Roadha Mihaaru
އަންނަ މަޖިލީހަށް ޣައްސާނު ހޮވައިދޭނަން: ރައީސް

އަންނަ ރައްޔިތުންގެ މަޖިލީހަށް ޣައްސާނު ހޮވައިދޭނަން: ރައީސް

20 އޮކްޓޯބަރ 2016

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން، ޣައްސާން މައުމޫނަކީ ސިޔާސީ މުސްތަގްބަލެއް އޮތް ބޭފުޅެއް ކަމަށާއި ދެން އޮންނަ ރައްޔިތުންގެ މަޖިލީހަކަށް އޭނާ ހޮވައިދެއްވާނެ ކަމަށް، ޣައްސާންގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ހަގު ދަރިކަލުން، ޣައްސާން މައުމޫނަކީ ސިޔާސީ މުސްތަގްބަލެއް އޮތް ބޭފުޅެއް ކަމަށާއި ދެން އޮންނަ ރައްޔިތުންގެ މަޖިލީހަކަށް އޭނާ ހޮވައިދެއްވާނެ ކަމަށް، ޣައްސާންގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ދަރުބާރުުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން "ކޮއިފުޅު"ގެ ނަމުން ޣައްސާނަށް މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ގޮނޑި އަށް ޣައްސާން ކެމްޕޭން ކުރެއްވި އިރު އޭނާއާއެކު ތިއްބެވީ ޕީޕީއެމްގެ ވަރަށް މަދު ބައެއް ކަމަށެވެ. އެކަމަކު ޣައްސާން ހޮވަން ކެމްޕޭން ކުރެއްވުމަށް އަމިއްލަފުޅު ގޮތުން ވެސް މަސައްކަތްޕުޅު ކުރެއްވި ކަމަށާއި ޣައްސާނަށް އެކަން ކާމިޔާބުވި ނަމަ، އެއީ ފަހުރުވެރި ގޮނޑިއަކަށް ވެގެން ދިޔައީސް ކަމަށް ރައީސް ވިދާޅުވި އެވެ.

"ޣައްސާނަކީ ސިޔާސީ މުސްތަގްބަލެއް އޮތް ކުއްޖެއް. އަންނަ އިންތިހާބުގައި ކޮންމެވެސް ރަނގަޅު ދާއިރާއަކުން އޭނާ މަޖިލީހަށް އެތެރޭ ކުރާނަން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫނާ ދެމެދުގައި ޖެހިފައިވާ މައްސަލަ ހޫނުވެ، ދެ ފެކްޝަނެއް އުފެދިފައިވާ އިރު، އެ ދެ ފެކްޝަންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެ ވަޑައިގެންނަވާ ޕީޕީއެމް ކައުންސިލްގެ ހަމައެކަނި މެމްބަރަކީ ޣައްސާނެވެ.

މައުމޫންގެ ބޭފުޅުންގެ ތެރެއިން، ރައީސް ޔާމީންގެ ސަރުކާރުގެ މަތީ މަގާމެއްގައި މި ވަގުތު ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާނެވެ. ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޔުމްނާ މައުމޫން ތަފާތު ސަބަބުތައް މެދުވެރި ކުރައްވައި ސަރުކާރުން އިސްތިއުފާ ދެއްވި ނަމަވެސް ޣައްސާންގެ ފަރާތުން މިހާތަނަށް އެފަދަ ކަމެއް ނުފެނެ އެވެ.

ރައީސް ޔާމީންގެ ފެކްޝަންގެ ކައުންސިލްގެ ބައްދަލުވުމުގައި ޣައްސާން ބައިވެރިވެވަޑައިގަންނަވާ އިރު، އޭނާ އަކީ ރައީސް ޔާމީން 2018 ކެމްޕެއިން ކޮމިޓީގެ މެމްބަރެއް ކަމަށް ވެސް ވެ އެވެ. މީގެ އިތުރުން ރައީސް ޔާމީން އެންމެ ފަހުން ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ވެސް ޣައްސާން ބައިވެރި ކުރެއްވި އެވެ. ދެ ފެކްޝަންގެ ކައުންސިލް ބައްދަލުވުމުގައި ޣައްސާން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އޭނާގެ އެއްބަނޑުއެއްބަފާ އެހެން ބޭފުޅުން ރައީސް ޔާމީންގެ ފެކްޝަންގެ ބައްދަލުވުމަށް ވަޑައެއް ނުގަންނަވަ އެވެ.