Roadha Mihaaru
ބޭރު ގައުމުތަކުން ރާއްޖޭގެ މައްސަލައަށް ހައްލެއްނެތް

ބޭރު ގައުމުތަކަށް ރާއްޖޭގެ މައްސަލައަށް ހައްލެއް ނުހޯދޭނެ: ދުންޔާ

23 މާޗް 2018

ރާއްޖެއަށް ދިމާވާ މައްސަލަތަކަށް ބޭރު ގައުމުތަކުން ނުވަތަ ބޭރުގެ ޖަމިއްޔާތަކުން ހައްލެއް ހޯދައެއް ނުދެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ދިމާވާ މައްސަލަތަކަށް ބޭރު ގައުމުތަކުން ނުވަތަ ބޭރުގެ ޖަމިއްޔާތަކުން ހައްލެއް ހޯދައެއް ނުދެވޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.

ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ދުންޔާ ވިދާޅުވީ ދިވެހީންގެ މެދުގައި ޖެހޭ މައްސަލަތަކަށް ހައްލު ހޯދާނީ ދިވެހީން ކަމަށެވެ. އެހެންވެ އެކަންކަން ހޯދައި މަޝްވަރާތައް ފަށަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމާއެކު ސަރުކާރުން ޕާޓީތަކާއެކު މަޝްވަރާތައް ފަށަން އުޅުނު ކަމަށެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާ ހެދި މަޝްވަރާތައް ކުރިއަށްގެންދެވިފައި ނުވާ ކަމަށާއި އެއީ ހަގީގަތުގައި ވެސް ކުރަން ބޭނުން ކަމެއް ނަމަ، ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދޫދޭނެ ކަމަށެވެ.

"ދޫ އެބަދޭންޖެހޭ. ދޫނިދޫ އަޅުގަނޑަކަށް ނޭނގޭ މައްސަލަތައް ހައްލުކުރާނެ ގޮތެއް. ދޫދީގެން އެންމެން އަލުން އެކަތިގަނޑަކަށް ހަދައިގެން މައްސަލަތަކެއް ހުރިކަން އަމިއްލައަށް ގަބޫލުކޮށްގެން، ވާހަކަ ދެކެވޭނެ މާހައުލެއް އުފައްދައިގެން، އަޅުގަނޑުމެން އިށީންދެ މަޝްވަރާކޮށް ކުރިއަށް ފިޔަވަޅު ތަކެއް އަޅަންޖެހޭ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓަރަކަށް އޭނާ ހުންނެވިއިރު ވެސް ބޭރުގެ ފަރާތްތަކުގެ ފިއްތުންތަކާއި އިންޒާރުތައް ލިބުނެވެ.

"ބޭރުގެ ގައުމުތަކަކުން ޖަމިއްޔާތަކުން އައިސް އަޅުގަނޑުމެންގެ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ. އަޅުގަނޑު ކުރިއްސުރެ ބުނަމުން އަންނަ ވާހަކައަކީ، ދިވެހީންނޭ ދިވެހީންގެ މައްސަލަތަކަށް ހައްލުތައް ހޯދާނީ. އާއިލާއެއްގެ ތެރޭގައި މައްސަލަތަކެއް ހުއްޓަސް ބޭރުން މީހަކު އައިސްފައެއް ނޫނޭ ހައްލުތައް ހޯދާނީ. އަދި އެގޮތަށް ހައްލުތަކެއް ހޯދައިދިނުމަކީ ވެސް ރަނގަޅު ކަމެއް ނޫން ކަންނޭގެ،" ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި ވިދާޅުވި އެވެ.

ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހު އޮތް ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި ދުންޔާ ވިދާޅުވީ މި ހާލަތަށް ގައުމު ދިއުމަށް އެއްވެސް މީހަކު ބޭނުމެއް ނުވާ ކަމަށާއި ސުލްހަ ކަމާއި އަމާންކަމާއެކު ދިިރިއުޅެން ބޭނުންވާ ކަމަށެވެ.

ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހައްޔަރުކުރެއްވި އިރު ވެސް ދުންޔާ ހުންނެވީ ސަރުކާރުގަ އެވެ. އެކަމާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެކަންކަމަށް ރައްދު ދެއްވައި ދުންޔާ ވިދާޅުވީ އޭރު އިސްތިއުފާ ދެއްވި ނަމަ ހާލަތަށް ބަދަލެއް އަންނާނެތޯ އެވެ.

ދުންޔާ ވިދާޅުވީ މައުމޫން ގާނޫނު އަސާސީއާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ހައްޔަރުކޮށްފައިވާ މި ވަގުތަކީ އާއިލާއަށް ވަރަށް ދަތި އުނދަގޫ ދަނޑިވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.