Roadha Mihaaru
މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

މޫސަގެ ކޮލަމް: ދުންޔާގެ އުނބަށް ޖެހުން

07 ޖެނުއަރީ 2017

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް ލިބިވަޑައިގަންނަވާނެ ފުރުސަތުތަކެއް ފެނިވަޑައިގަތީ ހެއްޔެވެ؟ ނޫން ނަމަ ރައީސް ޔާމީންގެ ޚިޔާނާތް ބޮޑު ސަރުކާރަށް ވުރެ ރަނގަޅު ގޮތްތަކެއް ދިވެހިންނަށް ހޯއްދަވައިދެއްވުމުގެ އެދުންފުޅު ހިތްޕުޅުގައި އުފެދުނީ ހެއްޔެވެ؟

މޫސާ ލަތީފް މޫސާ ލަތީފް

ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން، މިދިއަ ޖުލައި މަހު އިސްތިއުފާ ދެއްވީ ކީއްކުރަން ހެއްޔެވެ؟ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށްޓަކައި ހެއްޔެވެ؟ އާއިލާއަށް ޓަކައި ހެއްޔެވެ؟ ނުވަތަ ބޮޑުބޭބޭފުޅު، އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުއްވުމަށް ވުރެ ސިޔާސީ ގޮތުން ބޮޑު ފައިދާއެއް ލިބިވަޑައިގަންނަވާނެ ފުރުސަތުތަކެއް ފެނިވަޑައިގަތީ ހެއްޔެވެ؟ ނޫން ނަމަ ރައީސް ޔާމީންގެ ޚިޔާނާތް ބޮޑު ސަރުކާރަށް ވުރެ ރަނގަޅު ގޮތްތަކެއް ދިވެހިންނަށް ހޯއްދަވައިދެއްވުމުގެ އެދުންފުޅު ހިތްޕުޅުގައި އުފެދުނީ ހެއްޔެވެ؟

އާންމު ދިވެހިންގެ ވިސްނުމުން ވިސްނާލުމުން، މިއިން ކޮންމެ ސުވާލަކަށް ވެސް އޮންނާނީ ހަމަ އެންމެ ޖަވާބެކެވެ؛ އަމިއްލަ އެދުމެވެ. އޭގައި ގައުމަށް، ދިވެހި ރައްޔިތުންނަށް ލިބޭނެ ހަމަ އެއްވެސް ފައިދާއެއް ނެތެވެ. އެހެންކަމުން ރައީސް ޔާމީން އާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދު ޖެހިގެން މި އުޅެނީ، ރައްޔިތުންނަށް ހަމައެކަނި ދައްކާލުމުގެ އަރައިރުމެކޭ ބުނާ އާންމުންގެ ވާހަކަ ގަބޫލުކުރަން ވަރަށް ފަސޭހަވާނެ އެވެ. މި އަރައިރުމުގެ ފަހަތުގައި، އާންމުންނަށް ރޭކާނުލާ ނިޔަތެއް ފޮރުވިފައިވާ ނަމަ، އެކަމެއް އާންމުންނަކަށް ނޭނގޭނެ އެވެ.

ނޭނގޭ ކަމަކުން އާންމުންގެ ޚިޔާލު ބަދަލެއް ނުވާނެ އެވެ. އެމީހުން ބަލާނީ ފެންނަ ކަންކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ފޮރިން މިނިސްޓަރުކަމުން އިސްތިއުފާދެއްވި ބޭފުޅަކު ސްޓޭޓް މިނިސްޓަރެއްގެ މަގާމު ގަބޫލުފުޅުކުރެއްވުމަކީ، ދައްކަވާ ވާހަކަ އާއި ޢަމަލްކުރައްވާ ގޮތާ ތަފާތުކަން އަންގައިދޭ މިސާލެކެވެ. ދުންޔާގެ ފަރާތްޕުޅުން އެކަންޏެއް ނޫނެވެ. ރައީސް ޔާމީނާ ދެކޮޅަށް މައުމޫންގެ އާއިލާ ނުކުންނެވި އިރު ހަގު ދަރިކަލުން ގައްސާން މައުމޫން، ރައީސް ޔާމީންގެ އަރިހުގައި ހުންނެވުމުން ވެސް، އެނގުނީ، "ނުބައެއް" އުޅޭ ކަމެވެ.

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު، ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލުމަށް ފަހު މައުމޫން ނުކުންނަވަނީ: އާއިލާ ވަނީ ދެ ބައި ވެފައި

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު، ޕީޕީއެމް މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލުމަށް ފަހު މައުމޫން ނުކުންނަވަނީ: އާއިލާ ވަނީ ދެ ބައި ވެފައި

ސިޔާސީ ލީޑަރުންނާ ގުޅޭ ގިނަ ކަންކަން ހިނގަނީ މުޅި ރައްޔިތުންނަށް ފެންނަ ގޮތަށެވެ. ރައީސް ޔާމީންގެ ފެކްޝަނުން މައުމޫނަށް ކުރި ޖެއްސުންތަކާއި މަލާމާތްތައް ފެނުނީ މުޅި ދިވެހި ރާއްޖެ އަށެވެ. ޕާޓީގެ އަހަރީ ދުވަހު ޕީޕީއެމްގެ އޮފީހަށް ވަދެވަޑައެއް ނުގެންނެވުނެވެ. ރައީސް ޔާމީންގެ ފެކްޝަނުގެ ބަޔަކު ވަދެ ކުރާ ކަމެއް ކޮށް ނިމުނު އިރު ފާރުތަކުގައި ލިއެފައި ހުރި ލިއުންތައް ރައްުޔިތުންނަށް ފެނުނެވެ.

