Roadha Mihaaru
ތި ޖަހާ ޖޯކުތަކެއް ކޮރޯނާވައިރަސްއަކަށް ނޭނގޭ

ތި ޖަހާ ޖޯކުތަކެއް ކޮރޯނާވައިރަސްއަކަށް ނޭނގޭ

14 ފެބުރުއަރީ 2021

ސޯޝަލް މީޑިއާގެ ބައެއް ގްރޫޕްތަކާއި ވަކިވަކި މީހުން އެހެރަ ފޮނުވާލާ މެސެޖްތަކުން ބައެއް ދިވެހިން މި އުޅެނީ ހާދަ މަތީގައޭ ހިތަށްއަރާ ކިތައްމެ ފަހަރެއް، ކޮވިޑް-19ގެ ތެރޭގައި ފައިބައިގެން ހިނގައްޖެ އެވެ. ބައެއް މީހުންގެ ލަދު ހަމަ ކުޑައީ އެވެ. އަނެއް ބަޔަކީ، ކަމުގެ ހަގީގަތް ނޭނގި، ރަނގަޅު މައުލޫމާތު ނެތި، އަބަދުވެސް ކޮންމެވެސް ފާޑުކިއުންތަކެއްގައި ވަގުތު ހޭދަކުރާ މީހުންނެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ސޯޝަލް މީޑިއާގެ ބައެއް ގްރޫޕްތަކާއި ވަކިވަކި މީހުން އެހެރަ ފޮނުވާލާ މެސެޖްތަކުން ބައެއް ދިވެހިން މި އުޅެނީ ހާދަ މަތީގައޭ ހިތަށްއަރާ ކިތައްމެ ފަހަރެއް، ކޮވިޑް-19ގެ ތެރޭގައި ފައިބައިގެން ހިނގައްޖެ އެވެ. ބައެއް މީހުންގެ ލަދު ހަމަ ކުޑައީ އެވެ. އަނެއް ބަޔަކީ، ކަމުގެ ހަގީގަތް ނޭނގި، ރަނގަޅު މައުލޫމާތު ނެތި، އަބަދުވެސް ކޮންމެވެސް ފާޑުކިއުންތަކެއްގައި ވަގުތު ހޭދަކުރާ މީހުންނެވެ.

އެންމެ ކުރުކޮށް ބުނަންޏާ ސޯޝަލް މީޑިއާގެ ވަސީލަތްތަކާ އެކު ކޮންމެ މީހަކީ ވެސް "ތަޖުރިބާކާރެކެ"ވެ. މައުލޫމާތު ނުހޯދައި، އަދި ލިބެން ހުރި މައުލޫމާތުތަކަށް ރަނގަޅަށް ވިސްނާލުމެއް ނެތި، ބޮޑެތި އަދި ނާޒުކު މައްސަލަތަކާ ގުޅުވައިގެން، ދާއިރާގެ ތަޖުރިބާކާރުންގެ އަގު ވައްޓާލުމަކީ، އެ ބައިގަނޑަށް، ވަރަށް ފަސޭހަ ކަމެކެވެ. ދެ ވަނަ ވިސްނުމަކަށް ދާނެ ސިކުނޑިއެއް ވެސް ނުހުރެ އެވެ. އެހެންކަމުން ތިމާގެ ހިތް އެދޭ ކަހަލަ މެސެޖެއް ސޯޝަލް މީޑިއާއިން ހަމަ ފެންނަ އިރަށް، އެޔަށް ތާއީދުކޮށް، އެ ފަތުރާލަ އެވެ.

ދެރަ އެވެ. ހަމަ ވަރަށް ދެރަ އެވެ.

