ލީޑްސް (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މި ސީޒަނުގައި ފޯމުގައި ހުރި، ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯގެ ލަނޑާ އެކު އެ ޓީމުން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ.
21 އޯގަސްޓް 2022
ލީޑްސް (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މި ސީޒަނުގައި ފޯމުގައި ހުރި، ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރޮޑްރިގޯ މޮރޭނޯގެ ލަނޑާ އެކު އެ ޓީމުން 3-0 އިން ޗެލްސީ ބަލިކޮށްފި އެވެ.
މިއީ 2002 ގެ ޑިސެމްބަރު މަހު ލީޑްސް އިން 2-0 އިން ޗެލްސީ ބަލިކުރި ފަހުން، އެ ޓީމުން ޕްރިމިއާ ލީގުގައި ޗެލްސީ ބަލިކުރި ފުރަތަމަ ފަހަރެވެ. މި މުއްދަތުގައި ޗެލްސީ އިން ފަސް މެޗުގައި ލީޑްސް ބަލިކުރި އިރު، ދެ މެޗެއް ވަނީ އެއްވަރު ވެގެން ނިމިފަ އެވެ.
ލީޑްސްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ޗެލްސީ އިން ފެށީ ރަނގަޅަށެވެ. އެ ޓީމުގެ ރަހީމް ސްޓާލިން ގޯލެއް ޖަހައި އެޓީމަށް ލީޑު ނަގައިދިންކަމަށް ހީކުރެވުނު ނަމަވެސް އޭނާއަށް ބޯޅަ ލިބުނު އިރު އޮފްސައިޑުގައި ހުރުމުން އެ ގޯލު ބަލައެއް ނުގަނެ އެވެ. އޭގެ ކުރިން މޭސަން މައުންޓް ފޮނުވާލި ހަމަލާއެއް ލީޑްސްގެ ކީޕަރު އިލާން މެސްލިއާ ދިފާއު ކުރި އެވެ.
އާރޮންސަން ލަނޑު ޖެހުމަށް ފަހު ކޯޗު މާޝް އާއެކު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ލީޑްސްގެ ފުރަތަމަ ލަނޑު ޖެހީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެން އެޓީމަށް އަލަށް ގެނައި އެމެރިކާ މިޑްފީލްޑަރު ބްރެންޑަން އާރޮންސަން އެވެ. މެޗުގެ 33 ވަނަ މިނިޓުގައި ބޮކްސް ތެރެއިން މެންޑީ، އާރޮންސަން ކައިރިން ނައްޓަން އުޅެނިކޮށް އޭނާ ވަނީ މެންޑީ އަތުން ބޯޅަ ގެއްލުވާލައި މުޅިން ހުސް ގޯލަކަށް ބޯޅަ ފޮނުވާލައިގެން އޭނާގެ ޕްރިމިއާ ލީގުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.
ލީޑު ނެގިތާ ތިން މިނިޓު ފަހުން ލީޑްސްގެ ދެ ވަނަ ލަނޑު ޖަހައިދިނީ ރޮޑްރިގޯ އެވެ. މިއީ ޖެކް ހެރިސަން ހިލޭޖެހުމަކުން ނަގައިދިން ބޯޅަ ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭނާ ލީގުގައި ޖެހި ހަތަރު ވަނަ ގޯލެވެ. ފުރަތަމަ މެޗުގައި ވުލްވްސް ކޮޅަށް ގޯލެއް ޖެހި އިރު، ދެވަނަ މެޗުގައި ސައުތެމްޓަން ކޮޅަށް ވަނީ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.
ފަހު ހާފުގައި ޗެލްސީ އިން ލަނޑެއް ޖަހަން ގިނަ ހަމަލާތަކެއް އުފެއްދި އެވެ. މާކް ކުކުރޭޔާ އާއި ރުބެން ލޮފްޓަސް ޗީކް އަދި ކޮނޯ ގަލަހާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނު އިރު، ރީސް ޖޭމްސް އާއި ކުލިބަލީ ފޮނުވާލި ހަމަލާއެއް ކީޕަރު މެސްލިއާ ވަނީ ދިފާއު ކޮށްފަ އެވެ.
