Roadha Mihaaru
ޖަޒީރާގެ ނޫސްވެރިޔާ މަރައިލުމުން، އިޒްރޭލަށް ނުރުހުން

ޖަޒީރާގެ ނޫސްވެރިޔާ މަރައިލުމުން، މުޅި މީޑިއާގައި އިޒްރޭލަށް ނުރުހުން

12 މެއި 2022

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގަމުން ދިޔަ ޖަރީމާތަކެއްގެ ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވި، އަލްޖަޒީރާގެ އަރަބި ޓީވީ ޗެނަލްގެ ރިޕޯޓަރެއް ކަމަށްވާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން އިއްޔެ ބަޑިޖަހައި މަރާލައިފި އެވެ.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލު ސިފައިން ހިންގަމުން ދިޔަ ޖަރީމާތަކެއްގެ ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވި، އަލްޖަޒީރާގެ އަރަބި ޓީވީ ޗެނަލްގެ ރިޕޯޓަރެއް ކަމަށްވާ ޝީރީން އަބޫ އާގިލާގެ ގަޔަށް އިޒްރޭލު ސިފައިން އިއްޔެ ބަޑިޖަހައި މަރާލައިފި އެވެ.

އަލްޖަޒީރާ އިން ބުނި ގޮތުގައި ޝީރީންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑިޖެހީ، ހުޅަނގު އައްސޭރީގެ ޖަނީންގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ އާންމު ރައްޔިތުން ހިފައި ހައްޔަރުކުރުމަށް އިއްޔެ ހިންގި ހަރަކާތްތަކުގެ ޚަބަރުތައް ގެނެސްދިނުމުގައި ޙަރަކާތްތެރިވަމުން ދަނިކޮށެވެ. ޝީރީން އަށް ހަމަލާ ދިން ހާދިސާގެ ތެރޭގައި، އިޒްރޭލު ސިފައިން ޖެހި ބަޑީގެ އުންޑައެއް އަރައިގެން، އަލްޖަޒީރާގެ ޕްރޮޑިއުސަރެއް ކަމަށްވާ އަލީ އައްސަމޫދީ ވެސް ވަނީ ޒަޚަމްވެފަ އެވެ.

ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އަލީ އައްސަމޫދީ ބުނި ގޮތުގައި އިޒްރޭލު ސިފައިން ޖެނީންގައި އިއްޔެ ނޫސްވެރިންނަށް ހަމަލާ ދިން ހިސާބުގައި، އާންމުންގެ އިތުރު އެއްވެސް ބަޔަކު ނެތެވެ. އެތަނުގައި ތިބީ ހަތަރު ނޫސްވެރިން އެކަނި ކަމަށާއި، ނޫސްވެރިން ތިބީ ނޫސްވެރިންކަން އަންގައިދޭ ޖެކެޓް ވެސް ލައިގެން ކަމަށްވާއިރު، އެއީ ގަސްދުގައި ނޫސްވެރިންނަށް ދިން ހަމަލާއެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހުޅަނގު އައްސޭރީގެ ޖަނީންގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ފަށާފައިވާ އަސްކަރީ ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް އިޒްރޭލުން ވަނީ ނިންމައިފަ އެވެ. އަދި އިއްޔެ ނޫސްވެރިންގެ ބަޔަކަށް ދިން ހަމަލާއަކީ، ޖަނީންގައި އިޒްރޭލު ސިފައިން ހިންގާ ލާއިންސާނީ އަމަލުތައް ދުނިޔޭގެ ކުރިމައްޗަށް ހުށަހަޅައިދޭތީ، އެކަން ނުކުރުމަށް އިޒްރޭލުން ދިން އިންޒާރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އިޒްރޭލު ސިފައިން ޝީރީންގެ ގަޔަށް ބަޑި ޖެހި އިރު އޭނާގެ ކައިރީގައި ހުރި ފަލަސްތީނުގެ އެހެން ނޫސްވެރިއެއް ކަމަށްވާ ޝަތާ ހަނައިޝާ ބުނި ގޮތުގައި އިޒްރޭލު ސިފައިން ޖެހި ބަޑީގެ އުންޑަ އަރައިގެން ޝީރީން ބިންމައްޗަށް ވެއްޓުމުން ވެސް، އިޒްރޭލު ސިފައިން ހަމަލާ ދިނުން ހުއްޓައެއް ނުލަ އެވެ. އެހެންވުމުގެ ސަބަބުން، އެ ތަނުން ޝީރީންގެ ހަށިގަނޑު ނަގައިގެން ގެންދިއުމަށް ވެސް ހުރަސްއެޅުނު ކަމަށާއި، ސިއްހީ އެހީތެރިންނަށް ވެސް އެ ހިސާބަށް ކައިރި ނުވެވުނު ކަމަށް އޭނާ ބުންޏެވެ.

