Roadha Mihaaru
ކަސެމީރޯ ނެތަސް މޮޅުވުމުގެ ރޭހުގައި ރެއާލް ކުރިއަށް

ކަސެމީރޯ ޓީމު ދޫކޮށްލިޔަސް މޮޅުވުމުގެ ރޭހުގައި ރެއާލް ކުރިއަށް

21 އޯގަސްޓް 2022

ވީގޯ (އޯގަސްޓް 21) - މިޑްފީލްޑާ ކާލޯސް ކަސެމީރޯ، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލުމަށް ފަހު ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސެލްޓަ ވީގޯގެ މައްޗަށް 4-1 އިން މޮޅުވެއްޖެ އެވެ.

ވީގޯ (އޯގަސްޓް 21) - މިޑްފީލްޑާ ކާލޯސް ކަސެމީރޯ، މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލުމަށް ފަހު ރެއާލް މެޑްރިޑުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ސެލްޓަ ވީގޯގެ މައްޗަށް 4-1 އިން މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު މެޗަށް ރެއާލްއިން ތައްޔާރުވަމުން ދިޔައިރު، ކަސެމީރޯ ދިޔައީ މެންޗެސްޓާ އަށް ބަދަލުވާން ތައްޔާރު ވަމުންނެވެ. އެހެންވެ ޓީމުގެ ފަހު ޕްރެކްޓިސްތަކުގައި ވެސް އޭނާ ބައިވެރިއެއް ނުކުރެ އެވެ.

އޭނާ ދޫކޮށްލުމަށް ފަހު ކުރިމަތިލި ފުރަތަމަ މެޗުގައި ތަފާތަކަށް ފެނުނީ ކަސެމީރޯ އާއެކު މިޑްފީލްޑް ލައިންގައި ހިއްސާވާ ލުކަ މޮޑްރިޗްގެ ކުޅުމެވެ. އޭނާ ވަނީ ހިތްގައިމު ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖަހަން ވިނިޝިއުސް ޖޫނިއާ އަށް ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.

މެޗުގެ ކުރީ ކޮޅު ރެއާލްއިން ލީޑް ނެގީ ލިބުނު ޕެނަލްޓީ އަކުންނެވެ. ކެޕްޓަން ކަރީމް ބެންޒެމާ ޕެނަލްޓީ ވައްދާލީ، ސެލްޓަގެ ކީޕަރު އަގޯސްޓިން މާޗާސިން އަށް ބޯޅައިގެ މިސްރާބު އޮޅުވާލުމަށް ފަހު އެވެ. ސެލްޓައިން ނަތީޖާ ހަމަހަމަ ކުރީ ޕެނަލްޓީ އަކުން އިއާގޯ އެސްޕަސް އެވެ.

މިޑްފީލްޑާ ލުކަ މޮޑްރިޗް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އޭނާ ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއް ވެސް ވިނީޝިއުސް އަށް ތަނަވަސް ކޮށްދީފަ --- ފޮޓޯ: އޭއެފްޕީ

މިޑްފީލްޑާ ލުކަ މޮޑްރިޗް ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ: އޭނާ ވަނީ ލަނޑު ޖަހާނެ އެހެން ފުރުސަތެއް ވެސް ވިނީޝިއުސް އަށް ތަނަވަސް ކޮށްދީފަ --- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފު ނިމުމުގެ ކުރިން، މޮޑްރިޗް ވަނީ ރެއާލް އަށް އަލުން ލީޑް ނަގައިދީފަ އެވެ. މެޗުގެ 41 ވަނަ މިނެޓްގައި އޭރިއާގެ ބޭރުން އެހެން ކުޅުންތެރިޔަކަށް ބޯޅަ ދޭން އުޅުމުގެ ބަދަލުގައި އޭނާ ވަނީ ގޯލް މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލައިފަ އެވެ. އާޖެންޓީނާގެ ކީޕަރު އަގޯސްޓިން އަށް ވެސް ހުރެވުނީ ބަލަހައްޓައިގެންނެވެ.

ދެ ވަނަ ހާފުގައި ވިނިޝިއުސް އަށް، މޮޑްރިޗް ބޯޅަ ދިން އިރު ސެލްޓަގެ ގިނަ ކުޅުންތެރިން ތިބީ ރެއާލްގެ ހާފުގެ ތެރޭގަ އެވެ. އޭނާ ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި ގޮސް އޭރިއާ ތެރެއަށް ވަނުމަށް ފަހު ވިނީޝިއުސް ވަނީ ކީޕަރު ކަޓުވާލުމަށް ފަހު ހުހަށް އޮތް ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.

ރެއާލްގެ ހަތަރު ވަނަ ލަނޑު ފެޑެރީކޯ ވަލްވާޑޭ ޖެހީ ވިނީޝިއުސް ދިން ބޯޅައިންނެވެ. ވިނީޝިއުސް ބޯޅަ ދިނީ ބެންޒެމާ އަށެވެ. އެކަމަކު ބެންޒެމާ އަށް ބޯޅަ ކޮންޓްރޯލް ނުކުރެވި އުޅެނިކޮށް ވަލްވާޑޭ ވަނީ ބާރު ސްޕީޑުގައި ގޮސް އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދަައިލައިފަ އެވެ.

މެޗުގެ ނަތީޖާ ފުޅާ ކުރަން ވެސް ރެއާލް އަށް ފަހު ވަގުތު ފުރުސަތު ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެޑެން ހަޒާޑް ފޮނުވާލި ޕެނަލްޓީ ކީޕަރު އަގޯސްޓިން ދިފާއު ކުރި އެވެ.

މި ސީޒަންގައި ކުޅުނު ތިން މެޗު ވެސް ރެއާލް ކާމިޔާބު ކުރި އެވެ. އެއީ ޔޫއެފާ ސުޕަ ކަޕު ނެޗުގެ އިތުރުން ލަލީގާގައި ކުޅުނު ދެ މެޗެވެ. އެންމެ ފަހު ޗެމްޕިއަން އޮތީ ތާވަލުގެ އެއް ވަނައިގަ އެވެ.