Roadha Mihaaru
ޚަބަރު ގެނެސްދިނުމުގައި މީޑިއާތަކުން ސަމާލުވާން އެދެފި

ބަދުއަހުލަގީ ވީޑިއޯތަކާ ގުޅޭ ޚަބަރުތައް ގެނެސްދިނުމުގައި މީޑިއާ އިން ސަމާލުވުމަށް އެޑިޓާސް ގިލްޑުން ގޮވާލައިފި

11 އޯގަސްޓް 2022

މި ފަހުން ރާއްޖޭގައި ފެންމަތިވެފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި އަދި ބައެއް މަރުތައް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެފަދަ ޚަބަރުތައް ގެނެސްދިނުމަށް އިތުރަށް ސަމާލުވުމަށް އެޑިޓާސް ގިލްޑުން މިއަދު ގޮވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ފަހުން ރާއްޖޭގައި ފެންމަތިވެފައިވާ ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާއި އަދި ބައެއް މަރުތައް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި އެފަދަ ޚަބަރުތައް ގެނެސްދިނުމަށް އިތުރަށް ސަމާލުވުމަށް އެޑިޓާސް ގިލްޑުން މިއަދު ގޮވާލައިފި އެވެ.

އެޑިޓާސް ގިލްޑުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އެއްވެސް ވަރެއްގެ ސެންސަރު ކުރުމެއް ނެތި އާންމުކުރުމުން މުޖުތަމައުގައި އެ ކަންކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ބަޔަކަށް ގަބޫލުކުރެވިދާނެ މިންވަރަށް އެ މޭރުމުން އެ ވާހަކަ ދައްކާތީ ކަންބޮޑުވާ ކަމަށެވެ.

ކުޑަކުދިންނާއި އާއިލާތަކުގެ ތެރޭގައި ވެސް އެ ކަންކަމަކީ "އޯކޭ" ކަމެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް އެހާ ފުޅާމިނުގައި އާންމުނުކުރުމަށް އެ ޖަމިއްޔާއިން އިލްތިމާސްކުރި އެވެ.

"އެއްޖިއްސުން ގުޅުން ހިންގުމަކީ މާތް الله ނަހީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު، އެ ފާހިޝް އަމަލު ހިންގުމަކީ އާންމު އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަކަށް އެކަމުގެ ޚަބަރުތައް ގެނެސްދީ، އެ ކަންކަން އާންމުކުރުމަކީ ޒިންމާދާރު މީޑިއާއަކުން ކުރާނޭ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުންޏެވެ.

ކޮންމެ ދުވަހަކު ވަކިވަ ކިސުރުހީތަކުގެ ދަށުގައި އެ އަމަލު ހިންގި ގޮތް ތަފްސީލުކޮށް ލިޔެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް އެކި ސިފަސިފައިފައި ޝާއިއުކުރުމުގެ ބަދަލުގައި، އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ޒިންމާދާރުކޮށް، ބާރު އެޅުމަށް މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ގޮވާލި އެވެ.

"އެފަދަ މައްސަލަތައް މީޑިއާތަކުން ރިޕޯޓްކުރާ އިރު، ފަރުދީ ފަރާތެކޭ ޒިންމާދާރު މަގާމެއްގައި ހުރި މީހެކޭ ތަފާތުކުރުމެއް ނެތި ހެޑްލައިން ހަދައިގެން އާންމު މީސްމީހުން ފަލީހަތް ނުކުރުމަށް ވެސް އިލްތިމާސް ކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކުރުން މި ދުވަސްވަރު އިތުރުވަމުން ދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވެސް މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.

އެ ވީޑިއޯތައް ދައުރު ކުރާތީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިއަދު ވަނީ ކަންބޮޑުވުން ފާޅުކުރައްވައި، އެކަން ހުއްޓުވަން ގާނޫނީ އޮނިގަނޑެއް އެކުލަވައިލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ސިއްރުން ރެކޯޑު ކޮށްފައި ވަނީ ބްލެކްމެއިލް ކުރަން ބޭނުން ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ލީކު ކުރަމުންދާ މީހުންނާއި އެކަމުގެ ފަހަތުގައި ތިބި މީހުން ފުލުހުން އަދި ހައްޔަރެއް ނުކުރެ އެވެ.