Roadha Mihaaru
ޓެކްސީ ރަޖިސްޓްރީކުރަން ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ

ޓެކްސީ ރަޖިސްޓްރީ ކުރަން ކުރިއެކޭ އެއްގޮތަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް ބަދަލުކޮށްފި

21 ސެޕްޓެމްބަރ 2024

ޓެކްސީ ރަޖިސްޓްރީކުރަން، ކުރިއެކޭ އެއްގޮތަށް ގަރާޖް ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ޓެކްސީ ރަޖިސްޓްރީކުރަން، ކުރިއެކޭ އެއްގޮތަށް ގަރާޖް ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އަނެއްކާވެސް ގަވާއިދު ބަދަލުކޮށްފި އެވެ.

ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް ގަވައިދުގައި އޮތް އޮތުން އުވާލައި ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 10،000ރ. ދެއްކުމުން ޓެކްސީތައް ރަޖިސްޓްރީކޮށްދޭ ގޮތަށް ބަދަލު ގެނައީ، ކުރީގެ ސަރުކާރުން ސެޕްޓެމްބަރު 2023ގަ އެވެ.

އެކަމަކު މި ގަވާއިދަށް އަމަލުކުރުން މި ސަރުކާރުން އޮތީ މަޑުޖައްސާލައިފަ އެވެ.

ގަރާޖަކާ ނުލައި ފީއެއް ނަގައިގެން ރަޖިސްޓްރީކޮށްދިނުމަކީ ގާނޫނީ ގޮތުން އެކަން ކުރެވޭނެ ގޮތަކަށް ނުވާތީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އޭޖީގެ ލަަފައާ އެކު ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކޮށް ގެޒެޓްކޮށްފަ އެވެ.

މި ބަދަލާ އެކު ޓެކްސީ ރަޖިސްޓްރީކޮށްދޭނީ ގަރާޖެއް އޮވެގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގަވައިދު ކުރިން އޮތް ގޮތަށް ބަދަލުކުރީ، ގާނޫނީ ގޮތުން ހުރި ފުށު އެރުންތަކާ އެކު އެގޮތަށް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީ އޮފީހުން ވެސް ލަފާ ދީފައި އޮތުމުން ކަމަށެވެ.

ގަރާޖް ސިޓީ ހުށަނާޅައި ރަޖިސްޓްރީކުރުމަކީ، ވެހިކަލްތަކުން ތޮއްޖެހިފައި އޮތް މާލެ ސަރަަހައްދަށް ބަލާއިރު ރަނގަޅު ކަމެއް ނޫން ކަމަށް ވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން އޮތީ ބުނެފަ އެވެ.