Roadha Mihaaru
ޔާމީނަށް ޓިކެޓް ދޭން ދުންޔާ އާއި ޣައްސާން ތާއީދު

ރައީސް ޔާމީނަށް ޓިކެޓް ދޭން ދުންޔާ އާއި ޣައްސާން ތާއީދު

15 ޖޫން 2016

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ބޭފުޅުން ކަމަށްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ތާއީދު ކުރައްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ދިނުމަށް، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދެ ބޭފުޅުން ކަމަށްވާ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ތާއީދު ކުރައްވައިފި އެވެ.

ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ދުންޔާ އާއި ޣައްސާން ވަނީ، ޕްރައިމަރީއާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވުމަށް އެދި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެމްބަރުން މައުމޫނަށް ހުށަހަޅުއްވާ ލިޔުމުގައި ސޮއިކުރައްވާފައި ކަމަށް އެނގިފައިވެ އެވެ.

ނަމަވެސް ޕްރައިމަރީއާ ނުލައި ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދެއްވުމަށް މައުމޫން ބޭނުންފުޅެއް ނޫނެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދޭން އެމަނިކުފާނުގެ ތާއީދެއް ނެތް ކަން ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ވެސް ފޮނުއްވައިފަ އެވެ.

މި މައްސަލާގައި ޕީޕީއެމްގެ އެތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވާއިރު، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވުމަށް މައުމޫނަށް ދަންނަވާ ލިޔުމުގައި، ކައުންސިލްގެ 33 މެމްބަރުންގެ ތެރެއިން ހައެއްކަ ބޭފުޅުން ފިޔަވައި އެހެން ހުރިހާ ބޭފުޅުން ސޮއިކުރައްވާފައިވާ ކަމަށް އެނގިފައިވެ އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކު ހޮވާނީ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީއަކުންނެވެ. އެ ޕްރައިމަރީ ބާއްވަން ޖެހެނީ ރިޔާސީ އިންތިހާބު އޮންނަ ތާރީޚުގެ ކުރިން ތިން މަހާއި ހަ މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. ނަމަވެސް އެހެން މާއްދާއެއްގައި ވަނީ، ޕީޕީއެމްގެ ޓިކެޓުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއަކަށް ނުގޮސް އެ ބޭފުޅަކަށް އެ ޓިކެޓް ދެވިދާނެ ކަމަށެވެ. އެކަމަކު އެބޭފުޅާއާ ވާދަކޮށް، ޓިކެޓް ހޯދަން އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޕްރައިމަރީއެއް ބާއްވަން ފެނޭތޯ ބަލަން ޕާޓީގެ ކޮންގްރެސް ނުވަތަ ގައުމީ ޖަލްސާއަކަށް ދާން ޖެހެ އެވެ.