އަހަރެމެން މި އުޅެނީ ކޮން ކަހަލަ ހާލަތެއްގައިތޯ، ފުރަތަމަ ސުވާލުކޮށްލަމާ ހިނގާށެވެ. އާއެނކެވެ. މި ހާލަތެއް އަހަރެމެންގެ މައިންބަފައިންނަކަށް ދިމައެއް ނުވެ އެވެ. މުޅި ދުނިޔެ ހުއްޓި، ގައުމު ހުއްޓި، އެތައް ބައެއްގެ މަސައްކަތް ހުއްޓި، ދިރިއުޅުން ވެސް ހުއްޓިފަ އެވެ. އެކަމަކު ރާއްޖެ ބަނޑަށް ޖެހި، މަގޫ ފަތް ކާން ޖެހުނު ޖީލު ތަޖުރިބާކުރި ފަދަ ވޭނާއި ކެކުޅުމާއި ހިތްދަތިކަން، ދެ ކަމަކާ ހުރެ، އަހަރެމެންގެ މި ޖީލަށް އަދި ކުރިމައްޗެއް ނުވެ އެވެ. ހަމްދާއި ޝުކުރެވެ. އެއް ކަމަކީ މި ޒަމާނުގެ ޓެކްނޮލޮޖީ އެވެ. އަނެއް ކަމަކީ އިލްމީ ގޮތުން އިންސާނުން ހޯދި ކުރިއެރުމާ އެކު، މި ކަހަލަ ބަލިމަޑުކަމަކަށް ބޭނުންވާ ހައްލު ހޯދުމުގެ ސްޕީޑް، ސިއްހީ ފަރުވާގެ ގޮތުންނާއި އިގުތިސާދީ ގޮތުން ވެސް އަވަސްވުމެވެ.

ޓެކްނޮލޮޖީ ކުރިއަށް ގޮސް އޮތުމުން ގޭގައި ތިބެގެން ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ކުރެވެ އެވެ. އެންމެ ކުޑަވެގެން ޑޮކްޓަރަށް ވެސް އެބަ ދެއްކެ އެވެ. އޮފީހުގެ މަސައްކަތް ކުރިއަށް ގެންދެވެ އެވެ. ވިޔަފާރިކޮށް، ފައިސާގެ މުއާމަލާތްތަކަށް ފަސޭހަ އެވެ. ސްކޫލަށް ދަަރިފުޅު ނުފޮނުވައި، ގޭގައި ފިލާވަޅު ނަގައިދެވެ އެވެ (ކިޔެވުން މުޅިން ހުއްޓުމަށް ވުރެ ކޮންމެވެސް ގޮތަކަށް އެކަން ކުރިއަށް ގެންދެވޭނެ ފުރުސަތު ލިބުން އޭގެ ޒާތުގައި ފައިދާ އެވެ).

ބައްޔެއް ނުފެތުރި އެކަމަކު ދުނިޔޭގެ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ދިވެހިން ހޭދަކުރީ ބަނޑުހައިހޫނުކަމުގެ ތަދެވެ. ހިޔާލަށް ގެންނާށެވެ. ރުކެއް، މޭވާ ނުވަތަ ފަލަމަޑީގެ ބާވަތެއް އަޅާ ގަހެއް، ވަލެއް، ސަލާމަތުން އޭގެ ގޮތުގައި ހެދި، ތާޒާކޮށް ހުރިޔަނަ/އޮތަކަ ނުދިނެވެ. ކިރިޔާ ވެސް ކެވޭ އެއްޗެއް ވިއްޔާ ކައި ހުސްކުރީ އެވެ. އެ އަނިޔާވެރި ވޭން، ޝަކުވާ އާއި ހިމޭންކަމުގައި ނަމަވެސް، އަހަރެމެންގެ ކާބަފައިން ތަޖުރިބާކުރި އެވެ. އެއްބަޔަކު އެ ނިކަމެތިކަމުގައި، އެއްވެެސް އެހީތެރިކަމެއް ނުލިބި، ނެތިފަނާވެ ދިޔައީ އެވެ.

އެކަމަކު އޭރާ ނުބަައްދަލު ބަލިމަޑުކަމެއްގައި އަހަރެމެންގެ ޒަމާނީ ޖީލު ހޭދަކުރަން ޖެހުނު އިރު، އެފަދަ ދައްޗެއް، އެ ނިސްބަތުން ކައިރި ކުރާ ވަރަށް ވެސް ކުރިމަތިނުވީ ކަންކަމުގެ ހައްލު ވެސް އޮތުމުންނެވެ. ސަރުކާރުން އެތައް ހާސް ބަޔަކަށް މާލީ އެހީތެރިކަން ދިނެވެ. ސަރުކާރު ދަރައިގެން ވިޔަސް، އެތައް ހާސް މުވައްޒަފުންނަކަށް މުސާރަ ފޯރުކޮށްދިނެވެ. ސިއްހީ ފަރުވާ ދެމެހެއްޓި އެވެ. އެންމެ އަސާސީ ވަސީލަތްތައް ހުސްވިޔަނުދީ ހިފެހެއްޓި އެވެ.

