Roadha Mihaaru
އިޒްރޭލުން ފަލަސްތީނުގެ 4 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނުގެ 4 މީހަކު ޝަހީދުކޮށްލައިފި

20 ސެޕްޓެމްބަރ 2023

އިޒްރޭލުގެ ސިފައިންނާއި ފުލުހުން ގުޅިގެން އިއްޔެ ހިންގި އަސްކަރީ ހަރަކާތްތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

އިޒްރޭލުގެ ސިފައިންނާއި ފުލުހުން ގުޅިގެން އިއްޔެ ހިންގި އަސްކަރީ ހަރަކާތްތަކެއްގައި ފަލަސްތީނުގެ ހަތަރު މީހަކު ޝަހީދުކޮށްލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލައިފި އެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ޖެނީން ފޭލިގޭ އަވަށަށް އިޒްރޭލުގެ ސިފައިންނާއި ފުލުހުން އިއްޔެ ވަދެ ދިން އުދުވާނީ ހަމަލާތަކުގައި ޖެނީން ފޭލިގެތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ތިން ޒުވާނަކު ޝަހީދުކޮށްލި އެވެ. އިޒްރޭލުގެ މި ހަމަލާތަކުގައި ޖެނީން އިން ޝަހީދުވި މީހުންގެ ނަންތައް ހާމަނުކުރި ނަމަވެސް، ފަލަސްތީނު ސަރުކާރުން ބުނި ގޮތުގައި އިޒްރޭލުގެ މި ހަމަލާތަކުގައި އިތުރު 20 މީހަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

އޭގެ އިތުރުން، އިޒްރޭލުން ހިސޯރުކޮށްފައި އޮންނަ ގާޒާ އަށް އިޒްރޭލު ސިފައިން ދިން ހަމަލާތަކެއްގައި ގާޒާގެ ޒުވާނަކު ވެސް ޝަހީދުކޮށްލި އެވެ. ޚާން ޔޫނުސް އަށް އިޒްރޭލު ސިފައިން ވަދެގަނެ ދިން ހަމަލާތަކުގައި ޝަހީދުކޮށްލީ އުމުރުން 25 އަހަރުގެ ޔޫސުފް ސާލިމް ރިޟްވާން އެވެ.

ގާޒާގައި ހިންގި އަސްކަރީ ހަރަކާތްތަކާ ބެހޭ ގޮތުން އިޒްރޭލު ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ގާޒާ އާއި އިޒްރޭލު ވަކިކުރާ ސަރަހައްދުގައި ޖަހާފައިވާ ކަށިނަރުތައް ކައިރީގައި ފަލަސްތީނުގެ ޒުވާނުންތަކެއް ހަމަނުޖެހުން ހިންގައި ގޮވާ ތަކެތި ގޮއްވައި އުޅުނު ކަމަށް އިޒްރޭލުން ބުންޏެވެ.

ޖެނީންގައި ހިންގި އުދުވާނީ އަމަލުތަކާ ބެހޭ ގޮތުން އިޒްރޭލުން ބުނީ ޖެނީންގެ ވަކި އަމާޒުތަކަކަށް ޑްރޯން ހަމަލާތަކެއް ދިން ކަމަށެވެ. ނަމަވެސް އެ ހަމަލާ ދިނީ ކޮން ބޭނުމެއްގައި ކޮން ބަޔަކަށް އަމާޒުކޮށް ކަމެއް އިޒްރޭލުން ނުބުނެ އެވެ.

އިޒްރޭލުން ގާޒާ އަށް އިއްޔެ ހަމަލާތަކެއް ދިނީ، ގާޒާގެ އުތުރު ކޮޅުގައި އޮންނަ ބައިތު ހަނޫން ސަހަރާއި އިޒްރޭލު ގުޅުވައިދޭ ދޮރޯށި، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އިއްޔެ ބަންދުކުރުމުން އެކަމާ ދެކޮޅަށް ފަލަސްތީނުގެ ޒުވާނުންތަކެއް އެ ސަރަހައްދަށް އެއްވެ އިހުތިޖާޖް ކުރަން ފެށުމުންނެވެ. އިޒްރޭލު ސިފައިން ބުނި ގޮތުގައި އެ ދޮރޯށި އަލުން ހުޅުވޭނީ، އެ ސަރަހައްދުގައި ހިނގަމުންދާ އިހުތިޖާޖީ ހަރަކާތްތައް މައިތިރިވުމުންނެވެ.

ބައިތު ހަނޫން ދޮރޯއްޓަކީ، އިޒްރޭލުން ދީފައި އޮންނަ ހުއްދައިގެ ދަށުން އިޒްރޭލުގައި ވަޒީފާ އަދާކުރާ ގާޒާގެ ރައްޔިތުން އިޒްރޭލަށް ގޮސް އައިސްވާ މައި ދޮރޯއްޓެވެ. އެ ދޮރޯށި ބަންދުކުރުމާ ގުޅިގެން، އިޒްރޭލުގައި ވަޒީފާ އަދާކުރާ ގާޒާގެ 18000 މީހުން އިއްޔެ ތިބެން ޖެހުނީ ވަޒީފާއަށް ދެވޭނެ ގޮތެއް ނެތިފަ އެވެ.