Roadha Mihaaru
ޝީރީންގެ ގާތިލު ޝަރީއަތަކަށް ނުފޮނުވޭނެ: އިޒްރޭލު

ޝީރީންގެ ގާތިލު ޝަރީއަތަކަށް ނުފޮނުވޭނެ: އިޒްރޭލު

08 ސެޕްޓެމްބަރ 2022

އަލް ޖަޒީރާގެ އަރަބި ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝީރީން އަބޫ އާގިލާ މަރުވީ އިޒްރޭލު ސިފައިން "އޮޅުމަކުން" ދިން ބަޑީގެ ހަމަލާއަކުން ކަމަށް ބެލެވުނަސް، އެ ސިފައިންގެ މީހާގެ މައްޗަށް ޝަރީއަތް ނުހިންގާނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

އަލް ޖަޒީރާގެ އަރަބި ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝީރީން އަބޫ އާގިލާ މަރުވީ އިޒްރޭލު ސިފައިން "އޮޅުމަކުން" ދިން ބަޑީގެ ހަމަލާއަކުން ކަމަށް ބެލެވުނަސް، އެ ސިފައިންގެ މީހާގެ މައްޗަށް ޝަރީއަތް ނުހިންގާނެ ކަމަށް އިޒްރޭލުން އިއްޔެ ބުނެފި އެވެ.

ޝީރީން، 51، ގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި މަރައިލީ، އިޒްރޭލު ސިފައިން ފަލަސްތީނުގެ ޖެނީންގައި ހުންނަ ރެފިއުޖީ ފޭލިގެ އަވަށަށް، މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު އަރައިގަނެ، ހިންގި އުދުވާނީ އަމަލުތައް ޓީވީން ރިޕޯޓްކުރަން އުޅުމުގެ ތެރޭގަ އެވެ.

އޭނާގެ މަރާ ބެހޭ ގޮތުން، އދ.ގެ ހާއްސަ ޓީމަކުންނާއި ފަލަސްތީނު ސަރުކާރުގެ އިތުރުން ސީއެންއެން އާއި އެސޯސިއޭޓެޑް ޕްރެސް ފަދަ ބައެއް ނޫސް އިދާރާތަކުން ކުރި ތަހުގީގުން ވެސް ސާބިތުވެފައިވަނީ، ޝީރީން މަރުވީ އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގެ ސަބަބުން ކަމެވެ. ޝީރިން މަރުވި ޚަބަރު ފެތުރުމާއެކު އިޒްރޭލު ސިފައިން އޭރު ބުނެފައިވަނީ، އޭނާ މަރުވީ ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާއަކުން ކަމަށެވެ.

ޝީރީން މަރައިލީ އިޒްރޭލު ސިފައިން ކަމަށް އިންކާރު ކުރި ނަމަވެސް، އިޒްރޭލުގެ އަސްކަރިއްޔާ އިން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، "ޝީރީން މަރުވީ، އޭނާއަކީ ފަލަސްތީނުގެ ހަނގުރާމަވެރިއެއް ކަމަށް ގަބޫލުކުރެވިގެން، އިޒްރޭލު ސިފައިންގެ މީހަކު އޮޅިގެން ޖެހި ބަޑީގެ ވަޒަނެއް އަރައިގެން ކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު" ކަމަށެވެ.

އެ ފުރުސަތު ކިތަންމެ ބޮޑު ނަމަވެސް، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ނުހިންގާނެ ކަމަށް، މިދިޔަ ހޯމަ ދުވަހު އިޒްރޭލު ސަރުކާރުން ބުންޏެވެ.

އިޒްރޭލު ސިފައިންގެ ތަހުގީގީ ރިޕޯޓް އާންމުކުރުމާ ގުޅިގެން، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އިއްޔެ ވަނީ، ޝީރީނަށް ހަމަލާ ދިން މީހުން ޖަވާބުދާރީ ކުރުވުމަށް ގޮވާލައިފަ އެވެ. މީހެއްގެ މަރުގެ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަކީ، އެކަން ކުރި މީހެއްގެ މައްޗަށް ޝަރީއަތް ހިންގުން ކަމަށްވާތީ، އީރާނުން ވަނީ ސިފައިންގެ މީހާގެ މައްޗަށް ޝަރީއަތް ހިންގުމަށް އިންކާރު ކޮށްފަ އެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ޔައީރް ލެޕިޑް އިއްޔެ ވިދާޅުވީ އަލްޖަޒީރާގެ ނޫސްވެރިޔާ މަރުވީ އިޒްރޭލު ސިފައިންގެ މީހަކު ދިން ބަޑީގެ ހަމަލާއަކުން ކަމަށް ބެލެވުނަސް، އެ ސިފައިންގެ މީހާގެ މައްޗަށް ޝަރީއަތް ނުހިންގާނެ ކަމަށެވެ.

