މާލޭގެ މަގެއްގެ މައްޗަށް ނިކުމެއްޖެ މީހަކު މިނިޓެއްގެ ތެރޭގައި ބޯހާސްވާނެ އެވެ؛ ވެހިކަލްތަކުން މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. ވެހިކަލް ކިއޫއެއްގައި ސިކުންތެއް މަޑުކުރަން ޖެހުނަސް ކަންފަތް ފަޅައިގެންދާ ވަރަށް ބަރުގޮނު އަޅާނެ އެވެ. ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނޯވެ އެވެ. ހުރިހާ ވެހިކަލްތަކެއް ފަޅާލާފައި ވެސް ގިނަ މީހުން ބަލަނީ އަވަހަށް ދެވޭތޯ އެވެ. މިއީ މާލޭގެ އާއްމު ހާލަތެވެ.
04 ޖެނުއަރީ 2017
މާލޭގެ މަގެއްގެ މައްޗަށް ނިކުމެއްޖެ މީހަކު މިނިޓެއްގެ ތެރޭގައި ބޯހާސްވާނެ އެވެ؛ ވެހިކަލްތަކުން މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. ވެހިކަލް ކިއޫއެއްގައި ސިކުންތެއް މަޑުކުރަން ޖެހުނަސް ކަންފަތް ފަޅައިގެންދާ ވަރަށް ބަރުގޮނު އަޅާނެ އެވެ. ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނޯވެ އެވެ. ހުރިހާ ވެހިކަލްތަކެއް ފަޅާލާފައި ވެސް ގިނަ މީހުން ބަލަނީ އަވަހަށް ދެވޭތޯ އެވެ. މިއީ މާލޭގެ އާއްމު ހާލަތެވެ.
ހައްލެއް ނުހޯދުނު މި މައްސަލަތަކާއި ތޮއްޖެހުން ކުރިއަށް އޮތް ތަނުގައި އަނެއްކާވެސް ބޮޑުވާނެ އެވެ. އެއީ، ޓެކްސީ ބޯޑަށް އެދޭ ހުރިހާ ފަރާތްތަކަށް އެ ހުއްދަ ދޫކުރާ ގޮތަށް ގަވާއިދު އިސްލާހުކޮށްފައި ވާތީ އެވެ. މިދިޔަ ހަފުތާގައި ގެޒެޓްކުރި ގަވާއިދުގައިވާ ގޮތުން އަލަށް ޓެކްސީ ކުރަން ބޭނުންވާ މީހަކު 50،000ރ. ގެ ޓެކްސީ ފީއެއް ދެއްކުމުން ބޯޑު ދޫކުރާނެ އެވެ. މާނައަކީ އެ ހުއްދައާ އެކު މާލޭގައި ދުއްވާ ޓެކްސީތަކުގެ އަދަދު ވެސް އިތުރުވުމެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ ހިސާބުތަކުން ދައްކާ ގޮތުގައި މާލޭގައި މިހާރު ވެސް 899 ޓެކްސީ ދުއްވަ އެވެ.
ގަވާއިދު އިސްލާހުކުރުމާ ހަމައަށް ޓެކްސީ ބޯޑު ދޫކުރުން އޮތީ ހިފަހައްޓައިފަ އެވެ. އެންމެ ފަހުން ޓެކްސީ ބޯޑު މީގެ ހަ އަހަރު ކުރިން ދޫކުރީ ވަކި އިންތިޒާމުތަކެއް ހަމަނުޖައްސައި ކަމަށް މި ސަރުކާރުން ދެކެ އެވެ. ބޭނުން ކޮންމެ މީހަކަށް ބޯޑު ދޫކޮށްލުމުގެ ވިސްނުން ސަރުކާރުން ގެންގުޅުނީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި، ޓެކްސީ ކުރަން ފަށަން ބޭނުންވާ މީހުންނަށް، ސެކަންޑަރީ މާކެޓްގައި ހުރި ބޯޑުތަކުގެ އަގު ބޮޑުކަމުން، އެ ފުރުސަތު ނުލިބޭތީ އެވެ.
