Roadha Mihaaru
ރަޝިޔާ ސިފައިންގެ އަދަދު އިތުރު ކުރަނީ

ރަޝިޔާ ސިފައިންގެ އަދަދު އިތުރު ކުރަނީ

29 އޯގަސްޓް 2022

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ފޫބެއްދުމުގެ ގޮތުން، ރަޝިޔާ ސިފައިންގެ އަދަދު އިތުރުކުރުމަށް، ރައީސް ލަޑިމިއާ ޕުޓިން ނިންމަވައިފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން މިހާރު ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަން ފޫބެއްދުމުގެ ގޮތުން، ރަޝިޔާ ސިފައިންގެ އަދަދު އިތުރުކުރުމަށް، ރައީސް ލަޑިމިއާ ޕުޓިން ނިންމަވައިފި އެވެ.

ރައީސް ޕުޓިން މިދިޔަ ހަފުތާގައިވަނީ ރަޝިޔާ ސިފައިންގެ ޖުމްލަ އަދަދު 1.9 މިލިއަނުން 2.04 މިލިއަނަށް އިތުރު ކުރެއްވުމަށް ރިއާސީ ގަރާރެއްގައި ސޮއިކުރައްވައިފަ އެވެ. މި މިންވަރަށް ސިފައިންގެ އަދަދު އިތުރު ކުރުމަށްޓަކައި، އަސްކަރިއްޔާ އަށް އިތުރު 137000 މީހުން ވައްދާނެ އެވެ.

އިނގިރޭސި ވިލާތުގެ ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ގެއްލުމުގެ ނިސްބަތަށް ބަލާއިރު، ސިފައިންގެ އަދަދު އިތުރުކުރިޔަސް، ހަނގުރާމައިގައި ރަޝިޔާ އަށް މާ ބޮޑު ކުރިއެރުން ނުހޯދޭނެ އެވެ.

ހުޅަނގުގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ސިފައިންގެ ޚިދުމަތަށް ނެރުމަށްޓަކައި ރަޝިޔާގެ އަސްކަރިއްޔާ އިން މިހާރު ގެންދަނީ، އެ ގައުމުގެ ޖަލުތަކުގައި ތިބި ބައެއް ގައިދީންނާ ވާހަކަ ދައްކަމުންނެވެ. ސިފައިންގެ ޚިދުމަތާ ގުޅެން ބޭނުންވާ ގައިދީންނަށް، އެމީހުންގެ ހުކުމްގެ ބާކީ އޮތް ބައި މައާފްކޮށްދިނުމުގެ އިތުރުން މާލީ އިނާޔަތްތައް ދިނުމަށް ވެސް ރަޝިޔާ ސަރުކާރުން ގެންދަނީ ގައިދީންނަށް ހުށަހަޅަމުންނެވެ.

ރަޝިޔާގެ އަސްކަރިއްޔާގައި މިހާރު ތިބި ސިފައިންގެ އަދަދު އެއް މިލިއަނަށް ވުރެ ގިނަ އެވެ. އޭގެ އިތުރުން އަސްކަރިއްޔާގައި މަދަނީ ވަޒީފާތައް އަދާކުރާ 900000 މަދަނީ މުވައްޒަފުން ހިމެނެ އެވެ.

ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ބޮޑެތި ގެއްލުންތައް ފޫބެއްދުމުގެ ގޮތުން، މި ހަނގުރާމައިގައި ރަޝިޔާ އަށް މަދަދު ދޭ، ޗެޗްނިޔާގެ މުސްލިމް ހަނގުރާމަވެރިން ވެސް މިހާރު ވަނީ އެމީހުންގެ ތެރެއަށް އިތުރު ހަނގުރާމަވެރިން ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. ޗެޗްނިޔާގެ ހަނގުރާމަވެރިން މައިގަނޑު ގޮތެއްގައި ބައިވެރިވަނީ، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންނަ ސަރަހައްދުތަކުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމާއި، އެފަދަ ސަރަހައްދުތަކުގައި ފިލައިގެން އުޅޭ ޔޫކްރޭން ސިފައިންނާ ހަނގުރާމަ ކުރުމުގަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ކުރު މުއްދަތެއްގެ ތެރޭގައި އަމާޒަށް ވާސިލުވެ ހަނގުރާމަ ނިންމުމުގެ ނިޔަތުގަ އެވެ. ނަމަވެސް ޔޫކްރޭން ސިފައިންގެ ފަރާތުން ކުރިމަތިވި ދިފާއީ ރައްދު ހަމަލާތަކުގެ ސަބަބުން، ރަޝިޔާ ސިފައިން އުންމީދު ކުރި ފަދަ ކުރިއެރުންތަކެއް ހާސިލު ނުވެ ބޮޑެތި ގެއްލުންތަކަކާ އެކު ހަނގުރާމަ ވަނީ ދިގުލައިފަ އެވެ.