"ޓެރަރިސްޓުން ދޭ ހަމަލާއަކުން ހިމާޔަތް ސަލާމަތްވުމަށް މަސައްކަތްކުރާ، އިޒްރޭލުގެ ސިފައިންގެ މީހެއްގެ މައްޗަށް ޝަރީއަތް ހިންގުމަކީ، ބޭރު ގައުމެއްގެ ރުހުން ހޯދުމަށްޓަކައި ކުރުމަށް، ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން،" އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

"ދުޝްމަނުންނާ ކުރިމަތިލުމުގައި އަހަރެމެންގެ ސިފައިން އަމަލުކުރަންވީ ގޮތް، އެއްވެސް ބަޔަކު އަހަރެމެންނަށް ކިޔައިދޭކަށް ނުޖެހޭނެ. އަހަރެމެންގެ ސިފައިންނަކީ އިޒްރޭލު ސަރުކާރާއި އިޒްރޭލުގެ އާންމު ރައްޔިތުންގެ ފުރިހަމަ ތާއީދު އޮތް ބައެއް."

އިޒްރޭލު ސިފައިން ބަޑި ޖަހައި ޝީރީން މަރައިލީ، ކުރިމައްޗާއި ފުރަގަހުގައި ބޮޑުއަކުރުން "ޕްރެސް" ޖަހާފައިވާ، ވަޒަން ނާރާ ޖެކެޓެއް ލައި، ބޮލުގައި ހެލްމެޓެއް ވެސް އަޅައިގެން ހުއްޓަ އެވެ. އިޒްރޭލު ސިފައިންގެ ސްނައިޕަރަކު ޖެހި ބަޑީގެ ވަޒަން އަރާފައިވަނީ، ޝީރީންގެ ކަންފަތާ ދިމާލުން ބޮލަށެވެ.

ޝީރީންގެ މަރުގެ މައްސަލައިގައި އިޒްރޭލު ޖަވާބުދާރީ ކުރުވާނެ ކަމަށް، އެ ހާދިސާގެ އެންމެ ކުރީކޮޅު އެމެރިކާ ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް، ޝީރީން މަރުވީ އިޒްރޭލު ސިފައިންގެ މީހެއްގެ ހަމަލާއިން ކަމަށް އިޒްރޭލުން އެއްބަސްވުމާއެކު، އެމެރިކާގެ ބަސްމަގު މިހާރު ވަނީ ބަދަލުވެފަ އެވެ.

މެއި 22، 2022 ގައި އިޒްރޭލު ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި ޝީރީން މަރުވިތާ މާ ގިނައިރުތަކެއް ނުވަނީސް، އެމެރިކާގެ ޚާރިޖިއްޔާ އިން ވަނީ، ޝީރީންގެ ގާތިލުންގެ މައްޗަށް ގާނޫނުގެ އެންމެ ފުޅާމިނުގައި ޝަރީއަތް ހިންގުމަށް ގޮވާލައިފަ އެވެ.

ނަމަވެސް އޭގެ ހަތަރު މަސް ފަހުން އެމެރިކާގެ ރާގު ބަދަލުވެއްޖެ އެވެ. ޝީރީން މަރުވީ އިޒްރޭލު ސިފައިންގެ މީހެއްގެ ހަމަލާއިން ކަމަށް އިޒްރޭލުން އެއްބަސްވުމާއެކު، އެމެރިކާގެ ޚާރިޖިއްޔާ އިން އިއްޔެ ބުނީ ކުރިމަތިލުންތައް ހިނގާއިރު، އާންމު ރައްޔިތުންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި، އިޒްރޭލުގެ ސިޔާސަތުތައް މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ޝީރީންގެ އާއިލާ އިން ބުނީ، ނޫސްވެރިއެއް އަދި އާންމު ރައްޔިތެއްގެ މަރުގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތު ފުރޮޅިގެން ދިޔަ ގޮތުން ހައިރާންވާ ކަމަށެވެ. އަދި އިޒްރޭލުން އެކަމަށް އިއުތިރާފްވުމުން އެމެރިކާ އިން އެދިނީ ވަރަށް ލަދުވެތި ރައްދެއް ކަމަށާއި، އެމެރިކާ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ، އިޒްރޭލު ސިފައިން ހިންގި ޖަރީމާ ފޮރުވައިދީ އެ މައްސަލަ އޮއްބާލަން ކަމަށް ވެސް އޭނާގެ އާއިލާ އިން ބުންޏެވެ.