މާކެޓްގައި މިހާރު ބޯޑު ވިއްކާ އަގުތަކާ އަޅާބަލާއިރު، 50،000ރ. އަކީ ހެޔޮ އަގެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ދެކެ އެވެ. މައްސަލައެއް ނެތެވެ. ޚިދުމަތް ފަށަން ބޭނުންވާ މީހުންނަށް ވިސްނައި އަގުހެޔޮކުރީ އެވެ. އެކަމަކު މި ބަދަލު ގެނައި އިރު ވެހިކަލްތަކުން މާލެ އިތުރަށް ތޮއްޖެހޭނެ މިންވަރާ މެދު ނުވިސްނީ ކީއްވެ ހެއްޔެވެ؟ ވެހިކަލްތަކުގެ ދުމުން ތަޣައްޔަރުވެފައިވާ، މާލޭގެ މާހައުލުގައި ތިމާވެށީގެ ގޮތުން އަނެއްކާވެސް އާއްމުންގެ ދިރިއުޅުމަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދު ވެސް ނުވިސްނާ ހެއްޔެވެ؟
މާލޭގެ މަގެއްގައި ޓެކްސީތަކެއް ދުއްވަނީ.--ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒް ދެކެވަޑައިގަންނަވާ ގޮތުގައި މި ބަދަލުގެ ކުރިން ވެސް ނިޒާމް ރޭވިފައި އޮތީ ތޮއްޖެހުމަށް ހައްލު ލިބޭ ގޮތަކަށް ނޫނެވެ. ގަވާއިދުތައް އޮންނަ ގޮތުން، މިހާރު ވެސް މާލެ އަށް އެތެރެކުރާ ކޮންމެ ވެހިކަލަކަށް ހުއްދަ ދޭން ޖެހެ އެވެ.
"ރާއްޖެ އެތެރެކޮށް ޝަރުތު ފުރިހަމަވާ އެއްވެސް އުޅަނދަކަށް ހުއްދަ ނުދީ ހިފަހައްޓާފައެއް ނުވާނެ މިހާތަނަކަށް،" ނާފިޒް ވިދާޅުވި އެވެ.
ޓެކްސީ ބޯޑު ވިއްކަން ނިންމައި ގަވާއިދު ގެޒެޓްކޮށްފައިވީ ނަމަވެސް އޭގެ މާ ބޮޑު ތަފްސީލެއް އާއްމުކޮށްފައެއް ނުވެ އެވެ.
ނާފިޒް ވިދާޅުވި ގޮތުގައި އެ އުސޫލްތައް ވަރަށް އަވަހަށް ކަނޑައަޅައި އާއްމުކުރާނެ އެވެ. ކޮންމެ މަހަކު ނުވަތަ ގިނަވެގެން ވިއްކާނީ ކިތައް ބޯޑުތޯ ކަނޑައަޅާނީ އެ އުސޫލްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ލިމިޓެއް ނެތި ދޫކޮށެއް ނުލާނެ،" ނާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ އަށް ވެހިކަލްތައް ގިނައިން އެތެރެކުރަނީ ޓެކްސީކުރަން ނޫން ކަމަށެވެ. ވެހިކަލްތައް އެތެރެކުރަނީ އެ މީހެއްގެ އަމިއްލަ އުފަލަށް ކަމަށްވާއިރު، ޓެކްސީ ލިބުމުގައި އާއްމުންނަށް މިހާރު ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމަށް ނާފިޒް ވިދާޅުވި އެވެ.
ބޯޑު ވިއްކަން ފަށާ އެއް ބޭނުމަކީ، ނާފިޒް ވިދާޅުވި ގޮތުގައި، ޓެކްސީ ނުލިބޭ ކަމަށް ކުރާ ޝަކުވާ އަށް ހައްލެއް ހޯދައިދިނުމެވެ. އޭގެ އިތުރުން ހަމައެކަނި ޓެކްސީކޮށްގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ތަނަވަސްކޮށްދިނުމާއި އެ ނޫން ވެސް ގިނަ މަގްސަދުތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބޯޑު ވިއްކުމާ އެކު އަމިއްލަ ފަރާތްތަކުގެ ވެހިކަލްތަކަށް ވެސް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ވިސްނައިފަ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފި ނަމަ، ޓެކްސީ ކުރަން އެޕްލިކޭޝަނެއް ބޭނުންކުރެވިދާނެ ކަމަށް ގަވާއިދުގައި ހިމަނާފައި ވަނީ އެހެންވެ އެވެ.