މައުމޫނަކީ 30 އަހަރު ވަންދެން ދިވެހި ރައްޔިތުންގެ "ބައްޕަ" އެވެ. މި ސަރުކާރުގެ ބައެއް އައުވާނުން އެމަނިކުފާނަށް ކުރި މަލާމާތުގެ ސަބަބުން ދިވެހިންގެ ގިނަ ބަޔަކު ހިތުގައި ޖެހުނެވެ. އެކަމަކު މައުމޫންގެ ބޭފުޅުން މި ހައްދަވަނީ ކިހިނެއް ހެއްޔެވެ؟ ދެ ބޭފުޅުން ރައީސް ޔާމީން ކޮޅަށެވެ. ދެ ބޭފުޅުން މައުމޫން އަރިހުގަ އެވެ. އެކަމަކު މިހާ ހިސާބުން ސުވާލު އުފެދެނީ ރައީސް ޔާމީނު ކޮޅުގައި ތިއްބެވި ދެ ބޭފުޅުންގެ ނިޔަތާ މެދު އެކަންޏެއް ނޫނެވެ. މައުމޫނާއި، ފާރިސް މައުމޫން އަދި ޔުމްނާ މައުމޫންގެ ފޮރުވިފައި އޮތީ ކޮން ނިޔަތެއްތޯ ވެސް ރައްޔިތުންގެ ހިތުގައި ސުވާލު އުފެދެ އެވެ.

ސިޔާސީ ދާއިރާގައި ދުންޔާމެން މިނިސްޓަރުންގެ ފެންވަރަށް ވަޑައިގެންނެވުނީ ކޮން ކަމެއް ކުރައްވައިގެންތޯ ބައެއް މީހުން އަހަ އެވެ. ރިޔާސީ އިންތިޚާބުގަ އާއި އެހެން އިންތިޚާބުތަކުގައި ދުންޔާގެ މާ ބޮޑު ހަރަކާތްތަކެއް، ފުރަތަމަ ގޮނޑި ބަރީގައި އިންނެވުން ފިޔަވައި، ފެނިފައެއް ނުވެ އެވެ. އެކަމަކު ބައްޕާފުޅުގެ ނުފޫޒެއް ހިނގައި ސަރުކާރެއް ނަމަ މަތީ މަގާމުތައް ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ފުރަތަމަ ވެސް ވިސްނަވަން ޖެހޭނެ ކަމަކީ، ތިމާ އަށް އޮތް ހުރިހާ ވެސް އެޑްވާންޓޭޖަކީ ބައްޕާފުޅުކަމެވެ. އެ ބައްޕާފުޅު ނުކުންނެވީ ރައީސް ޔާމީންގެ ސަރުކާރުން ހުއްޓުމެއް ނެތި ކުރަމުން ގެންދާ ގޯސް އެތައް ކަމެއްގެ ސަބަބުންނޭ އޮތީ ވިދާޅުވެފަ އެވެ. އެހެން ވިދާޅުވި އިރު ފަހަތްޕުޅުގައި ދުންޔާ ހުންނެވި އެވެ.

ސަރުކާރުން ބޮޑެތި ގޯސްތަކެއް ހަދަންޏާ އެކަންކަމާ ދެކޮޅު ދިވެހިން އަބަދުވެސް އުޅެ އެވެ. އެއީ ގައުމު އިސްލާހުކުރަން ބޭނުން ދިވެހިންނެވެ. އެ މީހުންގެ އަޑު ކަނޑުވާލާފައި ވަނިކޮށް، ފޮރިން މިނިސްޓަރުކަމުން ދުންޔާ އިސްތިއުފާ ދެއްވުމާއި، ރައީސް ޔާމީން ބޭނުންފުޅުވާ ގޮތާ އިދިކޮޅަށް ރައްޔިތުންގެ މަޖިލިހުގައި ފާރިސް އަމަލްކުރައްވަން ފެއްޓެވުމުން، އެ ދިވެހިންނަށް ހިތްވަރު ލިބުނެވެ. ސިޔާސީ އިދިކޮޅު އެތައް ލީޑަރުންނަކަށް ނުހައްގުން ދެމުން ދިޔަ ޝަރުއީ އަދަބުތައް ދިފާއުކުރައްވައި، ފޮރިން މިނިސްޓަރެއްގެ ހައިސިއްޔަތުން ދުންޔާ އޭރު ދެއްކެވި ވާހަކަތަކަށް، އެ ދިވެހިން މައާފުކުރި އެވެ. އެކުގައި މަސައްކަތްކޮށް، ރާއްޖެ އަލުން ޑިމޮކްރަސީގެ ހަމަ މަގަށް އެޅުވުމުގައި މައުމޫންގެ ފަހަތްޕުޅުގައި ހުންނަވާނެ ކަމަށް ޔަގީންކުރި އެވެ.