އަލްޖަޒީރާ ޓީވީ ޗެނަލުން ބުނި ގޮތުގައި ނޫސްވެރިންނަށް އިޒްރޭލު ސިފައިން އިއްޔެ ގަސްދުގައި ދިން ބަޑީގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި އާންމު އުސޫލުތަކާ ވެސް ޚިލާފު އަމަލުތަކެކެވެ.

ޝީރީންގެ ގަޔަށް ބަޑީގެ އުންޑަ އެރުމާއެކު، އޭނާގެ ކައިރީގައި ތިބި އެހެން ނޫސްވެރިންގެ އެހީގައި ޝީރީން ގެންދިޔައީ ފަލަސްތީނުގެ ނާބުލްސްގައި ހުންނަ މެޑިކަލް ކޮލެޖަކަށެވެ. އެ ތަނުގައި އޭނާގެ ހަށިގަނޑު ތަހުލީލުކުރި ޑޮކްޓަރުން ބުނި ގޮތުގައި އިޒްރޭލު ސިފައިން ޖެހި ބަޑީގެ އުންޑަ އަރާފައި ހުރީ ޝީރީންގެ ބޮލަށެވެ.

ޝީރީންގެ ބޮލަށް ބަޑި ޖަހައި މަރައިލުމަށް ފަހު، އޭނާގެ ގޭގައި ހިތާމަ ފާޅުކުރުމަށް ގާތްތިމާގެ މީހުންނާއި ރައްޓެހިންނާއި ނޫސްވެރިން އެއްވެފައި ތިއްބައި، އިޒްރޭލު ސިފައިން ހަތިޔާރާއެކު އެ ގެއަށް ވަދެ، ބާރުގެ ބޭނުންކޮށް އެކަމަށް ވެސް ހުރަސްއެޅި އެވެ. އެ ގޭގައި ތިބި ބައެއް މީހުން އެތަނުން ނެރެ ފޮނުވައިލުމަށް ފަހު، ގިނަ މީހުން އެ ސަރަހައްދަށް އެއް ނުވުމަށާއި، ފަލަސްތީނުގެ ގައުމީ ލަވަތައް ނުކިޔުމަށް އިޒްރޭލު ސިފައިން އެންގި އެވެ.

އިޒްރޭލު ސިފައިންގެ މި އަނިޔާވެރި އަމަލު ދުނިޔޭގެ މީޑިއާތަކުން ދަނީ ފާޅުގައި ކުށްވެރިކުރަމުންނެވެ. ނަމަވެސް، ޝީރީންގެ ގަޔަށް ބަޑިޖެހީ އިޒްރޭލު ސިފައިން ކަމަށް ބުނުމަށް، ހުޅަނގުގެ ގިނަ މީޑިއާތަކުން ދަނީ ފަސްޖެހެމުންނެވެ. ހުޅަނގުގެ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ޖަނީންގައި ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އަލްޖަޒީރާގެ ނޫސްވެރިއެއްގެ ގަޔަށް ވަޒަން އަރައިގެން މަރުވީ ކަމަށެވެ.