ނަމަވެސް ލީޑްސް އިން ވަނީ 69 ވަނަ މިނިޓުގައި އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައި ޗެލްސީއަށް އިތުރަށް ޕްރެޝަރު ބޮޑުކޮށްފަ އެވެ. އެޓީމުގެ ޑެނިއެލް ޖޭމްސް ނެގި ހުރަހެއް ރޮޑްރިގޯ އަށް ރަނގަޅަށް ފޮނުވާނުލެވުމުން ކައިރީ ހުރި ހެރިސަން ވަނީ ލިބުމާ އެކު އެ ބޯޅަ ގޯލުތެރެއަށް ފޮނުވާލައިފަ އެވެ. އެއަށް ފަހު ވެސް ރޮޑްރިގޯ އަށް ވަނީ އިތުރު ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ.
ޗެލްސީގެ ޑިފެންޑަރު ކުލިބަލީ އަށް ރަތް ކާޑު ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ޗެލްސީގެ ޑިފެންޑަރު ކަލިދޫ ކުލިބަލީ އަށް ވަނީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މިދިޔަ ސީޒަނުގައި ލީގު 17 ވަނައިގައި ނިންމައިގެން ރެލިގޭޝަނުން ސަލާމަތް ވެގެން މި ސީޒަނާ ކުރިމަތިލި ލީޑްސް މި ސީޒަނުގައި ކުޅުނު ތިން މެޗުން ވެސް ބަލިނުވެ ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި ވުލްވްސް އަތުން މޮޅުވި އިރު، ދެވަނަ މެޗުގައި ސަތުތެމްޓަންއާ ވީ އެއްވަރެވެ.
މިއީ ޗެލްސީ މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗެވެ. ފުރަތަމަ މެޗުގައި އެވަޓަން އަތުން ހަނި މޮޅެއް ހޯދި ނަމަވެސް، ދެ ވަނަ މެޗުގައި ޓޮޓެންހަމް އަތުން ފަހު ވަގުތު ފުއްދާލީ ޕޮއިންޓަކުންނެވެ.
ޓޮޓެންހަމް މެޗަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އަށް ދެއްކި ރަތްކާޑާ އެކު އޭނާއަށް ވަނީ އެއް މެޗުގެ ސަސްޕެންޝަނަކާ އެކު ޖޫރިމަނާއެއް އައިސްފަ އެވެ. ނަމަވެސް މައްސަލަ އިތުރަށް ބަލަމުން ގެންދާތީވެ، އިނގިރޭސި އެފްއޭ އިން ވަނީ ސަސްޕެންޝަން ފަސް ކޮށްލައިފަ އެވެ. މިއާ އެކު މިރޭގެ މެޗުގައި ޓުޗެލް އަށް ބެންޗުގައި ޓީމަށް އިރުޝާދު ދޭން ހުރުމުގެ ފުރުސަތު ލިބުމުން ލީޑްސްގެ ކޯޗު ޖެސީ މާޝް ވަނީ މެޗުގެ ކުރިން އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ.
ޗެލްސީ އަށް މޮޅެއް، ޕޮޓާ އަށް ޕްރެޝަރު ކުޑަވެއްޖެ
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
އެވަަޓަން ކުރީގައި، ލީޑްސް އިން ސިޓީ ހިފަހައްޓައިފި
ބާންލީ އާއި ލީޑްސް އަލުން ޕްރިމިއާ ލީގަށް
އެސްޓަން ވިލާ މޮޅުވެ، ޗެލްސީ އަށް ޕްރެޝަރު
ހުތުރުކޮށް ވެސް މުހިއްމީ މޮޅުވުން: މަރެސްކާ
ޕޮޓާއަށް ފެންވަރު ދައްކާލައި ޗެލްސީ އަލުން ހަތަރަކަށް
އަޑިގަނޑުން އަރައިގަންނަން ސިޓީ ހިންދެމިލައިފި
ކީޕަރަށް ފާޑުކިޔުމުގެ ކުރިން ވިސްނާލާ: މަރެސްކާ
އާސެނަލް އެއްވަރު، ޗެލްސީ ދެ ވަނައިގައި ލީޑު ނަގައިފި