް ސްލޭމް ފައިނަލަށް ތައްޔާރުވާ އިރު، ޔޫއެސް އޯޕަން ފައިނަލް ވާނީ، އުމުރުން 19 އަހަރުގެ ސްޕެއިންގެ އަރަމުން އަންނަ ތަރި އަލްކަރާޒްގެ ފުރަތަމަ ގްރޭންޑް ސްލޭމް ފައިނަލަށެވެ.

އަލްކަރާޒް ފައިނަލަށް ދަތުރުކުރީ، ފަސް ސެޓަށް ދެމިގެން ދިޔަ ދެވަނަ ސެމީ ފައިނަލުގައި، އެމެރިކާގެ ފްރެންސިސް ޓިއަފޯ، 24، ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް އަލްކަރާޒް ގެންދިޔައީ 6-7 (6-8)، 6-3، 6-1، 6-7 (5-7) އަދި 6-3 އިންނެވެ.

އަލްކަރާޒް (ކ) އާއި ސެމީގައި އިދިކޮޅުން ނުކުތް އެމެރިކާގެ ޓިއަފޯ (ވ)،-- ފޮޓޯ: އޭއެފްޕީ

އަލްކަރާޒް (ކ) އާއި ސެމީގައި އިދިކޮޅުން ނުކުތް އެމެރިކާގެ ޓިއަފޯ (ވ)،-- ފޮޓޯ: އޭއެފްޕީ

އަލްކަރާޒްގެ މި މޮޅާ އެކު އޭނާ ވެފައި ވަނީ، 2005 ވަނަ އަހަރު ނަޑާލް ފްރެންޗް އޯޕަންގެ ފައިނަލަށް ދަތުރުކުރި ފަހުން، ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި އޭނާ އަކީ ޓެނިހުގެ އޯޕަން އީރާ ގައި ޔޫއެސް އޯޕަން ފައިނަލަށް ދަތުރުކުރި ދެ ވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

"ގްރޭންޑް ސްލޭމްގެ ސެމީ ފައިނަލަކަށް ނުކުންނައިރު އެބަ ޖެހޭ އެންމެ ފަހު ބޯޅައާ ހަމައަށް ހިތްވަރު ކުރަން. އަނެއްކާ ފަހެއް ނޫނީ ހަ ގަޑިއިރު ކޯޓު މަތީގައި ކުޅެން ހުންނައިރު ކަށިން ހިތްވަރު ނެރެން ޖެހޭނެ ކާމިޔާބު ހޯދަން،" އަލްކަރާޒް ބުންޏެވެ.

"ފްރެންސިސް (ޓިއަފޯ) ވެސް ވަރަށް ހިތްވަރު ކޮށްފި. އަހަރެންނަށް މެޗު ކާމިޔާބު ކުރެވުމުން ވަރަށް އުފާވެފައި މިހުރީ."

ޓިއަފޯ އަކީ 2006 ވަނަ އަހަރަށް ފަހު ޔޫއެސް އޯޕަން ފައިނަލަށް ދަތުރުކުރި ފުރަތަމަ އެމެރިކާ ކުޅުންތެރިޔާ އެވެ. މި އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރަން ބޭނުންވި ކަން ހާމަކުރަމުން ޓިއަފޯ ވަނީ އަލްކަރާޒް އަށް ވަރަށް ބޮޑަށް ތަހުނިޔާ ކިޔައިފަ އެވެ.

"އަލްކަރާޒް އަކީ ތަފާތު މޮޅު ކުޅުންތެރިއެއް، މުސްތަގުބަލުގައި އޭނާ ވަރަށް ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކުރާނެ،" ހަތަރު ވަނަ ބުރުގައި ނަޑާލް ބަލިކުރި ޓިއަފޯ ބުންޏެވެ.

"ސަޕޯޓަރުންގެ ކިބައިން މާފަށް އެދެން. އަހަރެން އަދި އެނބުރި އަންނާނަން، އައިސް، މި މުބާރާތް (ޔޫއެސް އޯޕަން) ކާމިޔާބު ވެސް ކުރާނަން."

އަންހެން ސިންގަލްސް ފައިނަލުގައި ސްވިއަޓެކް އާއި ޖަބެއާ

މި މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓް ފައިނަލުގައި ވާދަކުރާނީ ދުނިޔޭގެ އެއް ވަނަ، ޕޮލެންޑުގެ އީގާ ސްވިއަޓެކް، 21، އާއި ޓިއުނީޝިއާގެ އޮންސް ޖަބެއާ، 28، އެވެ.

އަންހެން ފައިނަލުގައި ވާދަކުރާ ޖަބެއާ (ކ) އާއި ސްވިއަޓެކް (ވ).-- ފޮޓޯ: އޭއެފްޕީ

އަންހެން ފައިނަލުގައި ވާދަކުރާ ޖަބެއާ (ކ) އާއި ސްވިއަޓެކް (ވ).-- ފޮޓޯ: އޭއެފްޕީ

ސްވިއަޓެކް ވަނީ ސެމީ ފައިނަލުގައި ބެލަރޫސްގެ އަރީނާ ސެބަލެންކާއާ ވާދަކޮށް 3-6، 6-1 އަދި 6-4 އިން މެޗު ކާމިޔާބު ކޮށްފަ އެވެ. މިއީ މީގެ ކުރިން ދެ ފަހަރު ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ ސްވިއަޓެކް، ޔޫއެސް އޯޕަން ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

އަންހެން ރޭންކިންގެ ފަސްވަނައިގައި އޮތް ޖަބެއާ، ޖެހިޖެހިގެން އޭނާގެ ދެ ވަނަ ގްރޭންޑް ސްލޭމް ފައިނަލަށް ދަތުރުކުރީ ސީދާ ދެ ސެޓުން؛ 6-1 އަދި 6-3 އިން ފްރާންސްގެ ކެރޮލައިން ގާސިއާ ބަލިކޮށްގެންނެވެ.

ޖަބެއާ ވަނީ އެންމެ ފަހުން އޮތް ވިމްބެލްޑަން މުބާރާތުގެ ފައިނަލުގައި ވާދަ ކޮށްފަ އެވެ. އެ ފައިނަލުގައި އޭނާ ބަލިވީ ކަޒަކިސްތާނުގެ އެލީނާ ރައިބަކީނާ އަތުންނެވެ. ޔޫއެސް އޯޕަން ގައި ރައިބަކީނާ ވަނީ ފުރަތަމަ ބުރުން ބަލިވެފަ އެވެ.