Roadha Mihaaru
ފަރުވާ: ޕާޓީ ފޯރިޔާއި ގޮނޯރިއާ

ފަރުވާ: ޕާޓީ ފޯރިޔާއި ގޮނޯރިއާ

05 ޖެނުއަރީ 2017

ޕާޓީގައި ދެ ޖިންސުގެ ޒުވާނުން ވާނުވާގައެވެ. ބޯމީހުން ބުއިމުގައެވެ. ނަށާމީހުން ނެށުމަގައެވެ. ނީލަން ކިޔާމީހުން ނީލަމުގައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ. މިއީ އަދުގެ ހާލަތެވެ.

ޑރ. މުހައްމަދު ޒިޔާދު ޑރ. މުހައްމަދު ޒިޔާދު

ޕާޓީގައި ދެ ޖިންސުގެ ޒުވާނުން ވާނުވާގައެވެ. ބޯމީހުން ބުއިމުގައެވެ. ނަށާމީހުން ނެށުމަގައެވެ. ނީލަން ކިޔާމީހުން ނީލަމުގައެވެ. ލަދުގެ ކަންފުޅެއް ވެސް ނެތީއެވެ. މިއީ އަދުގެ ހާލަތެވެ.

މިކަހަލަ ކޮންމެ މަޖާކުރުމެއްގައި، ދޮރު ހުޅުވިގެން ދަނީ ފާހިޝް އަމަލްތަކަށެވެ. ދެން އޮތީ ޕާޓީ ނުކުރިޔަސް، ދެ ޖިންސުގެ މީހުން، ކައިވެނިން ބޭރުން އަދި އެތައް ބަޔަކާ އެކު ހިންގާ ޖިންސީ ގުޅުންތަކެވެ. އެ އުފާތަކުގެ ތެރެއިން ނުރައްކަލާ ކުރިމަތިލާން ޖެހޭނެ އިރެއް އެކަކަށް ވެސް ނޭނގެ އެވެ. ޕާޓީކުރި ޒުވާނާއަށް ވީ ވެސް ހަމަ އެހެނެވެ. ކަންތަކާލައިގަތީއެވެ.

ހަމުގެ ޚާއްޞަ ޑޮކްޓަރަށް ދައްކަން ދިޔައިރު ވެސް އޭނާ ހުރީ ލަދުންނެވެ. ބުނާނެ އެއްޗަކާ މެދުގައެވެ. ފަށާނީ ކޮން ހިސާބަކުން ހެއްޔެވެ؟ ކުޑަކަމުދާއިރު ތަދުވަނީއެވެ. ދިލަ ނަގައި ކަހަނީއެވެ. ލަދުވެތި ގުނަވަނުން ދޮސް ވެސް އަންނަނީއެވެ. ނުބައި ވަސް ވެސް ދުވަނީއެވެ.

އެ ގުޅުންތަކުން އެ ލިބުނީ ވަރުގަދަ ހަދިޔާއެކެވެ. ހަނދާނުން ފުހެލާނީ ކިހިނެއް ހެއްޔެވެ؟ ލިބުނީ ގޮނޯރިއާއެވެ. ކިހުނު ބައްޔެވެ. ނެއިސީރިއާ ގޮނޯރިއާ ނަމަކަށް ކިޔާ ޖަރާސީމެއްގެ ސަބަބުން މި ބަލި ޖެހެނީ ޖިންސީ ގުޅުމުންނެވެ. މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާއިރު ތަދުވެ ދިލަނަގައެވެ. ކަހައި ހިރުވައެވެ. ނުބައި ވަސް ދުވައި ލަދުވެތި ގުނަވަނުން ދޮސް އާދެއެވެ. އަދި ބައެއް ފަހަރު ލޭ ވެސް އާދެއެވެ. އަދި މައްސަރު ދުވަސްވަރުގައި ބައެއް ފަހަރު އާދަޔާ ޚިލާފަށް ގަދަޔަށް އަށް ވެސް ލޭ އަތުވެދާނެއެވެ.

