Roadha Mihaaru

ރެކޯޑް ނަތީޖާއަކާ އެކު ލިވަޕޫލަށް ސީޒަންގެ ފުރަތަމަ މޮޅު

ލިވަޕޫލް (އޮގަސްޓް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ރެކޯޑް ނަތީޖާއަކާ އެކު 9-0 އިން ބޯނަމައުތު ބަލިކޮށް ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ރެކޯޑް ނަތީޖާއަކާއެކު ލިވަޕޫލަށް ސީޒަންގެ ފުރަތަމަ މޮޅު
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

27 އޯގަސްޓް 2022

ލިވަޕޫލް (އޮގަސްޓް 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން ރެކޯޑް ނަތީޖާއަކާ އެކު 9-0 އިން ބޯނަމައުތު ބަލިކޮށް ސީޒަންގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޔާގެން ކްލޮޕް ގެ ލިވަޕޫލް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފައި ވާއިރު، އޭގެ ކުރިން ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ ޕްރިމިއާ ލީގު ތާރީހުގައި އެންމެ ބޮޑު ތަފާތަކުން މިހާތަނަށް މޮޅުވި މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަންގެ ސްކޯއާ އެއްވަރު ކޮށްފަ އެވެ. ޔުނައިޓެޑުން 1995 ވަނަ އަހަރު އިޕްސްވިޗް ޓައުން 9-0 އިން ބަލިކުރި އިރު މީގެ އަހަރެއް ކުރިން މިނަތީޖާއިން ސައުތެމްޓަން ވެސް ބަލިކުރި އެވެ. އަދި ލެސްޓާ ވަނީ 2019 ގައި މި ނަތީޖާއިން ސައުތެމްޓަން ބަލިކޮށްފަ އެވެ.

ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކުރީ 9-0 އިން. ބޯންމައުތަކީ މި ނަތީޖާއިން ޕްރިމިއާ ލީގުގައި ބަލިވި ތިންވަނަ ޓީމު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން މިރޭ އަމިއްލަ ދަނޑުގައި ބޯންމައުތު ބަލިކުރީ 9-0 އިން. ބޯންމައުތަކީ މި ނަތީޖާއިން ޕްރިމިއާ ލީގުގައި ބަލިވި ތިންވަނަ ޓީމު.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފޯވާޑް ރޮބާޓޯ ފިރްމީނޯ ލަނޑު ޖެހިއިރު، މިއީ 2020 ވަނަ އަހަރަށް ފަހު އޭނާ އެންފީލްޑުގައި ލަނޑެއް ޖެހި ފުރަތަމަ މެޗެވެ. މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ފިރްމީނޯ ލަނޑު ޖެހުމުގެ އިތުރަށް، ލިވަޕޫލުން ޖެހި ފުރަތަމަ ތިން ލަނޑުގައި އެސިސްޓް ކުރީ ވެސް އޭނާ އެވެ.

ފިރްމީނޯ ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި މެޗުގެ ތިން ވަނަ މިނިޓުގައި ލީޑު ނަގައިދިނީ ލުއިސް ޑިއާޒް އެވެ. އަދި އޭގެ ތިން މިނިޓު ފަހުން ފިރްމީނޯ އަށް ރަނގަޅަށް ކޮންޓްރޯލް ނުކުރެވުނު ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ލީޑު ފުޅާ ކޮށްދިނީ ޒުވާން ވިންގާ ހާވީ އެލިއޮޓް އެވެ. އަދި ފިރްމީނޯގެ އެހީތެރިކަމާ އެކު ތިންވަނަ ލަނޑު 28 ވަނަ މިނިޓުގައި ޖެހީ ޓްރެންޓް އެލެކްޒެންޑާ އާނޯލްޑެވެ.

ފިރްމީނޯ ލަނޑު ޖެހީ މެޗުގެ 31 ވަނަ މިނިޓުގައި، އެޓީމުގެ މުހައްމަދު ސަލާހު، އާނޯލްޑަށް ޖައްސާލި ބޯޅަ ބްލޮކް ވެފައި ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ގޯލުތެރެއަށް ފޮނުވާލައިގެންނެވެ. އެ ޓީމުގެ ފަސް ވަނަ ލަނޑު މި ހާފުގެ އިތުރު ވަގުތުގައި، އެންޑީ ރޮބާޓްސަން ނެގި ކޯނަރެއް ބޮލުން ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ.

ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓުގައި ލިވަޕޫލުން އެޓީމުގެ ހަ ވަނަ ލަނޑު ކާމިޔާބުކުރީ އާނޯލްޑް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އިދިކޮޅު ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ރެފްރީ މި ގޯލު ލިވަޕޫލަށް ދިނީ ވީއޭއާރު ރިވިއު ކުރުމަށް ފަހު އެވެ. އަދި ހަތްވަނަ ލަނޑު 62 ވަނަ މިނިޓުގައި ޖަހައިދިނީ ފިރްމީނޯ އެވެ.

ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު ފަބިއޯ ކާވާލިއޯ އެޓީމުގެ އަށް ވަނަ ލަނޑު ޖަހައިދިނީ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށެވެ. އަދި ފަސް މިނިޓު ފަހުން ނުވަ ވަނަ ލަނޑު ޖަހައިދިނީ ލުއިސް ޑިއާޒް އެވެ. ލިވަޕޫލްގެ ފަހު ދެ ލަނޑު ޖަހަން އެހީ ވީ ވެސް ދެވަނަ ހާފުގައި ކުޅެން އެރި ކޮސްޓާސް ސިމިކާސް އެވެ.

ސްކޮޓް ޕާކާގެ ކޯޗުކަމުގައި ބޯންމައުތުން އަލުން ޕްރިމިއާ ލީގަށް ކޮލިފައިވެ، ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކުރި ނަމަވެސް، ފަހުން ކުޅުުނު ތިން މެޗުން ވެސް ބަލިވީ ލަނޑެއް ނުޖެހި އެވެ.