މައުމޫން ޕްރެސް ކޮންފަރެންސެއްގައި: ސަރުކާރާ ދުންޔާ ގުޅިވަޑައިގަތުމުން އާންމުންގެ ހިތުގައި އަނެއްކާ ވަނީ ޝައްކު އުފެދިފައި --ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުމޫން ޕްރެސް ކޮންފަރެންސެއްގައި: ސަރުކާރާ ދުންޔާ ގުޅިވަޑައިގަތުމުން އާންމުންގެ ހިތުގައި އަނެއްކާ ވަނީ ޝައްކު އުފެދިފައި --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް ޔާމީންގެ ގޮތްދޫނުކުރެއްވުމުގެ ސިޔާސަތަށް ހަމަ އެއްވެސް ބަދަލެއް ނާދެ އެވެ. ރައީސްކަމުގެ ހުވާ ކުރެއްވި ހިނދުން ފެށިގެން އިސްލާހުކުރަން ހުރި މުހިންމު އެތައް ކަމެއް ދަނީ އެއަށް ވުރެ ގޯސްވަމުންނެވެ. ނުވަތަ ހުންނެވީ ގޯސްވާން ދޫކޮށްލައްވައިފަ އެވެ. މި ހާލަތުގައި ހަމަ ކުއްލިއަކަށް ދުންޔާ ރައީސް ޔާމީންގެ ސަރުކާރާ ގުޅިވަޑައިގަތުމުން އެ ހިއްޕެވުނީ ރަނގަޅަކަށް އެދިއެދި ތިބި ދިވެހިންގެ ކަރުގަ އެވެ. އެ ދެއްކެވުނީ އަމިއްލަ އެދުމުގެ އެންމެ މަތީ ދަރަޖަ އެވެ. އެ ވިދާޅުވެވުނީ "ކަލޭމެން ތިހެން ތެޅިތެޅި ތިބޭށެވެ."

އެއް ބަޔަކު އެ ތިބީ ރައީސް ޔާމީނާ ދެކޮޅުވުމުގެ އަދަބެއްގެ ގޮތުން އަމިއްލަ އަށް އަރުވާލެވިގެންނެވެ. އަމިއްލަ ގައުމަށް އަތުވެއްޖެ ނަމަ، އިންސާފެއް ނެތި، ޖަލަށް ދިއުމުގެ ބިރުވެރިކަމުގަ އެވެ. އަނެއް ބަޔަކު އެ ތިބީ މިހާރު ވެސް ބަންދުގަ އެވެ. އެ މީހުންގެ ކުށަކީ ގައުމުގެ ކަންކަމާ މެދު ރައީސް ޔާމީންގެ ދުރުމީން ނުބެލުމެވެ. އެހެންކަމުން ދިވެހިންނާ ބައްދަލުކޮށް ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތެއް އެ މީހުންނަކަށް ނެތެވެ. ތިމާގެ މީހުންނާއި ރައްޓެހިންނާ އެކު ވަގުތު ހޭދަކުރެވޭނެ ގޮތެއް ނެތެވެ.

އެކަމަކު އެމީހުން އެ ހާލުގައި އުޅޭތާ ދެ އަހަރު ވަނީ އެވެ. އަދި އަޒުމެއް ނުގުޑަ އެވެ. ދުންޔާ އުނބަށް ޖެހީ އެންމެ ފަސް މަސްދުވަހުގެ ތެރޭގަ އެވެ. އެ ނިންމެވުމާ އެކު ރައީސް މައުމޫންގެ މަސައްކަތްޕުޅާ މެދު ވެސް މިހާރު މި އޮތީ ސުވާލު އުފެދިފަ އެވެ. އާންމުންގެ ތެރޭގައި ގެއްލުނު އިތުބާރު ހޯއްދެވޭތޯ މައުމޫން ޓްވީޓްކުރެއްވިޔަސް، އާއިލާގެ ޚިޔާލު ތަފާތުވުން އާންމުންނަށް މި ދަނީ ފެންނަމުންނެވެ. "ގޭމެކޭ" ބުނެ ކުރިންސުރެ ބައެއް އާންމުން އިއްވި އަޑު ހައްތަހާ ގަދަވީ އެވެ. މައުމޫންގެ އާއިލާގެ އަމަލްތަކާ މެދު ޝައްކުގެ ނަޒަރުން ބަލަމުން އަންނަ މީހުންނަށް، އެ ފުސްކަމުގެ ތެރޭގައި ތިބެން އަނެއްކާވެސް މި ލިބުނީ ފުރުސަތެކެވެ.

ސާފުކޮށް ފެންނަން މި އޮތީ ހަމަ އެންމެ ކަމެކެވެ. އިސްކުރަނީ ގައުމެއް ނޫނެވެ. އަމިއްލަ އެދުމެވެ.