މި ބަލީގައި އަނެއް ބައި މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނި އެތައް ދުވަހަކު ހުރެދާނެއެވެ. އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓް ބަލި މީހުންގެ ކިބައިން ކިހުނު ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހުރެދާނެއެވެ. އަދި ފިރިހެނުންގެ ތެރެއިން ގާތްގަނޑަކަށް 10 ޕަސެންޓް މީހުންގެ ފަރާތުން އެއްވެސް ކަހަލަ ނިޝާނެއްގެ މިންވަރު ވެސް ނުފެނިދާނެއެވެ. ނަމަވެސް މިއީ ވަކި މީހަކަށް، ވަކި ޖިންސަކަށް އަދި ވަކި އުމުރުފުރައަކަށް ޚާއްޞަ ބައްޔެއް ނޫނެވެ. ހަމަ ކޮންމެ މީހަކަށް ވެސް މި ބަލި ޖެހިދާނެއެވެ.

ލަދުވެތި ގުނަވަން ހިމެނޭ ސަރަހައްދުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ. ފޭރާން އެކަކު އަނެކަކަށް ބަދަލު ނުކުރާށެވެ. އެކަކު ލާފައި ހުންނަ އަންނައުނު ރީއްޗަށް ނުދޮވެ އަނެކަކު ނުލާށެވެ. އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރާއި ކުރަފަތްތިލަ އަނެކަކު ބޭނުން ނުކުރާށެވެ. ގޭގެ އެންމެން އެއްތުވާލިން ފެންފުހުމުގެ ބަދަލުގައި ކޮންމެ މީހެއް ވެސް ވަކި ތުވާއްޔެއް ގެންގުޅެން އާދަކުރާށެވެ. ކުޑަކަމުދިޔަސް، ބޮޑުކަމުދިޔަސް ރަނގަޅަށް ސާފުތާހިރުވާށެވެ.

އެމީހެއްގެ ލަދުވެތި ގުނަވަނަށާއި ފުރަގަސް ފަރާތަށެވެ. ނުވަތަ އަނގަ ތެރެއަށާއި ލޮލަށް ވެސް ޖެހިދާނެއެވެ. އަދި ފަރުވާކުޑަކޮށްފި ނަމަ ކުރިމަތި ފަރާތުގެ އެހެނިހެން މައްސަލަތަކާއި، ދަރިން ނުލިބުމާއި، ދަށްބަނޑުގައި ރިއްސުމާއި، ލޮލުގެ ފެނުމަށް ބުރޫއެރުމާއި، ހުޅުހުޅުގައި ރިއްސުން ފަދަ އުނދަގޫތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އަދި އެކްޓޮޕިކް ޕްރެގްނަންސީ (ނުބައި ތަނެއްގައި ދަރިފުޅު އަށަގަތުން) އާއި ދުވަސްނުފުރާ ވިހެއުން ފަދަ ކަންކަން ވެސް ދިމާވުން އެކަށީގެންވެއެވެ. އެންމެ ފަހުން އާޚިރު ނަތީޖާއެއްގެ ގޮތުން ފުރާނައަށް ވެސް ނުރައްކާ ވެދާނެއެވެ.

އޭ އަޚާއެވެ. އުޚްތާއެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. ސަމާލުވާށެވެ. މިއީ ޖިންސީ ގުޅުމުން އަރާ ބައްޔަކަށް ވީ ނަމަވެސް މި ބަލި މައިމީހާގެ ފަރާތުން ދާދި ދެންމެ ވިހޭ ތުއްތު ދަރިފުޅަށް ވެސް ޖެހިދާނެއެވެ. މީހެއްގެ ޖިންސީ ޝިކާރައަކަށް ވެފައިވާ ޅަދަރިއަށާއި، ދުވަސްވީ މީހާއަށް ވެސް ޖެހިދާނެއެވެ. ދޮންތަ ބޭނުންކުރާ ކުރަފަތް ތިލަ، ތިއްތަ ބޭނުންކުރުމުން ވެސް ޖެހިދާނެއެވެ. އަދި ދޮންބެ ލާ ބޮކްސާ ތިއްތިބޭ ލުމުން ވެސް ޖެހިދާނެއެވެ.

