Roadha Mihaaru
ޝީރީން މަރުވީ ސިފައިންގެ ހަމަލާއަކުންކަމަށް ވެދާނެ: އިޒްރޭލު

ޝީރީން މަރުވީ ސިފައިންގެ ހަމަލާއަކުންކަމަށް ވެދާނެ: އިޒްރޭލު

06 ސެޕްޓެމްބަރ 2022

އަލް ޖަޒީރާގެ އަރަބި ޓީވީގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ ޝީރީން އަބޫ އާގިލާ މަރުވީ އިޒްރޭލު ސިފައިން "އޮޅުމަކުން" ދިން ބަޑީގެ ހަމަލާއަކުން ކަމަށް ވުމުގެ "ފުރުސަތު ވަރަށް ބޮޑު" ކަމަށް އިޒްރޭލުން އެއްބަސްވެއްޖެ އެވެ.

ޝީރީން، 51، ގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި މަރައިލީ، އިޒްރޭލު ސިފައިން ފަލަސްތީނުގެ ޖެނީންގައި ހުންނަ ރެފިއުޖީ ފޭލިގެ އަވަށަށް، މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު އަރައިގަނެ، ހިންގި އުދުވާނީ އަމަލުތައް ޓީވީން ރިޕޯޓްކުރަން އުޅުމުގެ ތެރޭގަ އެވެ.

އޭނާގެ މަރާ ބެހޭ ގޮތުން، އދ.ގެ ހާއްސަ ޓީމަކުންނާއި ފަލަސްތީނު ސަރުކާރުގެ އިތުރުން ސީއެންއެން އާއި އެސޯސިއޭޓެޑް ޕްރެސް ފަދަ ބައެއް ނޫސް އިދާރާތަކުން ކުރި ތަހުގީގުން ވެސް ސާބިތުވެފައިވަނީ، ޝީރީން މަރުވީ އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގެ ސަބަބުން ކަމެވެ. ޝީރިން މަރުވި ޚަބަރު ފެތުރުމާއެކު އިޒްރޭލު ސިފައިން އޭރު ބުނެފައިވަނީ، އޭނާ މަރުވީ ފަލަސްތީނުގެ ހަނގުރާމަވެރިން ދިން ހަމަލާއަކުން ކަމަށެވެ.

ޖަޒީރާ ޓީވީގެ ނޫސްވެރިޔާ ޝީރީން އަބޫ އާގިލާ: އިޒްރޭލު ސިފައިން ހިންގަމުން ދިޔަ ޖަރީމާތަކެއްގެ ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވި މި ނޫސްވެރިޔާ ވަނީ އިޒްރޭލު ސިފައިން ބަޑިޖަހައި މަރާލާފައި.-- ފޮޓޯ: އޭއެފްޕީ

ނަމަވެސް އެ ހާދިސާ ތަހުގީގުކުރި، އިޒްރޭލު ނޫން އެހެން ހުރިހާ ފަރާތްތަކުން ވެސް ބުނެފައިވަނީ، ޝީރީން މަރުވި އިރު، އެ ސަރަހައްދުގައިވެސް އިޒްރޭލު ސިފައިން ނޫން ބަޔަކު ހަތިޔާރު ހިފައިގެން ނެތް ކަމަށެވެ. އަދި ޝީރީންއަށް ހަމަލާ ދިން އިޒްރޭލު ސިފައިންނާ ކުރިމަތިލެވޭ ހިސާބެއްގައި ވެސް ފަލަސްތީނުގެ ހަނގުރާމަވެރިން ނެތް ކަމަށް ވެސް އެ ފަރާތްތަކުގެ ތަހުގީގުން ވަނީ ސާބިތުވެފަ އެވެ.

ޝީރީންގެ ގަޔަށް ވަޒަން އަރައިގެން މަރުވި އިރު، އޭނާއާ އެކުގައި އެ ތަނުގައި ތިބި ނޫސްވެރިން ވެސް ބުނެފައިވަނީ، އެ ހާދިސާ ހިނގި ވަގުތު، ފަލަސްތީނުގެ އެއްވެސް ހަނގުރާމަވެރިއަކު އެ ސަރަހައްދުގައި ނެތް ކަމަށެވެ.

އިޒްރޭލު ސަރުކާރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝީރީން މަރުވީ އިޒްރޭލު ސިފައިންގެ ހަމަލާއެއްގައި ކަމަށް ބެލެވުނަސް، އެ ހާދިސާގެ ޖިނާއީ ތަހުގީގެއް އިޒްރޭލު ސަރުކާރުން ނުކުރާނެ ކަމަށެވެ. އަދި ޝީރިން މަރުވި ހާދިސާ ހިނގި ވަގުތު، އިޒްރޭލު ސިފައިންނަށް ވެސް ހަމަލާތަކެއް އަމާޒުވި ކަމަށް އިޒްރޭލު ސަރުކާރުގެ ބަޔާނުގައިވެ އެވެ.

އިޒްރޭލުން އެހެން ބުނި ނަމަވެސް، އެ ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީ މަންޒަރުތަކުން، އެފަދަ ކަމެއް ފާހަގައެއް ނުކުރެވެ އެވެ.

"ޝީރީންގެ ގަޔަށް އަރައި އޭނާ މަރުވުމަށް މެދުވެރިވީ ކާކުގެ ބަޑިއަކުން ފޮނުވައިލި ވަޒަނަކުން ކަން، ޝައްކެއް ނެތް މިންވަރަށް ކަނޑައެޅުމަކީ ކުރެވޭނެ ކަމެއް ނޫން. އަދި އޭނާ މަރުވީ ފަލަސްތީނުގެ ހަނގުރާމަވެރިން ޖެހި ބަޑިއެއްގެ ވަޒަނެއް އަރައިގެން ކަމަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތް،" އިޒްރޭލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ޝީރިން މަރުވި ހާދިސާގެ ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާ އިރު، އިޒްރޭލު ސިފައިން ހިންގި ޖަރީމާއެއް ކަމަށް ބަލައި، އެ ހާދިސާގެ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ވަރުގެ ޝައްކުތަކެއް އަދި ތުހުމަތުތަކެއް ވެސް ނެތެވެ.