Roadha Mihaaru
ބޮޑު ޗުއްޓީގައި 34،000 ދިވެހިން ރާއްޖެއިން ބޭރަށް

ސްކޫލު ބަންދުގައި 34،000 ދިވެހިން ރާއްޖެ އިން ބޭރަށް!

15 އޯގަސްޓް 2022

މިދިޔަ ސްކޫލު ބަންދުގައި 34،000 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އިން ބޭރަށް ދަތުރުކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ ސްކޫލު ބަންދުގައި 34،000 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އިން ބޭރަށް ދަތުރުކުރި ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

މި އަހަރުގެ ޖޫން 30 އިން މި މަހުގެ ހަތަކަށް ސްކޫލު ޗުއްޓީ ދިގު ދެމިގެން ދިޔައިރު، އެ ދުވަސްވަރާ ދިމާކޮށް އިމިގްރޭޝަނަށް އާދަޔާ ހިލާފަށް ބާރުބޮޑުވި އެވެ. ފަހު ވަގުތު އެތައް ބަޔަކު ޕާސްޕޯޓް ހައްދަން ހުށަހެޅުމުން އިމިގްރޭޝަންގެ މުވައްޒަފުން އެ ހިދުމަތް ދިނީ އިތުރު ގަޑި އާއި ބަންދު ދުވަސްތަކުގައި ވެސް ކުރި މަސައްކަތުންނެވެ.

"މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން އިމިގްރޭޝަންގެ މީީޑިއާ އޮފިސަރު ވިދާޅުވީ، މި ފަހަރުގެ ސްކޫލު ޗުއްޓީގައި 34,355 ދިވެހިން އެކި ގައުމުތަކަށް ދަތުރުކުރި ކަމަށެވެ. އެއީ ޖޫން 30 ގައި ސްކޫލުތައް ބަންދުވެ، މި މަހުގެ ހަތެއްގައި ސްކޫލުތައް ހުޅުވުމާ ހަމައަށް އެކި ގައުމުތަކަށް ދަތުރުކުރި ދިވެހިންގެ އަދަދެވެ.

ރާއްޖެ އިން ބޭރަށް ދަތުރުކުރި ދިވެހިންގެ އަދަދު އިންތިހާއަށް އިތުރުވިއިރު، އެއާ އެކު ރާއްޖެއިން ޑޮލަރު ބޭރުވި އަދަދު ވެސް އިތުރުވާނެ އެވެ. ކޮންމެ ޓިކެޓަކަށް 500 ޑޮލަރުގެ ރޭޓުން ބެލިޔަސް 17.2 މިލިއަން ޑޮލަރަށް އެ މުއްދަތުގައި ބޭރުވި އެވެ.

އިމިގްރޭޝަންގައި ޕާސްޕޯޓު ނަގަން ގޮސް ތިބި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމިގްރޭޝަންގައި ޕާސްޕޯޓު ނަގަން ގޮސް ތިބި ބައެއް މީހުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިމިގްރޭޝަންގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެ އިން ބޭރަށް ދަތުރުކުރި މީހުންގެ އަދަދަކީ 9،500 އެވެ. ނަމަވެސް މި އަހަރު އެ އަދަދު ގާތްގަނޑަކަށް ހަތަރު ގުނަ މައްޗަށް ވަނީ ޖެހިފަ އެވެ.

ޕާސްޕޯޓް ހެއްދި އަދަދު ވެސް މައްޗަށް

އިމިގްރޭޝަންގެ ތާރީހުގައި ވެސް އާންމުކޮށް ކޮންމެ ދުވަހަކު އެވްރެޖްކޮށް ހައްދަމުން އައީ 200 އެއްހާ ޕާސްޕޯޓެވެ. އެކަމަކު ޗުއްޓީ ގާތްވެ، މިދިޔަ މޭ މަހު ވަރަށް ބޮޑަށް ބާރުބޮޑުވި އެވެ.

ދުވާލެއްގެ މައްޗަށް 800 ވަރަކަށް ޕާސްޕޯޓް ހައްދަން އެ ދުވަސްވަރު ހުށަހެޅި އެވެ. ގާތްގަނޑަކަށް ކޮންމެ ދުވަހަކު އެ އަދަދަށް ޕާސްޕޯޓް ހައްދަން އެޕްލިކޭޝަންތައް ހުށަހެޅުމުން އިމިގްރޭޝަނުން ވަނީ އިތުރު ގޮތްތަކެއް ހޯދައި ހިދުމަތް އަވަސް ކޮށްފަ އެވެ.

އެ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޮވިޑަށް ފަހު ޕާސްޕޯޓް ހެއްދުމުގެ ލޯޑު މާ ބޮޑެވެ. ކޮވިޑްގެ ކުރިން އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ހުށަހަޅަމުން ދިޔައީ 5،000 އެއްހާ އެޕްލިކޭޝަނަށެވެ.

މިދިޔަ އަހަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޖޫން މަހާއި ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ޕާސްޕޯޓް އެޕްލިކޭޝަން ހުށަހެޅި އަދަދަކީ 5،281 އެވެ. އެކަމަކު މި އަހަރު އެ އަދަދު މާ ބޮޑުތަނުން ވެސް އިތުރު ވާނެ ކަމަށް ބެލެވެ އެވެ.

އިމިގްރޭޝަންގެ ބައެއް ތަފާސްހިސާބުތައް.

އިމިގްރޭޝަންގެ ބައެއް ތަފާސްހިސާބުތައް.

ބެލެވޭ ގޮތުގައި ދިވެހިން ރާއްޖެއިން ބޭރަށް ދަތުރުކުރާ ވަރު އިތުރުވީ ކޮވިޑާ ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމަށް ފަހު، ހުޅުވައިލުމާއި ސްކޫލު ޗުއްޓީއާ ވެސް ދިމާވެފައިވާތީ އެވެ. އަދި ކޮވިޑަށް ފަހު ބައެއް ގައުމުތަކަށް ދަތުރުކުރެވޭ އަގުތައް ވަރަށް ބޮޑަށް ހެޔޮވުމަކީ ވެސް އެއް ސަބަބު ކަމަށް ބައެއް މީހުން ބުނެ އެވެ.

މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދިވެހިން އެންމެ ގިނައިން ދަތުރުކުރި ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި ސްރީ ލަންކާ އަދި ޔޫއޭއީ އެވެ.