އަވަހަށް ލަދުވެތި ގުނަވަން ހިމެނޭ ސަރަހައްދުގެ ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާށެވެ. ފޭރާން އެކަކު އަނެކަކަށް ބަދަލު ނުކުރާށެވެ. އެކަކު ލާފައި ހުންނަ އަންނައުނު ރީއްޗަށް ނުދޮވެ އަނެކަކު ނުލާށެވެ. އެކަކު ބޭނުންކޮށްފައި ހުންނަ ރޭޒަރާއި ކުރަފަތްތިލަ އަނެކަކު ބޭނުން ނުކުރާށެވެ. ގޭގެ އެންމެން އެއްތުވާލިން ފެންފުހުމުގެ ބަދަލުގައި ކޮންމެ މީހެއް ވެސް ވަކި ތުވާއްޔެއް ގެންގުޅެން އާދަކުރާށެވެ. ކުޑަކަމުދިޔަސް، ބޮޑުކަމުދިޔަސް ރަނގަޅަށް ސާފުތާހިރުވާށެވެ. އަދި ޖުނުބުވެރިވެއްޖެ ނަމަ އަވަހަށް ހިނައިގަންނާށެވެ. އެތެރެއިން ލާ އަންނައުނަކީ އުއިފޮތީގެ އަންނައުނު ކަމަށް ހައްދަވަން އާދަކުރާށެވެ. ދުވަހުން ދުވަހަށް ބަދަލުކުރަން ވެސް ހަނދާންކުރާށެވެ. ނެޕީ އަދި ޕެޑް ފަދަ ތަކެތި ގިނަ އިރުވަންދެން ނުބަހައްޓައި ބަދަލުކުރާށެވެ.

ވިސްނާށެވެ. ޔޫއެންއެފްޕީއޭގެ ދިރާސާ ރިޕޯޓަކުން ދައްކާ ގޮތުގައި އުމުރުން 15 އަހަރާއި 17 އަހަރުގެ 85 ޕަސެންޓް ދިވެހި ކުދިން، އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގައެވެ. އަދި އުމުރުން 15 އަހަރުން ދަށުގެ 65 ޕަސެންޓަކީ އަމިއްލަ ރުހުމުގައި ޖިންސީ ގުޅުން ހިންގާ ކުދިންނެވެ. މީގެ އިތުރުން، އުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންގެ ތެރެއިން 92 ޕަސެންޓް ކުދިން ކައިވެނީގެ ބޭރުން، ރުހުމުގައި ޖިންސީ ގުޅުން ހިންގާކަމަށް ދައްކައެވެ. އަދި ކަސްބީންގެ ވާހަކަ ކޮބައިތޯއެވެ؟ ލިވާތާއި ސިހާގުގެ ލިސްޓް ވަޒަންކުރާނީ ކިހިނެއް ހެއްޔެވެ؟

سبحان الله! ކޮން ފަދަ ބޮޑު ފާފައެއްތޯއެވެ. ކޮން ފަދަ ބޮޑު ބިރުވެރިކަމެއްތޯއެވެ! ފާހިޝް އަމަލުތަކުން ގައުމު ތަގައްޔަރު ކުރަމުންދާއިރު ﷲ ސުބުހާނަހޫ ވަތައާލާގެ ހަޟުރަތުން އަތުވެދާނެ ކޯފާއަކަށް ބިރު ނުގަންނަނީ ހެއްޔެވެ؟ ސަދޫމާއި ޕޮންޕޭ ހަލާކު ކުރެއްވި ގޮތް ހަނދުމަކޮށްބަލާށެވެ. އަވަހަށް ތައުބާވާށެވެ. ކައިވެނީގެ އިމުގެ ތެރެއިން ޖިންސީ އުފާ ހާސިލްކުރާށެވެ. ފާހިޝް އަމަލުތަކާ ދުރަށް ދާށެވެ. ޒިނޭއާ ކައިރި ވެސް ނުވާށެވެ. ތިބާ މާދަމާ ދާން އޮތީ މާތް ﷲގެ ހަޟުރަތަށެވެ. އެދުވަހުން ތިބާ ޖަވާބުދާރީވާން ޖެހޭނެއެވެ.

ނޯޓް: ގޮނޯރިޔާ ޖައްސާ ޖަރާސީމަކީ ހަށިގަނޑުގެ ތެތް ފަށަލަތަކުގެ ތެރެއިން ބޭރުވުމަށް ފަހު އަވަހަށް މަރުވާ ޖަރާސީމެއް ކަމަށް ވިޔަސް އިންސާނާގެ ހަށިގަނޑުގެ ތެތްކަން އެކުލެވޭ ދިޔަ ފޭރާމާއި ބޭނުންކުރާ ތަކެތީގައި އުނގުޅި ނުހިކި ހުރެއްޖެ ނަމަ ގޮނޯރިޔާ ޖެހުމުގެ ފުރުޞަތު އޮވެއެވެ.