"އަމިއްލަ ފަރާތްތަކުން ޓެކްސީކުރާއިރު ނުހުންނާނެ ޓެކްސީ ބޯޑެއް ވެސް. އެޕްލިކޭޝަން ބޭނުންކުރަން ޖެހޭނީ،" ނާފިޒް ވިދާޅުވި އެވެ.
އާ ގަވާއިދު އޮތީ، ނާފިޒް ވިދާޅުވި ގޮތުގައި، ޓެކްސީ އަށް އޮންނަ ބޮޑު ޑިމާންޑަށް ވަރަށް ބޮޑު ލުޔެއް ލިބޭ ގޮތަށެވެ.
އެތެރެކުރާ ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރެވޭނެ އެއްގޮތެއް ވެސް އަދި ނެތެވެ. ކިތަންމެ ބައިވަރު ވެހިކަލެއް އެތެރެކުރިއަސް އެޅޭނެ ފިޔަވަޅެއް ވެސް ނެތެވެ.
މީހަކު ޓެކްސީއަކަށް އަރަނީ: ޓެކްސީގެ އަދަދު އިތުރުކުރުމުން ޑިމާންޑަށް ވެސް ލުޔެއް ލިބޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ދެކޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޕާކިން ސިސްޓަމްތަކާއި ޕާކިން ބިލްޑިންގުތައް މާލޭގައި އަޅަން ނިންމާފައި ވަނީ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. އެކަމަކު މި ގޮތަށް ހަދައިގެން ވެސް މުޅި މައްސަލައަށް ހައްލެއް ނުހޯދޭނެ އެވެ. ޕާކުކުރާނެ ޖާގަ ކުރިއަށް ވުރެ ތަނަވަސް ވެދާނެ އެވެ.
އެތެރެކުރާ ވެހިކަލްތަކުގެ އަދަދަށް ބަލާއިރު، އަލަށް ހަދާ ޕާކިން ޒޯނުތައް ފުރޭކަށް ވެސް މާ ގިނަ ދުވަހެއް ނުނަގާނެ އެވެ.
ތޮއްޖެހުން ކުޑަކުރަން، ނާފިޒް ވިދާޅުވި ގޮތުގައި، އެ ރަށެއްގައި ދުއްވޭނެ ވެހިކަލްތަކުގެ އަދަދު ކަނޑައަޅަން ޖެހެ އެވެ. އެއީ ތޮއްޖެހުން ކުޑަކުރަން މިހާތަނަށް ފެންނަން އޮތް އެންމެ ރަނގަޅު ހައްލު ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މާލެ އަށް ބަލާ ކަމަށް ވަންޏާ، މާލޭގެ ބިން އިތުރެއް ނުކުރެވޭނެ އަޅުގަނޑުމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް،" އޭނާ ވިދާޅުވި އެވެ.
މައްސަލަ އަށް ހައްލެއް ފެންނަން ނެތްއިރު، ވެހިކަލްތަކުން މަގުތައް އިތުރަށް ތޮއްޖެހޭނެ ގޮތަށް ހެދުމަކީ ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އިތުރު ތަކުލީފެއް އުފުލަން ޖެހޭނެ ކަމެކެވެ. ޓެކްސީގެ އާ ބޯޑުތަކާ އެކު އެ އުނދަގޫ އިތުރަށް ބޮޑުވާނެ ކަމާ މެދު ޝައްކެއް ނެތެވެ.
ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަށް ހިޔާލު ހޯދަނީ
ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ
ޑޮމެސްޓިކް ޓާމިނަލަށް ދާ ނަމަ އިތުރު ޗާޖެއް!
ބޭނުން އަގެއް ނަގާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު
މާލޭ ދަތުރަށް ދެކޮޅުހަދާ ޓެކްސީތައް ރިޕޯޓްކުރަން އެދެފި
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަތްކެއް ނުވާނެ
ނަމްބަރު ޕްލޭޓް މައްސަލަ: 3މިލިއަންގެ ބަދަލެއް ނުދިން
ޓެކްސީތަކުން ބޮޑު އަގު ނަގާ ނަމަ ޖޫރިމަނާ ކުރަނީ
ޓެކްސީ ދުއްވުމުގެ ނިޒާމް ހަމައަކަށް އެޅުވުން
ހެލްމެޓް މަޖުބޫރުކޮށް، ޓެކްސީގައި މީޓަރު ހަރުކުރަނީ