Roadha Mihaaru

ޣައްޒާގައި އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު މަރާލައިފި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު މަރާލައިފި އެވެ.

ޣައްޒާގައި އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު މަރާލައިފި

ފަލަސްތީނުގެ ޣައްޒާގައި އިޒްރޭލުން ހަމަލާދީ އަނެއްކާވެސް ހަތަރު ނޫސްވެރިޔަކު މަރާލައިފި އެވެ.

އަލް ޖަޒީރާއިން ބުނީ އިޒްރޭލުގެ ހަމަލާއެއްގައި އެތަނުގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ މުހައްމަދު ސަލާމާ އާއި ރޮއިޓާސްގެ ފޮޓޯ ޖާނަލިސްޓް ހުސާމް އަލް މަސްރީ އާއި އިންޑިޕެންޑެންޓް އެރަބިކް އަދި އެސޯސިއޭޓެޓް ޕްރެސްގެ އިތުރުން އެހެން ބައެއް މީޑިއާތަކަށް ވެސް މަސައްކަތްކޮށްދޭ ޖާނަލިސްޓް މަރިޔަމް އަބޫ ދާގާ އަދި އެންބީސީ ނެޓްވޯކަށް މަސައްކަތްކުރާ މުއާޒް އަބޫ ތާހާ މަރުވެފައިވާ ކަމަށެވެ.

މި އެންމެންނަކީ ވެސް ފަލަސްތީނު މީހުންނެވެ.

މި މަހުގެ 11 ވަނަ ދުވަހު ވެސް އިޒްރޭލުން ވަނީ އަލް ޖަޒީރާގެ ފަސް މީހަކު ޣައްޒާގައި މަރާލައިފަ އެވެ. ޣައްޒާ ސިޓީގައި ހުންނަ ޓެންޓަކަށް ދިން އެ ހަމަލާ އަކީ އަލް ޖަޒީރާގެ މަޝްހޫރު ރިޕޯޓަރު އަނަސް އާލް ޝަރީފަށް އަމާޒުކުރި ހަމަލާއެއް ކަމަށް އިޒްރޭލުން އޭރު ބުނެފަ އެވެ. އިޒްރޭލުން ބުނަނީ އެއީ ހަމާސްގެ ހަނގުރާމަވެރިއެއް ކަމަށެވެ.

މަރުވި ނޫސްވެރިން ހިމެނެނީ މިއަދު އިޒްރޭލުން ޣައްޒާގައި ދިން ހަމަލާތަކުގައި ޝަހީދުވި 14 މީހުންގެ ތެރޭގަ އެވެ.

އިޒްރޭލުން މީގެ 22 މަސް ދުވަސް ކުރިން ފެށިގެން ޣައްޒާއަށް ހަމަލާ ދެމުން ގެންދާއިރު ނޫސްވެރިންނަށް އަމާޒުކޮށް އެތައް ހަމަލާއެއްދީ މީޑިއާގެ 200 އަށް ވުރެ ގިނަ މީހުން މަރާފައިވެ އެވެ.