Roadha Mihaaru
އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސަކަށް ހިރިގާ ޒާހިރު

އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސަކަށް ހިރިގާ ޒާހިރު

18 ޖޫން 2021

ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުން ނުވަތަ އެޑިޓަރުން ހިމެނޭ، "އެޑިޓާސް ގިލްޑް" ގެ ރައީސަކަށް ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު އިންތިހާބު ކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ މީޑިއާތަކުގެ އިސް ބޭފުޅުން ނުވަތަ އެޑިޓަރުން ހިމެނޭ، "އެޑިޓާސް ގިލްޑް" ގެ ރައީސަކަށް ސަން އޮންލައިންގެ ކުރީގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު އިންތިހާބު ކޮށްފި އެވެ.

އެޑިޓާސް ގިލްޑްގެ ފުރަތަމަ އިންތިހާބުގައި އެ ޖަމިއްޔާ އަށް ރައީސެއްގެ އިތުރުން ދެ ނައިބު ރައީސަކު ވެސް އިންތިހާބުކުރި އެވެ. އެއީ "ދަ ޕްރެސް"ގެ އެޑިޓަރު އަލީ ޝަމްއާން އާއި "ވަން" އޮންލައިންގެ ސީއީއޯ ސިނާން އަލީ އެވެ.

އެ އިންތިހާބުގައި ޖަމިއްޔާގެ އިތުރު މަގާމުތަކަށް ވެސް ބޭފުޅުން އިންތިހާބުކުރި އެވެ. އޭގެ ތެރޭގައި ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް "މިހާރު" ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު، ޓްރެޝަރާ ކަމަށް "ރަސް" އޮންލައިންގެ އެޑިޓަރު މިދުހަތު އާދަމް ހިމެނެ އެވެ.

ރިޓަޔާޑް ނޫސްވެރިންގެ ގޮނޑި އަށް އިންތިހާބުކުރީ ޓީވީއެމްގެ އިތުރުން ވީޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުހައްމަދު އާސިފް (މޮންދު) އާއި ދިވެހި ރާއްޖޭގެ އަޑުގައި ކުރިން މަސައްކަތް ކުރެއްވި އިބްރާހީމް އުމަރު މަނިކެވެ.

އިބްރާހީމް މަނިކު ވަނީ ދިވެހިރާއްޖޭގެ އަޑާއި އަވަސް އޮންލައިންގެ އިތުރުން ޗެނަލް13 ގައި ވެސް އިސް މަގާމުތަކެއް ފުރުއްވައިފަ އެވެ.

އެޑިޓާސް ގިލްޑްގެ ފުރަތަމަ ރައީސް ހިރިގާ ޒާހިރު ވަނީ "ހަވީރު" ނޫހާއި "ސަން" އޮންލައިންގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގެ މުހިންމު ޖަމިއްޔާއެއް ކަމަށްވާ އެމްޖޭއޭ އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ. އެ ޖަމިއްޔާގެ ފައުންޑަރެއްގެ ގޮތުގައި އޭނާ ވަނީ ނޫސްވެރިކަން ކުރިއެރުވުމަށް، ހާއްސަކޮށް މިނިވަން މީޑީއާ އަށް ރާއްޖޭގައި ފުރުސަތު ހުޅުވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

ތިން އަހަރު ދުވަހުގެ މުއްދަތަކަށް މި ބޭފުޅުން އެޑިޓާސް ގިލްޑަށް އިންތިހާބު ކޮށްފައިވާއިރު މި އިންތިހާބުގައި ވޯޓުލުމަށް ޝަރުތަކީ ނޫސްވެރިކަމުގެ ދާއިރާގައި މެދުނުކެނޑި 10 އަހަރު ދުވަހުގެ މުއްދަތަކަށް މަސައްކަތް ކުރެއްވުމެވެ.