ބަލިމަޑުކަން ކޮންޓްރޯލްކުރަން، ސިއްހީ އެހީތެރިންނާއި ސިފައިންނާއި ފުލުހުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ އެތައް ސަތޭކަ ބަޔަކު، މަސައްކަތް ކުރަަމުން އެ ގެންދަނީ، ގައުމީ ޒިންމާއެއް ކަމަށް ނަގައިގެންނެވެ.

އެކަމަކު ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅެއް އަޅާ އިރަށް މަލާމާތާއި ފުރައްސާރަ އެވެ. ދުއްވާ އެއްޗެހި ވަކި ގަޑިއެއްގައި ދުއްވުން މަނާކުރާ އިރަށް، "ކޮވިޑް ޖައްސަނީ އުޅަނދުފަހަރުންހޭ"، ބުނެ ކުރާ ސުވާލުތަކެވެ. އާއެނކެވެ. ޖޯކެއްގެ ގޮތުގައި ނަގާ ނަމަ އެންމެ ރަނގަޅެވެ. ނަމަވެސް ކިތައްމެ ޒަމާނީ ބަޔަކަށް ވެގެން އުޅުނަސް، ސޯޝަލް މީޑިއާގެ ގްރޫޕްތަކުން ގިނައިން ފެންނަނީ، އެ ޖޯކްތައް ގަބޫލުކުރާ ތަނެވެ. އެއްޗެހި ދުއްވުން މަނާކުރުމުން، މީހުން އެއް ތަނުން އަނެއް ތަނަށް ދާން ހުރަސް އެޅޭކަމާއި އޭގެ ސަބަބުން ދޭދޭ މީހުންގެ ބައްދަލުވުންތައް މަދުކުރެވޭނެކަން، ހިތަކަށްނާރަ އެވެ.

ކޮވިޑާ ދެކޮޅަށް ސަރުކާރުން އެކުލަވާލާފައިވާ ސިއްހީ ޓީމުގައި އެތިބީ، ރާއްޖޭގެ ތަޖުރިބާކާރުންނެވެ. އެއީ ތަނެއްދޮރެއް ނޭނގޭ ބައެއް ނޫނެވެ. ބަލިމަޑުކަމުގެ ދާއިރާ އިން ކިޔަވައިގެން ތިބި އަދި ބަލިމަޑުކަމެއްގައި އާންމުންގެ އާދަތައް ހުންނަ ގޮތުން އެ ބައްޔެއް ފެތުރިދާނެ މޮޑެލްތައް ވެސް ހަދަން އެނގޭ މީހުންނެވެ. ދާއިރާގެ އިލްމުވެރިންނެވެ. އާންމު ރައްޔިތުން ސަލާމަތްކުރުމުގެ މަގުސަދުގައި ވަކި ފިޔަވަޅުތަކެއް އަޅަން އެމީހުން ނިންމާނީ ޖެއްސުމެއް ކުރަން ކަމަށް، ހިތަށްއެރުމަކީ ވެސް އަހަރެމެންގެ މައްސަލައެކެވެ. އާންމުންނަށް ޖެއްސުމެއް ކޮށްގެން އެ މީހުންނަށް ނުވަތަ ސަރުކާރަށް ލިބެން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް އެންމެ ވޯޓެއް ވެސް އިތުރުވާނެ ހެއްޔެވެ؟ ނޫނެކެވެ. އެހެން ކަމަށް ވާ ނަމަ، އަހަރެމެންގެ ހަރަކާތްތައް މިހާރަށް ވުރެ، ނުވަތަ ކުރިއަށް ވުރެ، ކޮންޓްރޯލްކުރުމުގެ މަގުސަދުގައި އަޅާ ކޮންމެ ފިޔަވަޅަކީ، "ޖޯކަކަށް" ހަދައިގެން މި ބަލިމަޑުކަމުން ސަލާމަތެއް ނެތެވެ.

ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް 200 އަށް ވުރެ މައްޗަށް ޖެހިލައިފި އެވެ. މާލެ ސަރަހައްދު ލޮކްޑައުންގައި އޮތް ދުވަސްވަރާ އަރާ ހަމަކުރީ އެވެ. އެކަމަކު ބަލި ބޮޑުވާ މީހުން ކުރިއަށް ވުރެ ގިނަވެއްޖެ އެވެ. ފުރަތަމަ ރާޅުގައި އެޑްމިޓްކުރަން ނުޖެހޭ ފަދަ ޒުވާން އުމުރުގެ މީހުން ވެސް މިހާރު އެޑްމިޓްކުރަނީ އެވެ. "މިއީ މިހާތަނަށް އަހަރެމެން ތަޖުރިބާކުރާ ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅު" ކަމަށް، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު، މީގެ ދެ ދުވަސް ކުރިން ވިދާޅުވީ، އެ ހުރިހާ ސަބަބަކަށް ނިސްބަތްކުރައްވާ ކަމަށް، ގަބޫލުކުރެވެ އެވެ.

އެ ނުރައްކާ މި އޮތީ ކުރިމަތީގަ އެވެ. އާބާދީގެ ނިސްބަތުން ވަކި މިންވަރަކަށް ވެކްސިން ޖަހައިގެން ނޫނީ ކުއްލި ތިރިވުމެއް، އާންމުން ބަސްއަހައި، ކިޔަމަންތެރިވުން ބޮޑުކޮށްގެން ނޫން ގޮތަކަށް، ނާންނާނެ އެވެ. ސައިންސް ބުނެދެނީ އެ ފިލާވަޅެވެ. އަހަރެމެން ގެންގުޅޭ މޮބައިލް ފޯނުތަކާއި ޒަމާނީ އާލާތްތައް އީޖާދުކުރި ފަދަ އިލްމީ ސިކުނޑިތަކަށް ފެންނަނީ އެ ހަގީގަތްތަކެވެ. ރާއްޖޭގައި ވެސް އަޅަމުން އަންނަނީ އެ އިލްމުވެރިން ބުނެދޭ ތަފާތު ފިޔަވަޅުތަކެވެ.

މާލެ ލޮކްޑައުންއަށް ދިއުމުގެ ކުރިން އެޅި ފިޔަވަޅުތަކުގައި މަގުތައް ހުސްކޮށް: ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ، މިކަމުން އަރައެއް ނުގަނެވޭނެ -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

މާލެ ލޮކްޑައުންއަށް ދިއުމުގެ ކުރިން އެޅި ފިޔަވަޅުތަކުގައި މަގުތައް ހުސްކޮށް: ބައްޔާ ދެކޮޅަށް އަޅާ ފިޔަވަޅުތަކަށް ސަމާލުކަން ނުދީ، މިކަމުން އަރައެއް ނުގަނެވޭނެ -- ފޮޓޯ: އަހުމަދު އަވްޝަން /މިހާރު

ނިއު ޒީލެންޑަކީ ދުނިޔޭގެ އެންމެ ތަރައްގީ އެއް ގައުމުކަން، ދިވެހިންނަށް އެނގޭނެ އެވެ. ދާން ބޭނުން ހުވަފެނީ މަންޒިލަކީ ކޮބައިތޯ ސުވާލެއް ކޮށްފި ނަމަ "ނިއު ޒީލެންޑޭ، ނިއު ޒީލެންޑޭ' ބުނެލާ ދިވެހިން ވެސް، ނިސްބަތުން ހަމަ ގިނަ އެވެ. މިއަދު އެ ލޮކްޑައުންކުރީ އެ ގައުމުގެ އެންމެ ބޮޑު ސިޓީ އޯކްލެންޑެވެ. ކޮވިޑަށް ކިތައް މީހުން ޕޮޒިޓިވް ވެގެން ހެއްޔެވެ؟ އެންމެ ތިން މީހުންނެވެ. "ތިނެކޭ" މި ބުނީ މި ލިޔުންތެރިޔާއަށް ޖެހުނު ލިއުމުގެ ކުށަކުންނެއް ނޫނެވެ. ހަމަ އެންމެ ތިން ކޭސް އެވެ. އެކަމަކު 1.7 މިލިއަން މީހުންގެ އާބާދީއެއް އޮތް ސިޓީ ތިން ދުވަހަށް، ދިވެހި ގިނަ ޒުވާނުންގެ ބަހުރުވަރިން ނަމަ، "ލޮކްޑައުން އެ އަރުވާލީ" އާންމުންނަށް ދިމާވާނެ ދަތިތަކަށް ފިކުރުކުރުމަށް ވުރެ، ބަލި ފެތުރުން ހުއްޓުވަން ހުރިހާ ވިސްނުމެއް ދޫކޮށްލައިގެންނެވެ. ބޮޑުވަޒީރު ޖަސިންޑާ އާޑާންގެ ބަހުން ނަމަ އެ ކޭސްތައް ފެނުމާ އެކު ގައުމު ފިޔަވަޅު މި އަޅަނީ "ވަރުގަދައަށް، އަވަހަށެ"ވެ.

އަހަރެމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ޓީވީއަށް އަރުއްވައި، އާ ލޮކްޑައުންނެއް އިއުލާންކުރައްވައިފި ނަމަ ގިނަ ދިވެހިން ބުނާނީ ކީކޭ ހެއްޔެވެ؟

"އެ އުޅެނީ މޮޔަވެގެން، އަހަރެމެންނަށް ޖެއްސުންކުރާށެވެ."

އާއެނކެވެ. ބަލި ކޮންޓްރޯލްކުރުމުގައި ސަރުކާރަށް ވެސް ގޯސްތަކެއް ހެދިފައި އެބަ ހުއްޓެވެ. މިސާލަކަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މާ އަވަސް، މާ ބޮޑު، ލުއިތަކެއް ދިނުމެވެ. ކޮވިޑާ ގުޅޭ ދައުލަތުގެ މުއާމަލާތްތަކުގައި ހިޔާނާތުގެ ކަންކަން ހިނގައިފި އެވެ. ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ސަރުކާރުގެ ބައެއް އޮފިޝަލުންނާއި އެމީހުންނާ ގުޅިފައި ތިބި އެތައް ބަޔަކު ނަގައި އަދި ނަގަމުން ވެސް ގެންދެ އެވެ. އެކަމަކު ކޮވިޑްގެ ކޭސްތައް ގިނަވުމާ އެކު އަނެއްކާވެސް ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅު ނާޅައި، އެއްވެސް ސަރުކާރަކަށް ނޯވެވޭނެ އެވެ.

އެ ފިޔަވަޅުތަކަށް އަހަރެމެން، ރައްޔިތުން، ޖޯކް ޖަހައިގެން ހޯދޭނެ ހައްލެއް ނެތެވެ. ސޯޝަލް މީޑިއާގައި ތިމާއަށް ފެންނަ އެތިވަރުތަކެއް ގޮވާލެވިދާނެ އެވެ. ދެ ވަނަ ވިސްނުމަކަށް ނުގޮސް އެ ގަބޫލުކުރާ ބަޔަކު، އެ ޖޯކްތައް ތަކުރާރު ވެސް ކޮށްފާނެ އެވެ. އެކަމަކު ކޮރޯނާވައިރަސްއަކަށް ޖޯކެއް، އެހެން އެއްޗެއް ވަކިކުރާކަށް ނޭނގެ އެވެ. އެއަށް ހަމައެކަނި އެނގެނީ އަހަރެމެންގެ ފުއްޕާމެއަށް ހަމަލާދޭށެވެ. އަހަރެމެންގެ ސެލްތައް، އޭގެ އަޅަކަށް ހަދައި، އެތައް މިލިއަނަކުން ގިނަކުރާށެވެ. ދިފާއީ ނިޒާމަށް ނުކުޅަދާނަ ވަރަށް އެ ވައިރަސްތައް ގިނަވެއްޖެ ނަމަ، ފުއްޕާމޭ ފުނޑެ އެވެ. ފެން އުފައްދާލަ އެވެ. ދަވަތަކުން ވައި ހޮޅިތައް ބައްދާލަ އެވެ. ހަށިގަނޑަށް އޮކްސިޖަން ނުލިބި، ހުއްޓުން އަރަ އެވެ.

އެޑްމިޓްކޮށް ފަރުވާދިނުން ނޫން ހައްލެއް ނެތެވެ. އެކަމަކު މިހާރު ރާއްޖޭގެ ހާލަތު މި އޮތީ އެނދުތައް ހުސްވާ ހިސާބުގަ އެވެ. އެހެންކަމުން ޖޯކަކުން ފުއްދާލައިގެން ތިބެވޭ ވަރަށް ވުރެ މި އުޅޭ ކޮވިޑް-19 މާ ބޮޑަށް ވެސް ނުރައްކަލެވެ.